މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ޔޫނިއަނެއް އުފައްދައިފި

މާލެ -- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

މާލޭގައި ކުއްޔަށް އުޅޭ މީހުންގެ ޔޫނިއަނެއް، މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ)ގެ ނަމުގައި އުފައްދައި، މިއަދު ރެޖިސްޓްރީކޮށްފިއެވެ.

މާލޭ ޓެނަންޓްސް ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނީ، އެ ޖަމިއްޔާ އުފެއްދުމުގެ މަގްސަދަކީ މާލޭގައި އެތައް ޒަމާނެއް ވަންދެން ކުއްޔަށް ދިރިއުޅެމުން އަންނަ މީހުންނަށް ދިމާވާ އުނދަގޫތައް ހިއްސާކުރުމަށާއި، ކުއްޔަށް ދިރިއުޅޭ މީހުންގެ އަޑަށް ރަސްމީ ސިފައެއް ގެނެސްދިނުމެވެ.

އަދި މާލޭގައި ކުލި ދައްކައިގެން ދިރިއުޅޭ ކޮންމެ މީހަކަށްވެސް އެމްޓީޔޫގައި ބައިވެރިވެ، އެމީހެއްގެ ތަކުލީފުތައް ހިއްސާކުރުމުގެ ފުރުސަތު އޮންނާނެކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އެ ޖަމިއްޔާއިން މާލޭގައި ކުއްޔަށް ދިރިއުޅޭ ހައްގުތައް ހިމާޔަތްކޮށް، ދިފާއުކުރުމާއި ކުއްޔަށ ްދިިރއުޅޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، ކުލީ ދިރިއުޅުމާއި ބޯހިޔާވަހިކަމާ ގުޅޭ ކެމްޕޭނުުތައ ްހިންގާނެކަމަށް ބުންޏެވެ.

މީގެ އިތުރުން ކުރިއަށް އޮތްތަނުގައިވެސް ގިނަ ހިދުމަތްތަކެއް އެ ޖަމިއްޔާއިން ދޭން ރާވަމުންދާ ކަމަށް ބުނެއެވެ. އޭގެ ތެރޭގައި އެއްގެއިން އަނެއް ގެއަށް ބަދަލުވާއިރު ދިމާވާ މައްސަލަތަކުގައި އެހީތެރިވެދިނުމާއި، ކޮންޓްރެކްޓު ހެދުމާއި އަދި އެހެނިހެން މައްސަލަތަކުގައި ވަކީލުންގެ އެހީތެރިކަމާއި ހޯމް އިންޝުއަރަންސް ފަދަ ހިދުމަތްތައް ލިބޭނެ ގޮތް ހެދުން ހިމެނެއެވެ.

އަދި ކުއްޔަށް ދިރިއުޅޭ ހައްގުތައް ރައްކާތެރިކުރުމަށް ގާނޫނު ހެދުމަށް ބާރުއޭޅުމާއި، ކުލި ކޮންޓްރޯލުކުރުމަށް ބާރު އެޅުމަށް މެމްބަރުންގެ އެއްބާރުލުމާއެކު ކެމްޕޭންތައް ހިންގާނެކަމަށްވެސް އެމްޓީޔޫއިން ބުންޏެވެ.

އެ ޖަމިއްޔާއިން ބުނީ، އިމާރާތްކުރާ މީހުންގެ ހައްގުގައި މިހާރުވެސް ބާރުގަދަ ޖަމިއްޔާތައް ރާއްޖޭގައި ހުރި އިރު، ކުއްޔަށް އުޅޭ މީހުން ރަމްޒުކޮށްދޭ ޖަމިއްޔާއެއް މިހާތަނަށް ނެތް ކަމަށެވެ. އަދި މާލޭ ސަރަހައްދުގައި ކުއްޔާށް ދިިރއުޅޭ މީހުންނަކީ މާލޭގެ އާބާދީގެ 64 ޕަސަންޓު ކަމަށާއި، މިހާ ގިނަ ބައެއްގެ އެދުންތަކަށް ސަރުކާރުތަކުން އަޅާނުލައި އޮތީ އެފަދަ ޖަމިއްޔާއެއް ނެތުމުން ކަމުގައިވެސް ވެދާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

"މާލޭ ސަރަހައްދުގައި ކުއްޔާށް ދިިރއުޅޭ މީހުންނަކީ މާލޭގެ އާބާދީގެ 64 ޕަސަންޓު ނުވަތަ މެޖޯރިޓީއެވެ. މިހާ ގިނަ ބައެއްގެ އެދުންތަކަށް އެތަކެއް ދުވަސް ވީއިރުވެސް އެއްވެސް ސަރުކާރަކުން އަޅާނުލާ އޮތީ ކުއްޔަށް އުޅޭ މީހުންގެ ސީދާ ޖަމިއްޔާއެއް ނެތުުން ކަމުގައި ވެދާނެއެވެ.

"މިހެން ކަމުން މި ޖަމިއްޔާ ރެޖިސްޓްރީވުމަކީ މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ބޭނުންތައް ފުރިހަމަކުރުމަށް އެޅޭ ބޮޑު އަދި މުހިންމު ފިޔަވަޅެކެވެ،" އެ ޖަމިއްޔާއިން ބުންޏެވެ.

comment ކޮމެންޓް