ދިވެހިންނަށް ކަމު ނުދިޔަ ފިޓްނަސް އެމްބެސެޑަރާއި ޓިކް ޓޮކް ޖޯކު

އެކްޓަރު ސުނިލް ޝެޓީ ވަނީ ރާއްޖޭގެ ފިޓްނަސް އެމްބެސެޑަރަކަށް ހަމަޖައްސާފައި ---- ފޮޓޯ : އިންޑިއާ ޓައިމްސް

މި ހަފްތާ ދިވެހިންގެ ސޯޝަލް މީޑިއާ ވަނީ ދުނިޔޭގައި މަޝްހޫރު ފަންނާނުންނާއި ދިވެހި ސިޔާސީ ބޭފުޅުންނާ އަދި ޓިކް ޓޮކް ޔޫސަރުންނާ ވެސް ގުޅުވާލަދީފަ އެވެ. މި އޮތީ، މި ހަފްތާގައި އެންމެ އަޑުގަދަކޮށް ސޯޝަލް މީޑިއާގައި ދެކެވުނު ވާހަކަތަކެވެ.

މިއޮތީ ޓިކްޓޮކް މަޖާ ވިހަ ވެފައި!

ޓިކް ޓޮކް އަކީ ބައެއް ޒުވާނުންނަށް މާ ކަމުދާ ޕްލެޓްފޯމެކެވެ. ސަކަރާތް ޖަހައި މަޖާކޮށްލަން އެކްޓުކުރާ މި އެޕް ބޭނުންކޮށް ތަފާތު ކަންތައްތައް ކޮށް ދިވެހީން ޕޯސްޓްތައް ކުރެ އެވެ. ނަމަވެސް ދާދި ފަހުން ކުރި ޕޯސްޓަކާއެކު ބެލުންތެރީން ހިންޏެއްނަ އެވެ. އޭގެ ބަދަލުގައި ބެލުންތެރިން ރުޅި އައިސް ނުރުހުން ފާޅުކުރި އެވެ. ތިބީ ހިތްހަމަ ނުޖެހިފަ އެވެ.

ޒުވާނަކު ކޮށްފައިވާ ޕޯސްޓެއްގައި ދައްކަނީ އަލީ ރަމީޒްގެ ލަވައަކަށް މީހަކު ލިޕް ސިންކު ކުރާ މަންޒަރެވެ. ނަމަވެސް އާންމުން ރުޅީ ގަދަވީ އެ މަންޒަރު ނަގާފައިވާ ތަނުގެ ގޮތުންނެވެ. ޓިކް ޓޮކް ވީޑިއޯ ނަގާފައިވަނީ ސަހަރާއެއްގެ މަހާނަގަލެއްގެ ކައިރީގަ އެވެ.

ކޮންމެއަކަސް އާންމުންނަކަށް މި ޓިކްޓޮކް ކަމަކު ނުދިޔަ އެވެ. އެތައް ބައެއް އެކަމާ ދެކޮޅަށް ނުރުހުން ފާޅުކުރަމުން ދިޔައިރު، ޓިކް ޓޮކްގައި މަގުބޫލު ފަރާތްތަކަށްވެސް ބުނެފައިވަނީ އެއީ ޓިކް ޓޮކް ހެދި ނަމަވެސް ކުރަން ރަނގަޅު ކަމެއް ނޫން ކަމަށެވެ.

ދިވެހި ފިޓްނަސް އިންޑަސްޓީ ސުނިލް ޝެޓީ ބަލައިނުގަތް!

ޔޫތު މިނިސްޓްރީން ވަނީ ރާއްޖޭގެ ފިޓްނަސް އެމްބެސެޑަރަކަށް ބޮލީވުޑްގެ ތަރި ސުނިލް ޝެޓީ ހަމަޖައްސާފަ އެވެ. ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅި ޕްރޮމޯޓު ކުރުމަށް ރާއްޖޭގެ ފިޓްނެސް އެމްބެސެޑަރަކަށް ސުނިލް ޝެޓީ ހަމަޖައްސައި ޔޫތު މިނިސްޓްރީއިން އިއުލާނުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

އެ ނިންމުން ދިވެހީންކަށް ކަމަކު ނުދިޔަ އެވެ. އެކަމާ ދެކޮޅަށް އެންމެ ގަދައަށް އަޑު އުފުލާފައިވަނީ ރާއްޖޭގެ ފިޓްނަސް އިންޓަސްޓްރީގައި މަސައްކަތް ކުރާ ދިވެހީންނެވެ. ޖިމް ޓްރެއިނަރުން ފެށިގެން ބޮޑީބިލްޑަރުންނާ ހަމައަށް އެކަމުގައި ބައިވެރިވި އެވެ.

ފިޓްނަސް އިންޑަސްޓްރީގައި ހިމެނޭ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެއީ ރާއްޖޭގެ ފިޓްނަސް އިންޑަސްޓްރީއަށް ކުރި މަލާމާތެކެވެ. އަދި ފިޓްނެސް އެމްބެސެޑަރުގެ މަގާމަށް ސުނިލް ޝެޓީއަށްވުރެ މާ އެކަށީގެންވާ ދިވެހީން އެބަތިބި ކަމަށް ބުނެ އެ ފަރާތްތަކުން ވަނީ ނުރުހުމުގެ ބަސްތައް ޔޫތު މިނިސްޓްރީއަށް އޮއްސާލާފަ އެވެ.

އެއާ އެކު ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ޖަޒުބާތުގެ އޮއިވަރެއްގައި ޖެހި ވަޑައިގަތް ވިދާޅުވީ ދިވެހިންނަށް ހެޔޮ އެއްގޮތެއް ވެސް ނޯންނަ ކަމަށެވެ. ދިވެހިންގެ ފިޓްނަސް އެމްބެސެޑަރަކަށް ބޭރުގެ ތަރިއަކު ހަމަޖެއްސި ނަމަވެސް، ދިވެހި ތަޖުރިބާކާރުންގެ އެހީ ހޯދާނެ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

އިންކަމް ޓެކްސްގެ ބަހުސެއް!

އިންކަމް ޓެކްސްގެ ބިލުގެ މައްސަލައިގައި އާންމު ރައްޔިތުން ތިބީ ރުޅިގަނޑު އިންތިހާއަށް ބޮޑުވެފަ އެވެ.

ގައުމުގެ ކޮންމެ ފަރުދަކު ވެސް އާމްދަނީ ލިބޭނަމަ، އެމީހަކަށް ލިބޭ އާމްދަނީއަކުން އިންކަމް ޓެކްސް ދައްކަންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވުން ވީ ބޮޑު މައްސަލައަކަށެވެ.

އިންކަމް ޓެކްސް ނެގުމަކީ ސަރުކާރުގެ ވައުދެކެވެ. އެ ޓެކްސް ނެގުމުގެ ބޭނުމަކީ ގައުމުގައި ދިރިއުޅޭ އެންމެ އެލީޓުންގެ ފަރާތުން ޓެކްސް ނެގުމެވެ. ނަމަވެސް ގާސިމްގެ ވާހަކަފުޅުގައި ވިދާޅުވީ އިންކަމް ޓެކްސް އަކީވެސް އެންމެނަށް ހަމަހަމަ ވާން ޖެހޭނެ ކަމެއް ކަމަށެވެ.

މި ވާހަކައާ އެކު ހުރިހާ ދިވެހީން އެރީ ރަތަށެވެ. އަދި ގާސީމަށް ނުރުހުމުގެ ބަސްތައް އޮއްސާލީ އެކީ އެކައްޗަކަށެވެ.

އާންމު ރައްޔިތުންގެ އަތުން އިންކަމް ޓެކްސް ނެގުމަކީ އެއްވެސް ހާލެއްގައި ހެޔޮ ވެގެން ވާނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ބުންޏެވެ.

އިންކަމް ޓެކްސް ނަގަން ޖެހޭ ފަރާތްތަކަކީ ކޮން ބައެއްކަން ގާސިމް އަށް އެނގިވަޑައިގަތުމާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފަ އެވެ. އިންކަމް ޓެކްސްގެ ބަހުސެއްގައި ތިއްބާ މި ވަނީ މި ހަފްތާ ވެސް ނިމިފަ އެވެ.

comment ކޮމެންޓް