އެމެރިކާއިން ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

ތުރުކީން ދަނީ ސީރިއާގައި އެއްގަމާއި ވައިގެ މަގުން ހަމަލާތައް ދެމުން -- ފޮޓޯ: އޭޕީ

ވޮޝިންޓަން (އޮކްޓޯބަރު 15): ތުރުކީން ސީރިއާގައި ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަނާ ގުޅިގެން އެމެރިކާއިން އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

އެމެރިކާއާއެކު އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރި ކުރުދީން ތިބޭ ސީރިއާގެ އުތުރުގައި ތުރުކީން މިދިޔަ ބުދަ ދުވަހު އަސްކަރީ އޮޕަރޭޝަނެއް ފެށީ، އެ ސަރަހައްދުގައި ތިބި އެމެރިކާ ސިފައިން އަނބުރާ ގެންދަން އެގައުމުން ނިންމުމުންނެވެ.

ނަމަވެސް އެމެރިކާގެ ޑިފެންސް ޑިޕާޓްމެންޓުން ވަނީ ތުރުކީގެ އޮޕަރޭޝަނަށް ތާއިދު ނުކުރާނެ ކަމަށާއި އެ އޮޕަރޭޝަނުގައި އެގައުމުގެ ސިފައިން ބައިވެރިނުވާނެކަމަށްވެސް ބުނެފައެވެ.

އަދި އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ވިދާޅުވި ގޮތުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނަށް ފޯނުން ގުޅުއްވާ، އެގައުމުގެ ހަމަލާތައް ހުއްޓާލުމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލައާ ބެހޭ ގޮތުން ތުރުކީއާ އިތުރަށް މަޝްވަރާ ކުރުމަށް ޕެންސް ވަރަށް އަވަހަށް އެގައުމަށް ވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވިދާޅުވި ގޮތުގައި އެގައުމުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވަނީ "ސީރިއާގެ އަމަންކަމާއި ރައްކާތެރިކަން އިތުރަށް ނެތިކޮށްލާ، ގައުމުގެ ރައްޔިތުން ނުރައްކާތެރި ހާލަތަށް ހުށަހެޅުމުގައި ބައިވެރިވާ" ތުރުކީގެ މީހުންނާއި ކުންފުނިތަކާ ދެކޮޅަށެވެ.

އެގޮތުން އެމެރިކާއިން ފިޔަވަޅު އަޅާފައި ވަނީ ތުރުކީގެ ޑިފެންސް އަދި އެނާޖީ މިނިސްޓްރީއާއި ޑިފެންސް، އެނާޖީ އަދި އިންޓީރިއާ މިނިސްޓަރުންނާ ދެކޮޅަށެވެ.

މީގެ އިތުރުން ޓްރަމްޕް ވަނީ އެމެރިކާއިން ތުރުކީއާއެކު މަޝްވަރާ ކުރަމުން އައި 100 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުމެއްގެ ވާހަކަތައް ހުއްޓާލައި، އެގައުމުގެ ސްޓީލްއިން ނަގާ ޑިއުޓީ 50 ޕަސެންޓަށް އިތުރުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

ތުރުކީން ބުނާ ގޮތުގައި އެ އަސްކަރީ އޮޕަރޭޝަނުގެ މަގުސަދަކީ ދެގައުމުގެ ބޯޑަރު ކައިރީން ކުރުދީން ފޮނުވާލުމާއި، ތުރުކީގައި ތިބި ސީރިއާގެ ރެފިއުޖީންނަށް އެނބުރި ގައުމަށް ދެވޭނެ "އަމާން ސަރަހަދެއް" ކަނޑައެޅުމެވެ. ތުރުކީން ދެކޭ ގޮތުގައި ސީރިއާގެ ކުރުދީ ހަނގުރާމަވެރިންނަކީ އެގައުމުން މަނާކޮށްފައިވާ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ)ގެ ބަޔެކެވެ.

އެއޮޕަރޭޝަނުގެ ސަބަބުން ކުރުދީން ވަނީ ސީރިއާގެ ސަރުކާރާ އެކު އެއްބަސްވުމެއް ހަދާފަ އެވެ. އަދި ތުރުކީ ސިފައިންނާ ކުރިމަތިލުމަށް ސީރިއާގެ ސިފައިންވެސް ދެގައުމުގެ ބޯޑަރު ކައިރިއަށް ދާނެ ކަމަށް ބުނެފައެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނާ ގޮތުގައި ތުރުކީގެ އޮޕަރޭޝަނުގައި މިހާތަނަށް ސީރިއާގެ 50އަށް ވުރެ ގިނަ އާންމު ރައްޔިތުންނާއި ތުރުކީގެ 18 މީހުން ވަނީ މަރުވެފައެވެ. އަދި ތުރުކީން ދިން ހަމަލާތަކުގައި 56 ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް ކުރުދީން ބުނާ އިރު، ތުރުކީން ބުނާ ގޮތުގައި އެގައުމުގެ ހަތަރު ސިފައިންނާއި އެގައުމުގެ އެހީގައި ހަނގުރާމަ ކުރާ ސީރިއާގެ 16 މީހަކު ވަނީ މަރުވެފައެވެ.

ތުރުކީގެ އަސްކަރީ އޮޕަރޭޝަން ފެށުމުން، ކުރުދީންގެ ގައިދުހާނާތަކުގައި ތިބި އައިއެސްގެ މެމްބަރުން ފިލަމުންދާ ކަމުގެ ކަންބޮޑުވުން ގިނަ އަދަދެއްގެ އޮފިޝަލުން ވަނީ ފާޅުކޮށްފައެވެ. އަދި އައިއެސް މެމްބަރުންގެ އާއިލާގެ މެމްބަރުން ތިބި އައްނިސާ ކޭމްޕު ކައިރީ އާދިއްތަ ދުވަހު ހަމަލާތައް ވަރުގަދަވުމުން، އެކޭމްޕުން 859 މީހަކު ފިލާފައިވާ ކަމަށް ކޭމްޕުގެ އޮފިޝަލަކު ވިދާޅުވިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން މީގެ ކުރިން ނެރުނު ބަޔާނެއްގައިވާ ގޮތުން، އެމެރިކާ ސިފައިން ސީރިއާގެ އުތުރުން ފޭބުމުން، އެސަރަހައްދުގައި ތިބި އައިއެސްއަށް ނިސްބަތްވާ ގައިދީންނަށް ޒިންމާވާނީ ތުރުކީންނެވެ.

comment ކޮމެންޓް