ބްރެކްސިޓްގެ އައު އެއްބަސްވުމަށްވެސް އިނގިރޭސި ޕާލަމެންޓްގެ ރުހުން ނުލިބިދާނެކަމުގެ ބިރު ހީވެއްޖެ

ބްރެކްސިޓްގެ އައު އެއްބަސްވުން ޖޯންސަން އާއި ޖުންކާ ބްރަސަލްސްގައި އިއްލާންކުރައްވަނީ

ބްރަސަލްސް (އޮކްޓޯބަރ 17) : ބްރެކްސިޓްގެ މައްސަލާގައި އިނގިރޭސި ސަރުކާރާއި ޔޫރަޕްގެ އިއްތިޙާދުން މިއަދު އައު އެއްބަސްވުމަކަށް އައި ނަމަވެސް އިނގިރޭސި ޕާލަމެންޓްކަމަށްވާ ހައުސް އޮފް ކޮމަންސުން އެ އެއްބަސްވުން ތަސްދީގު ކޮށްފާނެކަމާމެދު ސުވާލު އުފެދިއްޖެއެވެ.

ބްރަސަލްސްގައި ދެއްވި ބަޔާނެއްގައި އިނގިރޭސި އިދިކޮޅު ލީޑަރ ޖެރެމީ ކޯބިން ވިދާޅުވީ އައު އެއްބަސްވުމަކީ ކުރީގެ އެއްބަސްވުމަށްވުރެވެސް ގޯސް އެއްބަސްވުމެއް ކަމުގައެވެ. އެހެންކަމުން އައު އެއްބަސްވުން ތަސްދީގުކުރުމަށް އިނގިރޭސި ޕާލަމެންޓުން އަންނަ ހޮނިހިރު ދުވަހު ބާއްވާ ޖަލްސާގައި އެ އެއްބަސްވުމަށް ވޯޓު ނުދިނުމަށް ލޭބާ ޕާޓީގެ މެންބަރުންނަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަނެއްކޮޅުން އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް ތާއީދުކުރާ އުތުރު އަޔަލޭންޑުގެ ޑިމޮކްރެޓިކް ޔުނިއަނިސްޓް ޕާޓީ (ޑީޔޫޕީ) އިން ވެސް ވަނީ ޖޯންސަންއާއި ޔޫރަޕްގެ އިއްތިޙާދުގެ އިސްވެރިން މިއަދު އިއްލާން ކުރެއްވި ބްރެކްސިޓްގެ އައު އެއްބަސްވުމަށް ދެކޮޅު ހަދާފައެވެ. މިއީ ޖޯންސަން ހީފުޅު ކުރައްވާފައިވާ ގޮތެއްނޫނެވެ. "ޑީޔޫޕީ" ން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭގެ ޓެކްސް މިޙާރުއޮތް ގޮތުން އެއެއްބަސްވުމަށް ތާއީދު ކުރެވެން ނޯންނާނެ ކަމުގައެވެ. އެ ބަޔާނުގައި އެ އެއްބަސްވުމަށް ބައެއް ބަދަލުތައް ގެނައުމަށްވަނީ ގޮވާލާފައެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ ބްރެކްސިޓްގެ މައްސަލާގައި އިނގިރޭސި ސަރުކާރާއި ޔޫރަޕްގެ އިއްތިޙާދުން މިއަދު އައު އެއްބަސްވުމަކަށް އައިކަން އިއްލާން ކުރައްވައި އެއީ އޭނާއަށް ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީ އެއްކަމަށް ސިފަކުރައްވާފައެވެ. މިއާއެކު ޖޯންސަންވަނި ހައުސް އޮފް ކޮމަންސްގެ ޖަލްސާއެއް ހޮނިހިރުދުވަހު ބާއްވައި އެ އެއްބަސްވުމަށް ރުހުން ދިނުމަށް ހައުސްގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ހައުސް އޮފް ކޮމަންސްގައި ހިމެނޭ 650 މެންބަރުންގެ ތެރެއިން އައު އެއްބަސްވުން ތަސްދީގުކުރުމަށް 320 މެންބަރުންގެ ތާޢީދު ބޭނުންވާއިރު އުތުރު އަޔަލޭންޑުގެ ޑިމޮކްރެޓިކް ޔުނިއަނިސްޓް ޕާޓީ (ޑީޔޫޕީ) ތާއީދުނެތި އެއްބަސްވުން ތަސްދީގުކުރާ ވަރަށް ވޯޓު ނުލިބޭނެކަމަށް ޚަބަރުތައް ބުނެއެވެ.

ބްރެކްސިޓްގެ މައްސަލާގައި އައު އެއްބަސްވުމެއް ވުޖޫދަށް އައިސްފައިމިވަނީ އިނގިރޭސި ސަރުކާރާއި ޔޫރަޕްގެ އިއްތިޙާދުގެ ނެގޯސިއޭޓަރުން މިކަމަށް ވާހަކަ ދައްކަމުން ގެންދާތާ ތިން ހަފްތާއަށްފަހުއެވެ. ޔޫރަޕިޔަން ކޮމިޝަންގެ ރައީސް ޖީން ކްލައުޑް ޖުންކާ ވަނީ މިއެއްބަސްވުމަކީ ދެފަރާތަށްވެސް ރަނގަނޅު އެއްބަސްވުމެއްކަމަށް ސިފަކުރައްވާފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު