ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހަމީދު ހުރެ އެމްޑީއެން މައްސަލަ ބެލުން ފުށުއަރާ: އުމަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު -- ސަން ފައިލް ފޮޓޯ

މޯލްޑިއަން ޑިމޮކްރެސީ ނެޓުވޯކް (އެމްޑީއެން) އިން އިސްލާމް ދީނާ ދެކޮޅު ވާހަކަތަކެއް ލިޔެ، ޝާއިއު ކުރި ރިޕޯޓުގެ މައްސަލަ ފުލުހުން ތަހުގީގު ކުރާއިރު، ކުރިން އެ ޖަމިއްޔާގައި މަސައްކަތް ކުރެއްވި ބޭފުޅަކު އެ މައްސަލަ ބަލަން ހުރުމަކީ މަސްލަހަތު ފުށޫ އަރާކަމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް އަމާޒުކުރައްވައި އުމަރު މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އެމްޑީއެންގެ މައްސަލަ ތަހުގީގު ކުރާއިރު، ސީޕީ ހަމީދު ވަގުތީ ގޮތުން މަގާމުން ދުރަށް ޖެހިވަޑައިގަންވަން ޖެހޭ ކަމަށެވެ.

"އިއްޔެ އެމްޑީއެން ގެ މަސައްކަތް ކުރައްވާފަ، މިއަދު އެމްޑީއެންގެ މައްސަލަ ބައްލަވަން ހުންނެވުމަކީ މަސްލަހަތު ފުށޫ އަރާކަމެއް،" އުމަރު ވިދާޅުވިއެވެ.

ސީޕީ ހަމީދު ވަނީ ކުރިން އެމްޑީއެންގައި މަސައްކަތް ކުރައްވައިފައެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީ ސީޕީ ހަމީދު ފުލުހުންގެ ވަޒީފާ އަދާކުރައްވަމުން އެމްޑީއެންގެ އެއްވެސް މަގާމެއް އަދާކުރައްވާފައި ނުވާކަމާށެވެ.

އަދި ފުލުހުންގެ ވަޒީފާއިން ދުރުގައި ހުންނެވި ދުވަސްވަރު، އަމިއްލަ ހައިސިއްޔަތުން އެމްޑީއެންގައި މަސައްކަތް ކުރައްވާފައި ވަނީ ވަރަށް ކުޑަ ދުވަސްކޮޅެއްގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މިހާރު ފެންމަތިވެގެން އުޅޭ ރިޕޯޓުގެ އެއްވެސް މަސައްކަތެއް ވެސް ސީޕީ ކުރައްވާފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

އުމަރު ވިދާޅުވީ މައްސަލަ ތަހުގީގު ކުރާއިރު، ފުލުހުންނަށް އެ މައްސަލައިގައި ސީޕީ ހަމީދާ ސުވާލުކުރަން ޖެހުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ.

"މީގެ ކުރިން މިނިސްޓަރަކު ވެސް ތަހުގީގު ހިނގާތީ ގޭގައި މަޑުކުރެއްވި. ހަމަ މި އުސޫލު ސީޕީ ހަމީދާ ދޭތެރޭ ވެސް އޮންނަން ވާނެ. ގޭ މީހުންނަށް ވަކި ގޮތެއް، ގެއިން ބޭރު މީހުންނަށް ވަކި ގޮތެއް ނުހައްދަވާ އެއް އުސޫލެއް ރައީސް ހިފަހައްޓަވާނެ ކަމަށް އުންމީދު ކުރަން،" އުމަރު ވިދާޅުވިއެވެ.

މީގެކުރިން ސީޕީ ހަމީދު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ވަކި ކޮޅަކަށް ނުޖެހި ފުލުހުން ބަލާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

އެމްޑީއެން ރިޕޯޓުގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ކުޑައިމީސްކޮށް ލިޔެފައިވާ ވާހަކަތަކަކާ ގުޅިގެން، ފިޔަވަޅު އެޅުން ލަސްކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ބައެއް ފަރާތްތަކުން ވަނީ ސީޕީ ހަމީދަށް މަރުގެ އިންޒާރުދީ ޕޯސްޓަރު ތަކެއް ސޯޝަލް މީޑިއާގައި ދައުރުކުރަމުންނެވެ. ފުލުހުން ބުނީ މިހާރު އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް