އަބްދުﷲ ގާޒީއާމެދު ފިޔަވަޅުއެޅުން ލަސްވާނަމަ ޖޭއެސްސީ ދޮށުގައި ޓެންޓް ޖަހާނަން: އިބުރާ

ސޫލޫކީ މިންގަނޑާ ހިލާފުވި އަބްދުﷲ ގާޒީއާމެދު ފިޔަވަޅުއެޅުން ލަސްވާނަމަ ޖޭއެސްސީގެ ދޮށުގައި ޓެންޓް ޖަހާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާއަށް ލަފާ އަރުވާ ހާއްސަ އެޑްވައިޒަރު އިބުރާހިމް އިސްމާއީލް (އިބުރާ) ވިދާޅުވެއްޖެ އެވެ.

އިބުރާ މިހެން ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު )އަބްދުﷲ ގާޒީ) ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އިއްޔެ ނިންމުމާއެކު ލަސްނޮކޮށް އަބްދުﷲ ގާޒީގެ މައްޗަށް ފިޔަވަޅު އެޅުމަށް ގޮވާލައި އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އެ ބައްދަލުވުމެއްގައި ޝަރުއީ ދާއިރާއަށް ފާޑު ވިދާޅުވަމުންދާ އިބުރާ ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ޒިންމާ އޮތް ޖޭއެސްސީން އަބްދުﷲ ގާޒީއާމެދު ފިޔަވަޅު އަޅަން ނިންމުމުން މަރުހަބާ ކިޔާ ކަމަށެވެ. އަބްދުﷲ ގާޒީގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅިފައިވާތާ އެތައް ދުވަހަކަށް ފަހު، ޖޭއެސްސީން ނިންމި ނިންމުން ލަސްނޮކޮށް ތަންފީޒު ކުރުމަށް ވެސް އޭނާ ގޮވާލެއްވެވި އެވެ.

އިސް ގާޒީގެ މައްޗަށް ސުލޫކީ މައްސަލައެއް ހުށަހެޅުއްވެވީ ކުރިން ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި ހުންނެވި މިހާރު ހޯމް މިނިސްޓްރީގެ ނައިބު އައިޝަތު ވެލެޒިނީ އެވެ.

"އަޅުގަނޑުމެން އެ ބޭފުޅުން އެ ނިންމި ނިންމުމަށް ފުރުސަތުދެން. އެކަމަކު އެ ނިންމުން ލަސްވާނަ މުޒާހަރާ ވެސް ކުރަންޖެހޭނެ. އަދި ޖޭއެސްސީ ދޮށުގައި ޓެންޓް ވެސް ޖަހަންޖެހިދާނެ،" ޝަރުއީ ދާއިރާ މިނިވަން ކުރުމަށް އެމްޑީޕީ ފަށާފައިވާ އިހްތިޖާޖުގައި އިސްކޮށް އުޅުއްވާ އިބްރާ މިއަދު ވިދާޅުވި އެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސަ މަނިކު ވިދާޅުވީ އަބްދުﷲ ގާޒީއަކީ ފަނޑިޔާރުންގެ އުސޫލުތަކަކާ، އަހްލާގީ މިންގަނޑާ ހިލާފުވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ. މަސްތުވާތަކެތީގެ ބޮޑެތި ކުށްވެރިން މުޖުތަމައުއަށް ދޫކުރުމާއި މުއައްސަސާތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވުމާއި މަޖިލީހުގެ ކޮމެޓީއެއްގައި ޒުވާބުކުރައްވާފައިވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އަބްދުﷲ ގާޒީގެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އަޅަން ޕްރޮސެކިއުޓާ ޖެނަރަލް )ޕީޖީ(އަށް ވެސް މޫސަ ގޮވާލެއްވި އެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިންތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ ފަނޑިޔާރަކު ސޫލޫކީ މިންގަޑާ ހިލާފުވެވަޑައިގަތުމުން ދެން އެ ފަނޑިޔާރަކު މަސައްކަތަށް ނުކުންނަވައިގެން ނުވާނެ ކަމަށެވެ.

އަބްދުﷲ ގާޒީ މިއަދު ވެސް ކޯޓަށް ނުކުމެ ވަޑައިގެން ޝަރީއަތްތައް ހިންގެވި ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

އަބްދުﷲ ގާޒީ ފަނޑިޔާރުންގެ ސުލޫކީ މިންގަޑާ ހިލާފުވި ކަމަށް ޖޭއެސްސީން އިއްޔެ ނިންމެވީ ބޭންކް އޮފް މޯލްޑިވްސް އަށް ވަނުމަށް ފުލުހުންނަށް ކޯޓް އަމުރެއް ނުދެއްވި މައްސަލާގައި ދި ޓީވީ އަށް އޭނާ ދެއްވި އިންޓަވިއުއަކާ ގުޅިގެންނެވެ. އެ އިންޓަވިއުގައި ފަނޑިޔާރުން ދައްކަންނުޖެހޭ ވާހަކަތަކެއް އަބްދުﷲ ގާޒީ ދައްކަވާފައިވާ ކަމަށް ޖޭއެސްސީގެ ނިންމުމުގައި ބުނެފައިވެ އެވެ. ޖޭއެސްސީން ބުނެފައި ވަނީ އެ ކޮމިޝަނުންގެ ނިންމުމާއެކު އަޅާނެ ފިޔަވަޅާކާމެދު ގޮތެއް ކަނޑައަޅާނީ އެ ކޮމިޝަނުން ދެން ބާއްވާ ބައްދަލުވުމެއްގައި ކަމަށެވެ.

ފަނޑިޔާރުން މަގާމުން ވަކިކުރުމާއި ވަކިކުރެވޭނެ ހާލަތްތައް ބަޔާންކޮށް ފަނޑިޔާރުންގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުގެ ބޭރުން މަސައްކަތް ނުކުރާހާ ހިނދަކު އެ ފަނޑިޔާރުކު މަގާމުން ވަކި ނުކުރެވޭނެ ކަމަށެވެ. އަދި އެ މާއްދާގެ (ށ) ބުނެފައި ވަނީ ފަނޑިޔާރު ކަމުން ވަކިކުރެވޭނީ ޖޭއެސްސީން ފަނޑިޔާރު ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުވެ ވޯޓްގައި ބައިވެރިވި މެންބަރުންގެ ތިންބައި ކުޅަ ދެ ބައި އަގުލަބިއްޔަތުން ފާސްވެގެންނެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

Reeko Moosa Manik (mp3)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު