ނޭޕާލުގައި މިހާރު ކުރިއަށްދާ، ދެކުނު އޭޝިއާގެ 16 އަހަރުން ދަށުގެ ނެޓްބޯޅަ މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި ނޭޕާލް އަތުން ރާއްޖޭގެ ޒުވާން ޓީމު ކުރި ހޯދައިފި އެވެ.
ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި މިއަދު ކުޅުނު އެ މެޗުން ތިން ވަނަ ރާއްޖޭން ހޯދީ އެ ގައުމުގެ މައްޗަށް 35-25 ޕޮއިންޓުން މޮޅުވެގެންނެވެ. މިއީ ރާއްޖޭގެ ޒުވާން ޓީމެއް ބައިނަލް އަގުވާމީ ނެޓްބޯޅަ މުބާރާތެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރީ އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއެވެ. ގްރޫޕް ސްޓޭޖުގައިވެސް ރާއްޖެއިން ނޭޕާލް ބަލިކުރިއިރު، ޕާކިސްތާނުވެސް ވަނީ ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ރާއްޖެ ކުރީގައި އޮތީ 10-5 އިންނެވެ. ރާއްޖޭން ދެ ވަނަ ކުއާޓަރު ނިންމާލީ ނުވަ ޕޮއިންޓުގެ ލީޑަކާ އެކު 18-9 ޕޮއިންޓުން ކުރީގައި އޮވެ އެވެ. ނަމަވެސް، ތިންވަނަ ކުއާޓާ ނިމުނުއިރު ރާއްޖޭގެ ލީޑު ވަނީ ކުޑަވެފައެވެ. މި ކުއާޓާ ނިމުނީ 27-20 އިންނެވެ. އެކަމަކު ފަހު ކުއާޓާގައި 10 ޕޮއިންޓަށް ލީޑު ފުޅާކޮށް ރާއްޖެއިން ވަނީ މެޗު ކާމިޔާބު ކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ރާއްޖޭގެ އައިޝަތު ނުއޫމީ ނާސިރެވެ.
މި މުބާރާތުގެ ސެމީ ފައިނަލުން ރާއްޖެ ފުރުސަތު ހޯދީ ލީގު ބުރުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެގެންނެވެ. އެގޮތުން ނޭޕާލް އާއި ޕާކިސްތާނު ބަލިކުރިއިރު، ސެމީގައި އިންޑިއާ އަތުން ބަލިވީ އެވެ.