ކޮރަޕްޝަން ހުށަހަޅާ ޕޯޓަލް އަށް އަންނަ ހުރިހާ މައްސަލައަކަށް އެޓެންޑުވޭ: ރައީސް އޮފީސް

ރައީސް އޮފީހުން ބޭއްވި ނުވަގަޑި ޕްރޮގްރާމުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ކޮރަޕްޝަން ހުއްޓުވުމަށް ސަރުކާރުން ގާއިމްކޮށްފައިވާ ޕޯޓަލް އަށް އަންނަ ހުރިހާ މައްސަލައަކަށް ވެސް އެޓެންޑުވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނުވަގަޑި ޕްރޮގްރާމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ އޮފީހުގެ އަންޑަ ސެކްރެޓަރީ އަހުމަދު ހަމްދާން ވިދާޅުވީ ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ގާއިމްކުރި ވިސްލް ބްލޯވާ ޕްލެޓްފޯމުގެ ތެރެއިން ކޮރަޕްޝަނާ ގުޅުންހުރި ގިނަ މައްސަލަތައް ހުށަހެޅޭ ކަމަށެވެ.

"އެކްޝަން ކޮމެޓީ އިން ޕޯޓަލް އަށް އަންނަ ހުރިހާ ކޭސެސްތަކަށް އެޓެންޑުކޮށް، އޭގެ ތެރެއިން ކްރެޑިބަލް އިންފޮމޭޝަން ހުރެއްޖެ ނަމަ، އެބަ ބައްލަވާ، އޭސީސީ އަށް ފޮނުވަން ޖެހޭ ކޭސްތައް އޭސީސީ އަށް ވެސް ހުށަހަޅާ،" ހަމްދާން ވިދާޅުވި އެވެ.

ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ރާއްޖެ އިން ކޮރަޕްޝަން ނައްތާލުމަށް ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ ހިމަނައިފަ އެވެ. އެގޮތުން 2023ގެ ނިޔަލަށް ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ އޮތް މިންވަރު 2018 ވަނަ އަހަރާ އަޅާ ބަލާ އިރު 50 ޕަސެންޓު ކުރިއަރުވައި، މުވައްސަސާތަކުގެ ނަޒާހަތްތެރިކަމާ ގުޅިގެން އާންމުން މައްސަލަ ހުށަހަޅާނެ އިފެކްޓިވް ނިޒާމެއް ގާއިމު ކުރުމަށް ވަނީ ނިންމައިފަ އެވެ.

އަދި އިންޓަގްރިޓީ އޮފިސަރުން ކަނޑައަޅައި އެ މީހުންގެ މަސްއޫލިއްޔަތު އަދާކުރަންފެށުމަކީ ވެސް އެސްއޭޕީގެ ދަށުން ކުރުމަށް ކަނޑައަޅާފައިވާ ކަމެކެވެ.

ހަމްދާން ވިދާޅުވީ އެންޓިކޮރަޕްޝަން ކޮމިޝަން މިނިވަން މުވައްސަސާއެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް މަގުފަހިކޮށްދިނުމަކީ މުހިއްމު އިސްކަމެއް ދޭނެ ކަމެއް ކަމަށެވެ.

"މީޑިއާ އިން ތިލަވި ނަމަވެސް، މުވައްސަސާއަކުން އަޅުގަނޑުމެންނަށް ކޭސްއެއް އައި ނަމަވެސް އަޅުގަނޑުމެން ބަލަން އެބަހުރިތޯ ގޯސްކޮށް ކަމެއް ހިނގާފައި. އޭސީސީ އިން ނުބެލި ނަމަވެސް، ސަރުކާރު ތެރެއިން ކަމެއް ގޯސްކޮށް ހިނގާކަން ފާހަގަވި ނަމަވެސް އެބަހުރި ބުނެފައި އެކަމެއް ރަނގަޅަށް ބަލަން. ޕްރޮސެސްގެ ތެރެއިން ކުރިއަށްގެންދަން،" ހަމްދާން ވިދާޅުވި އެވެ.

''ޒީރޯ ޓޮލަރެންސްގެ މާނައަކީ، ސަރުކާރަށް އެލާޓްވާ ހިސާބުން ސަރުކާރު ލެވެލްގައި ނެގެން އޮންނަ އެކްޝަންތައް އެބަ ނަގަން."

comment ކޮމެންޓް