އދ. (ނޮވެމްބަރު 5): ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ.ގެ ޕެރިސް މުއާހަދާއިން އެމެރިކާ ވަކިވާން އުޅޭކަން އެގައުމުން އދ.އަށް ރަސްމީކޮށް އަންގައިފި އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވިދާޅުވި ގޮތުގައި އެގައުމުން އދ.އަށް އެ ނޯޓިސް ފޮނުވުމާއެކު ޕެރިސް މުއާހަދާއިން ވަކިވުމުގެ މަރުހަލާތައް ވަނީ ފެށިފަ އެވެ. އަދި އަންނަ އަހަރުގެ ނޮވެމްބަރު ހަތަރެއްގައި އެމެރިކާއިން ޕެރިސް މުއާހަދާއިން ވަކިވާނެ އެވެ.
މިހާރު 197 ގައުމުން ސޮއިކޮށްފައިވާ ޕެރިސް މުއާހަދާ އެކުލަވާލީ 2015 ވަނަ އަހަރުގަ އެވެ. އެ މުއާހަދާގެ ދަށުން ގައުމުތަކުން ވަނީ ޖައްވަށް ބޭރު ކުރާ ގްރީންހައުސް ގޭސްގެ މިންވަރު މަދު ކުރުމަށް އެއްބަސްވެފަ އެވެ. އަދި އެ މުއާހަދާގައި ވަނީ ދުނިޔޭގެ ޖައްވުގެ ފިނި ހޫނުމިން، ސިނާއީ އިންގިލާބު (އިންޑަސްޓްރިއަލް ރިވޮލިއުޝަން)ގެ ކުރިން ހުރި މިންވަރާ އަޅައިބަލާއިރު، ދެ ޑިގްރީ ސެލްސިއަސްއަށް ވުރެ މަތި ނުވާނެ މިންވަރެއްގައި ބެހެއްޓުމަށް ކަނޑައަޅާފަ އެވެ.
ނަމަވެސް 2017 ވަނަ އަހަރު އެމެރިކާގެ ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމުއާހަދާގެ ސަބަބުން އެގައުމުގެ އިގުތިސާދަށް ގެއްލުންވާނެ ކަމަށް ވިދާޅުވެ، އެ އެއްބަސްވުމުން އެގައުމު ވަކިވާނެކަން އިއުލާން ކުރައްވާފަ އެވެ.
ޓްރަމްޕްގެ އެނިންމެވުމާ ގުޅިގެން އެމެރިކާގެ ގިނަ އަދަދެއްގެ މީހުންނާއި ބޭރު ގައުމުތަކުންވެސް ވަނީ ރައީސަށް ފާޑު ކިޔާފަ އެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އަންނަ އަހަރުގެ ނޮވެމްބަރު ތިނެއްގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޓްރަމްޕް ނާކާމިޔާބުވެ، ދެން އަންނަ ރައީސަކު އެ ނިންމެވުން ބަދަލު ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފަ އެވެ.