ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރާ ކޯޗްގެ ތަހުގީގަށް ޕާކިސްތާން އެމްބަސީއިން ހުރަސްއަޅާކަމުގެ ތުހުމަތު

ގައުމީ ކްރިކެޓު ޓީމުގެ ކުރީގެ ކޯޗު އާސިފް ޚާން: އޭނާއާ މެދު ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ.

ކުޅުންތެރިތަކަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން ދާ ގައުމީ ކުރިކެޓް ޓީމްގެ ކުރީގެ ކޯޗް އާސިފް ޚާންގެ ތަހުގީގަށް ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީއިން ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެ އެވެ.

އެ އަނިޔާ ލިބުނު ބައެއް ކުޅުންތެރިންގެ އާއިލާތަކުން ބުނި ގޮތުގައި، ޕާކިސްތާނަށް ނިސްބަތްވާ އާސިފް ޚާންގެ ތަހުގީގަށް ނުފޫޒު ފޯރުވުމުގެ ގޮތުން މައްސަލަ ބަލައި ފުލުހުންނާއި ފުލުހުންގެ އެހެން އިސްވެރިންނަށް ގުޅައި އެ މައްސަލަ އޮއްބާލުމަށް އެމްބަސީގެ އޮފިޝަލުން މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ މީހުންނަށް އިންސާފު ނުލިބި، ކޯޗް ސަލާމަތްވުމުގެ ބިރު ހީވެފައިވާ ކަމަށް ވެސް ބުންޏެވެ.

އެ ތުހުމަތުތަކާ ގުޅިގެން، ޔޫތް މިނިސްޓްރީގެ އޮފިޝަލަކު ވެސް ވިދާޅުވީ އެފަދަ މައްސަލަތަކެއް އާއިލާގެ ފަރާތުން މިނިސްޓްރީގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށެވެ. އަދި އެކަން ބަލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކޯޗުގެ ފުރައްސާރައިގެ ޝިކާރައަކަށްވީ ކުދިންނަށް އިންސާފު ހޯދައިދިނުމަކީ މިނިސްޓްރީއުން އިސްކަން ދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. އަދި ޕާކިސްތާން އެމްބަސީގެ ބަހެއް ވެސް ލިބޭ ގޮތެއް ނުވި އެވެ.

ކުރިކެޓް ޓީމްގެ ކުރީގެ ކޯޗް އާސިފް ޚާން އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރީ މި މަހުގެ ފަސް ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް (ވީއައިއޭ)ގައި ފުރަން ގޮސް ހުއްޓަ އެވެ.

އެހެން ނަމަވެސް، އޭނާ ކޯޓަށް ހާޒިރުކުރުން ލަސްވެގެން އޭނާ ވަނީ ބަންދުން ސަލާމަތްވެފަ އެވެ. އެކަމާ ގުޅިގެން ވެސް އާއިލާތަކުން ކަންބޮޑުވުން ފާޅުކުރި އެވެ.

މީގެ އިތުރުން އެ ތުހުމަތުތައް ކުރެވުމާ އެކު، އެ މައްސަލަ ފުލުހަށް ހުށަނާޅައި ކޯޗް ވަޒީފާއިން ވަކިކޮށް ފުރުވާލަން ކުރިކެޑް ބޯޑުން ނިންމި ނިންމުމާ ގުޅިގެން ވެސް ފާޑުކިޔުން އަމާޒުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު