ސުޕްރީމް ކޯޓުގެ އެސްޖީއަށް އިންޒާރެއް ނުދެން، ދިނީ ނަސޭހަތް: އުއްތަމަ ފަނޑިޔާރު

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް، ޑރ. ހުސައިން ފާއިޒަށް އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ އިންޒާރު ދިން ކަމަށް ބުނާ ވާހަކަ އޭނާ މިއަދު ދޮގުކުރައްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލަށް އުއްތަމަ ފަނޑިޔާރު އިންޒާރުދިން ކަމަށް ބުނާ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ބަލަން ފަށައިފައެވެ.

ޖޭއެސްސީއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖޭއެސްސީގެ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ނެރެފައިވާ ގަވައިދު ތަކަށާއި އުސޫލުތަކަށް އަމަލު ނުކުރުމަށް ސުޕްރީމް ކޯޓުގެ ސެކްރެޓެރީ ޖެނެރަލަށް އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ އަންގާފައިވާ ކަމަށެވެ.

އަދި ސުޕްރީމް ކޯޓުގެ ސެކްރެޓެރީ ޖެނެރަލްގެ މަސައްކަތަށް އުއްތަމަ ފަނޑިޔާރު ހުރަސް އަޅުއްވާފައިވާ ކަމަށްވެސް ޖޭއެސްސީއިން ބުންޏެވެ.

"ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާ އެއްވެސް މުއާމަލާތެއް ނުކުރުމަށާއި. ޑީޖޭއޭއާ ގުޅިގެން ސުޕްރީމް ކޯޓުގެ ސެކްރެޓެރީ ޖެނެރަލް ބަޣާވާތެއް ކުރައްވަން އުޅުއްވާކަމަށް ތުހުމަތުކުރައްވައި ޑީޖޭއޭ އާ އެއްވެސް މުއާމަލާތެއް ކޮށްފި ނަމަ މަގާމުން ވަކިކުރާނެ ކަމުގެ އިންޒާރު ސުޕްރީމް ކޯޓުގެ ސެކްރެޓެރީ ޖެނެރަލްއަށް ދީފައިވޭ." ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ އިންޒާރާ ގުޅިގެން އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށް ޖޭއެސްސީއިން ވަނީ ބުނެފަ އެވެ.

ނަމަވެސް އުއްތަމަ ފަނޑިޔާރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެއީ ހަގީގަތް އޮޅޭގޮތަށް ނެރެފައިވާ ބަޔާނެއް ކަމަށެވެ. ސެކްރެޓަރީ ޖެނެރަލް އަށް އިންޒާރު ދީފައި ނުވާނެ ކަމަށާއި، ނަމަވެސް އެމަނިކުފާނުގެ މައްޗަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭގޮތަށް ސެކްރެޓަރީ ޖެނެރަލް އަމަލުކުރައްވާފައި ވާތީ، ނަސޭހަތް ދެއްވާފައިވާނެ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުގެ އެންމެ އިސް ފަރާތަކީ އުއްތަމަ ފަނޑިޔާރު ކަމަށް ގާނޫނުގައި ކަނޑައެޅިގެން ބަޔާންވެފައި އޮތް ނަމަވެސް، އެ މާއްދާތަކާ ހިލާފަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކޯޓުތަކުގެ އެތެރޭގެ އިދާރީ ހިންގުމާ ބެހޭ އުސޫލުތައް ކަނޑައަޅައި އަންގާ އެންގުންތަކަށް ރިއާޔަތްކޮށް، އުއްތަމަ ފަނޑިޔާރަށް އެންގުމެއް ނެތި އަދި ހުއްދައެއް ނެތި ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒް ސުޕްރީމް ކޯޓުގެ މުވައްޒަފުންގެ ބައްދަލުވުން ބާއްވާފައިވާ ކަމަށެވެ.

އަދި ކޯޓު ހިންގުމުގެ އެންމެ އިސް ވެރިޔަކީ އުއްތަމަ ފަނޑިޔާރު ނޫން ކަމަށާއި، އެ ފަރާތަކީ ސެކްރެޓަރީ ޖެނެރަލް ކަމަށް ވިދާޅުވެ، އުއްތަމަ ފަނޑިޔާރުގެ އިރުޝާދަށް ތަބާވާން ނުޖެހޭ ކަމަށާއި ރިޕޯޓުކުރަން ޖެހޭ ފަރާތަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމަށް ވިދާޅުވެ، ދުސްތޫރީ އަދި ގާނޫނީ މާއްދާތަކުގެ ބާރު ކެނޑޭ ގޮތަށް އަމަލު ކުރައްވާފައިވާ ކަމަށެވެ.

"އަދި މި އަމަލުތަކުގެ ސަބަބުން ސުޕްރީމް ކޯޓުގެ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފެދި ކޯޓުގެ އެތެރޭގެ ހަމަޖެހުމާއި މަސްލަހަތު ދަނީ ގެއްލެމުންނެވެ." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އަދި ސެކްރެޓަރީ ޖެނެރަލްގެ އަމަލުތަކުގެ ސަބަބުން އުއްތަމަ ފަނޑިޔާރާ ގާނޫނުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އެޅެމުން އަންނަ ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ސެކްރެޓަރީ ޖެނެރަލް އަށް ނަސޭހަތް ދިނުމަކީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށާއި އެގޮތުގެ މަތިން ޑރ. ހުސައިން ފާއިޒް އާ ވާހަކަ ދައްކައި ނަސޭހަތްދީ، އެފަދަ އަމަލުތައް ތަކުރާރު ނުކުރެއްވުމަށް ދަންނަވާފައި ވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އަދި ކޯޓުގެ މަސްލަހަތު ނަގައިލެވޭ ގޮތަށް އެފަދަ އަމަލުތައް ތަކުރާރު ކުރައްވާ ނަމަ، އެންމެހައި މުވައްޒަފުންގެ މައްޗަށް ހަމަހަމަ ގޮތެއްގައި ގަވާއިދުތައް ހިންގުމަށް އޮންނަ އުސޫލުގެ ދަށުން ޑރ. ހުސައިން ފާއިޒާ މެދުގައި ވެސް ގަވާއިދުން ފިޔަވަޅު އެޅުމަށް ހުރަހެއް ނޯންނާނެ ކަން އަންގައިފައި ވާނެ ކަމަށެވެ.

"އެފަދަ އެންގުމެއް އެންގުމަކީ އަޅުގަނޑު އޭނާއަށް އިންޒާރު ދިނުން ކަމުގައި ބެލެވޭނެ އެއްވެސް ހަމައެއް ނޯންނާނެ ކަމާއި އަދި އެއީ ސުލުކީ މައްސަލައެއް ކަމުގައި ބަލާނެ އެއްވެސް އަސާސެއް ވެސް ނޯންނާނެ އެވެ." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެއީ އެމަނިކުފާނުގެ ދުސްތޫރީ އަދި ގާނޫނީ މަސްއޫލިއްޔަތު އަދާކުރުން ކަމަށާއި، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުތަކަކީ ވަކި ބައެއްގެ މައްޗަށް ހިނގާފައި، ވަކި މީހެއްގެ މަސްލަހަތާއި ފައިދާއަށްޓަކައި އެއް ފަރާތް ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.

އެހެންކަމުން ޝަރުއީ ދާއިރާގެ ކޮންމެ މުވައްޒަފަކުވެސް ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލު ކުރަމުން ގެންދިއުމަށް އުއްތަމަ ފަނޑިޔާރު ވަނީ ހަނދާންކޮށްދެއްވައިފައެވެ.

މި މައްސަލައިގެ އިތުރުން ވެސް އުއްތަމަ ފަނޑިޔާރުގެ ގިނަ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއިން ދަނީ ބަލަމުންނެވެ. އޭގެ ތެރޭގައި ޖޭއެސްސީއިން ދިން ނަސޭހަތް ގަބޫލު ނުކުރި މައްސަލައެއްވެސް ހިމެނެ އެވެ. އޭގެ އިތުރުން ސުޕްރީމް ކޯޓުގެ އެހެން ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއްވެސް ޖޭއެސްސީއިން ދަނީ ބަލަމުންނެވެ.

comment ކޮމެންޓް