ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ބައިގެ ފައިނަލުގައި ރޭ ކުޅުނު ފޯރިގަދަ މެޗަކަށް ފަހު ދެ ސެޓު އެއް ސެޓުން ނިބާލް އަހުމަދު ބަލިކޮށް، ރެކޯޑު ނުވަ ވަނަ ބެޑްމިންޓަން ތަށި ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު އަޖުފާން އުފުލާލައިފި އެވެ.
ކުޅިވަރު އެކުވެނީގައި ރޭ ކުރިއަށް ދިޔަ 46 ވަނަ ގައުމީ މުބާރާތުގައި ޖެހިޖެހިގެން ތިންވަނަ އަހަރު ފައިނަލުން ފުރުސަތު ހޯދައިގެން ފައިނަލު މެޗުން އަޖުފާން މޮޅުވީ ޒުވާން ކުޅުންތެރިޔާ ނިބާލްއާ ވާދަކޮށް މޮޅު ކުޅުމެއް ދައްކައިގެންނެވެ. އެ މެޗުގެ ފުރަތަމަ ސެޓު ފެށިގެން ހަމަހަމަ ކަމާ އެކު ކުރިއަށް ދިޔަ އިރު އަޖުފާން ދިޔައީ ލީޑު ދަށްވިޔަ ނުދީ ހިފަހައްޓަމުންނެވެ. ސެޓުގެ މެދަކާ ހަމައަށް އަޅާލި އިރު އަޖުފާން ލީޑު ފުޅާ ކޮށްގެން ސެޓު ނިންމާލީ 21-16 އިންނެވެ.
ފުރަތަމަ ސެޓު އެގޮތަށް ނިމުނު ނަމަވެސް ދެވަނަ ސެޓުގައި ނިބާލް ވަނީ ހިތްވަރާ އެކު ކުޅެ އަޖުފާންއަށް ހެދޭ ގޯސްތަކުގެ ފައިދާ ނަގައިގެން މޮޅުވެފަ އެވެ. އެ ސެޓު މެދަކާ ހަމައިން އަޖުފާން ޖެހި ޝޮޓެއް ނެޓުގައި ޖެހިފައި ދިޔަ ޕޮއިންޓެއް ނިބާލްއަށް ދިނުމުން އޭނާ ވަނީ ރުޅިވެރިކަމާ އެކު ރެފްރީއާ މުޙާތަބު ކޮށްފަ އެވެ. އެކަމަށް އޭނާއަށް ރެފްރީ ވަނީ ރީންދޫ ކާޑެއް ވެސް ދައްކައިފަ އެވެ. ނިބާލް އެ ސެޓު ކާމިޔާބު ކުރީ 19-21 އިންނެވެ.
ތިން ވަނަ ސެޓު ފެށިގެން ދެ ކުޅުންތެރިން ވެސް ހަމަހަމަ ކަމާ އެކު ކުޅެމުން ދިޔައިރު އަޖުފާން ލީޑު ފުޅާ ކުރީ ސެޓު ދެބައިވި ފަހުންނެވެ. ސެޓުގެ 16-12 އަށް އަޖުފާން ލީޑު ނަގާފައި އޮއްވާ ނިބާލް ވަނީ 16-15 އަށް އެ ލީޑު ކުޑަ ކޮށްފަ އެވެ. ނަމަވެސް އަޖުފާން ވަނީ އޭގެ ފަހުން އަނެއްކާ ވެސް ލީޑު ފުޅާކޮށް ސެޓު ގެންގޮސްފަ އެވެ. އެ ސެޓު އޭނާ ގެންދިޔައީ 21-17 އިންނެވެ.
މި ދެ ކުޅުންތެރިންނަކީ މިދިޔަ އަހަރު ގައުމީ މުބާރާތުގެ ފައިނަލުގައި ވެސް ވާދަކުރި ދެ ކުޅުންތެރިންނެވެ. އެފަހަރުގެ ފައިނަލުގައި ސީދާ ތިން ސެޓު ކާމިޔާބުކޮށް ތަށި އުފުލާލީ އަޖުފާން އެވެ.
މީގެ އިތުރުން ރޭ ވަނީ އިތުރު ކެޓަގަރީތަކެއްގެ ފައިނަލު ވެސް ކުޅެފަ އެވެ. އެގޮތުން މިއަހަރުގެ އަންހެން ސިންގަލްސް ބައިން އެއްވަނަ ހޯދީ މިދިޔަ އަހަރުވެސް އެ ތަށި ހޯދި ފާތިމަތު ނަބާހާ އަބްދުލް ރައްޒާގް އެވެ.
މިފަހަރުގެ އަންހެން ސިންގަލްސް ފައިނަލުގައި ވާދަ ކުރީ ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނޭ ދެބެންނެވެ. މީގެ ދެ އަހަރު ކުރިން މުބާރާތުގެ ތަށި ހޯދި އައިމިނަތު ނަބީހާ އަބްދުލް ރައްޒާގު ބަލިކޮށް ނަބާހާ ޖެހި ޖެހިގެން ދެވަނަ އަހަރަކު ތަށި އުފުލާލީ ދެ ސެޓު އެއްސެޓުން މޮޅުވެގެންނެވެ.
ފުރަތަމަ ސެޓު ވާދަވެރި ކުޅުމަކަށްފަހު ނަބާހާ ކާމިޔާބު ކުރީ 18-21 އިންނެވެ. ނަމަވެސް ދެވަނަ ސެޓު ހަމަ އެ ނަތީޖާއިން ނަބާހާ ވަނީ ކާމިޔާބުކޮށްފަ އެވެ. ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓުން ނަބާހާ މޮޅުވީ 19-21 ގެ ހަނި ނަތީޖާއަކުންނެވެ.
ނަބީހާ ސިންގަލްސް ބައިގެ ފައިނަލުން ބަލިވި ނަމަވެސް އޭނާ ވަނީ ނަބާހާއާ އެކު ޑަބަލްސް ފައިނަލުގައި ކުޅެ ތަށި ހޯދައިފަ އެވެ. ވުމެންސް ޑަބަލްސްގެ ތަށި ނަބާހާ އަދި ނަބީހާގެ ޕެއާއިން ހޯދީ މިރޭގެ ފައިނަލުގައި އައިމިނަތު ޝަހުރުނާޒު މޫސާއާއި ފިރުޝާނާ ނަސީރު ބަލިކޮށްގެންނެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 21-16، 18-21 އަދި 13-21 އިންނެވެ.
އަންހެން ކެޓަގަރީގެ ސިންގަލްސް ބައިގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްގެން އެއްވަނަ ހޯދީ އައިޝަތު ފައިނާޒް އެވެ. އޭނާ އެ ކެޓަގަރީގެ ތަށި ހޯދީ ރޭ ކުޅުނު ފައިނަލުގައި ފިރުޝާނާ ނަސީރު ބަލިކޮށްގެންނެވެ. އޭނާ އެ މެޗުގެ ދެ ސެޓު ވެސް ގެންދިޔައީ 18-21 އިންނެވެ.
ފިރިހެން ސިންގަލްސްގެ ދެވަނަ ޑިވިޝަން ސީދާ ދެ ސެޓުން މޮޅުވެ ހުސައިން މުހައްމަދު ކާމިޔާބު ކުރީ ފައިނަލުގައި މުހައްމަދު އިކްރާމް ބަލިކޮށްގެންނެވެ. އެ ކެޓަގަރީގެ ޑަބަލްސް ފުރަތަމަ ޑިވިޝަން މިފަހަރު ކާމިޔާބު ކުރީ އަހުމަދު ތޯއިފް އަހުމަދުއާއި ހުސައިން ޒަޔާން އެވެ. އެ ކެޓަގަރީގެ ދެވަނަ ޑިވިޝަނުގެ ތަށި ހޯދީ ހުސައިން މުހައްމަދުގެ ޕެއާއިންނެވެ.
މިފަހަރުގެ މިކްސް ޑަބަލްސްގެ ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ހުސައިން ޒަޔާން ޝަހީދު ޒަކީއާއި ފާތިމަތުގެ ޕެއާއިންނެވެ. އެ މެޗު އެ ޕެއާއިން ކާމިޔާބު ކުރީ ސީދާ ދެ ސެޓުން އަހުމަދު ނަދީމްއާއ ނަތީ އަލީ ގެ ޕެއާއިންނެވެ. އެ ކެޓަގަރީގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ދެ ސެޓު އެއް ސެޓުން ކާމިޔާބު ކުރީ އަލީ މުއާޒްއާއި އައިމިނަތު ނަސީމާ ގެ ޕެއާއިންނެވެ.