އެމްޑީއެންގެ މައްސަލައިގައި ލެކްޗަރާއިން ސޯޝަލް މީޑިއާގައި ވާހަކަ ނުދައްކަން އަންގައިފި

ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. ހަސަން ހަމީދު --- ފޮޓޯ: ރައީސް އޮފީސް

އިސްލާމް ދީނަށް ކުޑައިމީސްވާ ގޮތަށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ގައުމީ ޔުނިވާސިޓީގެ އެއްވެސް ލެކްޗަރާއަކު ސޯޝަލް މީޑިއާގައި ވާހަކަ ނުދެއްކުމަށް ސަރުކާރުން އަންގައިފިއެވެ.

ސަރުކާރުން އެފަދަ އެންގުމެއް އަންގާފައިވާކަމަށް ބުނެފައި ވަނީ ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. ހަސަން ހަމީދު މިއަދު އެ ޔުނިވާސިޓީގެ މުވައްޒަފުންނަށް ފޮނުވި އެންގުމެއްގައެވެ.

މިއަދު މެންދުރުފަހު އީމެއިލް މެދުވެރިކޮށް އެމްއެންޔޫގެ ހުރިހާ މުވައްޒަފުންނަށް ފޮނުވާފައިވާ އެ އެންގުމުގައި ބުނެފައި ވަނީ މިއީ އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއް ކަމަށެވެ.

އަދި މި ދަނޑިވަޅުވައި އެމްއެންޔޫގެ ބައެއް ލެކްޗަރާ އިން، ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި، މުޖްތަމައު ހަލަބޮލި ވެދާނޭ ފަދަ ބީދައަކުން، އެ ރިޕޯޓާ ގުޅިގެން މީސްމީޑިޔާގައި ތަފާތު އެކި ހިޔާލު ފާޅުކުރަމުންދާކަން ސަރުކާރަށް ފާހަގަވެފައިވާ ކަމަށެވެ.

އަދި އެކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ލިބެމުން އަންނަ ކަމަށް ހަސަން ހަމީދުގެ މެސެޖުގައިވެއެވެ. އަދި އެމްއެންޔޫގެ މުދައްރިސުންނަކީ، ރާއްޖޭގެ އެތަކެއް ޒުވާނުންގެ ކުރިމަގު ބައްޓަންކުރުމުގައި ނުހަނު މުހިއްމު ދައުރެއް އަދާކުރާ ބަޔަކަށް ވާއިރު، އެބޭފުޅުންގެ ފަރާތުން އެފަދަ ކަންތައްތައް ތަކުރާރުވަމުން ދިއުމަކީ މުޖުތަމައަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނޭ ކަމެއް ކަމަށް އެ މެސެޖުގައިވެއެވެ.

"އެހެންކަމުން، މި މުއައްސަސާގައި މަސައްކަތްކުރައްވާ އެއްވެސް ބޭފުޅަކު، މި މުޖުތަމަޢުގައި ބައިބައިވުން އުފައްދައި، އެއްބަޔަކު އަނެއް ބަޔަކާމެދު ރުޅިވެރިކަން އުފެދޭނެ ފަދަ ވާހަކަތައް މީސްމީޑިޔާ އާއި، އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ޔުނިވާސިޓީގައި އެދިވަޑައިގެންފައި ވެއެވެ." އެ އެންގުމުގައިވެއެވެ.

އެހެންކަމުން ޔުނިވާސިޓީގެ ހުރިހާ މުވައްޒަފުން ވެސް މުވައްޒަފުންގެ އަހްލާގީ ކޯޑްގައިވާ ހަމަތަކާއި ގާނޫނުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ޗާންސެލަރު ވަނީ އިލްތިމާސްކުރައްވައިފައެވެ.

އެމްއެންޔޫގެ ލެކްޗަރާއިންނަށް މިފަދަ އެންގުމެއް އަންގާފައި ވާއިރު، އެމްޑީއެންގެ ރިޕޯޓު ކުށްވެރިކޮށް "އިލްމުވެރިންގެ ގުޅުން" ގެ ނަމުގައި ރާއްޖޭގައި ތިބި މަޝްހޫރު ދީނީ އިލްމުވެރިން އިއްޔެ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި އިލްމުވެރިންގެ ތެރޭގައި އެމްއެންޔޫގެ ގިނަ އަދަދެއްގެ ލެކްޗަރާއިން ހިމެނެއެވެ.

comment ކޮމެންޓް