މާލެއާ އެއްވަރަށް ރަށްރަށުގެ ކަރަންޓު އަގުހެޔޮ ކުރުމުން މަހަކު ފަސް މިލިއަންގެ ގެއްލުން!

ސްޓެލްކޯ--- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

މި އަހަރުގެ މާޗު މަހުން ފެށިގެން، މާލެ ސަރަހައްދަށް ކަރަންޓު ދޫކުރާ ރޭޓުން ހުރިހާ ރަށަކަށް ކަރަންޓު ދޫކުރަން ފެށުމުން ސްޓެލްކޯއަށް މަހެއްގެ މައްޗަށް ފަސް މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ޕާފޯމަންސް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކުރި ރިޕޯޓުގައި ބުނެފައި ވަނީ 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް ފަސް ފަހަރެއްގެ މަތިން ކަރަންޓުގެ އަގުތަކަށް ބަދަލުގެނެސްފައިވާ ކަމަށެވެ.

އެގޮތުން މި އަހަރުގެ މާޗު މަހުގެ ފުރަތަމަ ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގެ ޑޮމެސްޓިކް ކެޓަގަރީގެ ހުރިހާ ބޭންޑެއްގެ ޓެރިފް މާލެ ސަރަހައްދާ އެއް އަގަކަށް ބަދަލުކުރުމާ މާލެ ސަރަހައްދު ފިޔަވައި ހުރިހާ ރަށެއްގެ ވިޔަފާރި ކެޓަގަރީގެ އަގުތައް ފުވައްމުލައް އަދި އައްޑޫ ސިޓީގެ އަގުތަކާ އެއްގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެ ބަދަލުގެ ސަބަބުން ކުންފުންޏަށް މަހަކު ފަސް މިލިއަން ރުފިޔާގެ ގެއްލުން ވި ކަމަށާއި ނަމަވެސް އެ ގެއްލުން ފޫބައްދަން ސަރުކާރުން ސަބްސިޑީ ދީފައިވާކަމަށް ރިޕޯޓުގައިވެއެވެ.

2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް ކަރަންޓުގެ ހިދުމަތަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ސްޓެލްކޯއަށް މަހެއްގެ މައްޗަށް 2،120،854 ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ.

ނަމަވެސް އެ ގެއްލުން ފޫބެއްދުމަށްޓަކައި 2018 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ނިޔަލަށް 17،585،634 ރުފިޔާ ކަރަންޓު ސަބްސިޑީގެ ގޮތުގައި ސްޓެލްކޯއަށް ދީފައިވާކަމަށް ރިޕޯޓުގައިވެއެވެ.

ކަރަންޓު ހިދުމަތަށް ގެނައި ބަދަލާއި ސަބްސިޑީގެ ތަފްސީލް:

2016: ދައުލަތުން ދެމުން ގެންދިޔަ ޔޫސޭޖް އަދި ތެލުގެ ސަބްސިޑީ ހުއްޓާލުމަށްފަހު މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ހުރިހާ ރަށަކަށް ޑޮމެސްޓިކް ޓެރިފް ރޭޓު އެއްގޮތް ކުރި. މި ގެއްލުމަށް ސަރުކާރުން ސަބްސިޑީ ދީފައެއް ނުވޭ.

2016: އެކަން ފޫބެއްދުމަށް މާލެ ސަރަހައްދުގެ ވިޔަފާރި ކެޓަގަރީއަށް އިތުރު ދެ ބޭންޑު ތައާރަފުކުރި. މި ބަދަލުގެ ސަބަބުން ކުންފުނީގެ އާމްދަނީ އިތުރުވި.

2017: މާލެ ސަރަހައްދުގައި ހިންގަމުންދާ ޓާޝަރީ ހޮސްޕިޓަލްތަކަށް ލުޔެއް ދިނުމުގެ ގޮތުން ހޮސްޕިޓަލްތަކަށް ފްލެޓު ރޭޓު ޓެރިފެއް ތައާރަފުކުރި. ހޮސްޕިޓަލްތަކަކީ ވިޔަފާރި ކެޓަގަރީގައި ހިމެނޭ އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ތަންތަނަށް ވުމުން، މި ގެނެވުނު ބަދަލާއެކު ކުންފުންޏަށް މަހަކު ދެ މިލިއަން ރުފިޔާގެ ގެއްލުން ވި ނަމަވެސް އެ ގެއްލުމަށް ސަރުކާރުން ސަބްސިޑީ ދީފައެއް ނުވޭ.

2018: ރާއްޖޭގެ ހުރިހާ ރަށެއްގެ ޑޮމެސްޓިކް ކެޓަގަރީގެ ފުރަތަމަ ހަތަރު ބޭންޑު މާލެ ސަރަހައްދުގެ ޓެރިފް ރޭޓުތަކާ އެއްގޮތަށް ބަދަލުކުރި. މީގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ގެއްލުމާ އެއްވަރުގެ ސަބްސިޑީއެއް ސަރުކާރުން ދީފައިވާ.

2019: ރާއްޖޭގެ ހުރިހާ ރަށެއްގެ ޑޮމެސްޓިކް ކެޓަގަރީގެ ހުރިހާ ބޭންޑެއްގެ ޓެރިފް މާލެ ސަރަހައްދާ އެއް އަގަކަށް ބަދަލުކުރުމާ މާލެ ސަރަހައްދު ފިޔަވައި ހުރިހާ ރަށެއްގެ ވިޔަފާރި ކެޓަގަރީގެ އަގުތައް ފުވައްމުލައް އަދި އައްޑޫ ސިޓީގެ އަގުތަކާ އެއްގޮތަށް ބަދަލުކުރި. މި ބަދަލުގެ ސަބަބުން ކުންފުންޏަށް މަހަކު ފަސް މިލިއަން ރުފިޔާގެ ގެއްލުން ވި. އެ ގެއްލުން ފޫބައްދަން ސަރުކާރުން ސަބްސިޑީ ދީފައިވޭ.

ސްޓެލްކޯއަށް ލިބެންޖެހޭ 326 މިލިއަން ނުލިބޭ!

ސްޓެލްކޯއިން ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ނުލިބިވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން 2017 ވަނަ އަހަރުގެ ނިޔަލަށް 326،911،561 ރުފިޔާ އަކީ ކުންފުންޏަށް ލިބެންޖެހޭ ފައިސާކަމަށް މާލީ ބަޔާންތަކުގައި ހިމަނާފައިވެއެވެ. އޭގެ ތެރެއިން 315،482،151 ރުފިޔާއަކީ އަކީ މާލެ ސަރަހައްދުން ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާއެވެ.

ދައުލަތުގެ މުއައްސަސާތަކުން ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާ 2014 އިން ފެށިގެން 2017 އަށް އިތުރުވެފައިވާއިރު، ކުންފުންޏަށް ނުލިބިވާ ފައިސާގެ 50 ޕަސެންޓަކީ ދައުލަތުގެ މުއައްސަސާތަކުން ސްޓެލްކޯއަށް ދައްކަން ޖެހޭ ފައިސާއެވެ.

ނަމަވެސް ދައުލަތުގެ މުއައްސަސާތަކުން ކަރަންޓު ކަނޑާލައިފިނަމަ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތަށް ބުރޫއަރާނެތީ ސްޓެލްކޯއިން އެ މުއައްސަސާތަކާ ދެކޮޅަށް ކަރަންޓު ކަނޑާލުން ފަދަ ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ.

ދައުލަތުން ލިބެންޖެހޭ ފައިސާ ލިބުން ލަސްވުމުގެ ސަބަބުން އެސްޓީއޯއިން ގަންނަ ޑީސަލުގެ އަގު އަދާކުރުން ސްޓެލްކޯއިން ލަސްކުރަމުންދާކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އަދި އެސްޓީއޯއަށް ފައިސާ ދައްކަމުން ދަނީ ދައުލަތުގެ މުއައްސަސާތަކުން ކަރަންޓު ބިލަށް ފައިސާ ލިބެމުންދާ ވަރަށް ކަމަށް ސްޓެލްކޯއިން ވަނީ މައުލޫމާތު ދީފައެވެ.

އޮޑިޓު އޮފީހުގެ ރިޕޯޓުގައި ބުނެފައި ވަނީ އޮޑިޓްކުރެވުނު މުއްދަތުގެ ތެރޭގައި ސްޓެލްކޯއަށް ނުލިބި ހުރި ފައިސާގެ މިންވަރު މަދުކުރެވިފައިވާ ކަމަށާއި، 2014 އިން 2017 އަށް ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ހޭދަވި މުއްދަތު 99 ދުވަހުން 71 ދުވަހަށް ކުޑަވެފައިވުމުން، ލިބެންޖެހޭ ފައިސާ ހޯދުމަށް ސްޓެލްކޯއިން ކުރާ މަސައްކަތުގެ ނަތީޖާ ފެންނަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް