މަސްތުވާތަކެއްޗާ ގުޅުން ހުރި ތުހުމަތުތަކާ އެކު ފިލިޕީންސްގެ ފުލުހުންގެ ވެރިޔާ އިސްތިއުފާ ދެއްވައިފި

ފިލިޕީންސްގެ ރައީސް ރޮޑްރީގޯ ޑުޓާޓޭ ވަނީ ފުލުހުންގެ ވެރިޔާ ޖެނެރަލް އޮސްކާ އަލްބަޔަލްދޭގެ ދިފާއުގައި ވާހަކަ ދައްކަވާފައި -- ފޮޓޯ: އީޕީއޭ

މެނީލާ (އޮކްޓޯބަރު 14): މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލައެއްގައި ފިލިޕީންސްގެ ފުލުހުންގެ ވެރިޔާ، ޖެނެރަލް އޮސްކާ އަލްބަޔަލްދޭގެ މައްޗަށް ތުހުމަތުތަކެއް ފެންމަތިވުމާ ގުޅިގެން އޭނާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ފިލިޕީންސްގެ ރައީސް ރޮޑްރީގޯ ޑުޓާޓޭ 2016 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ފަހުން އެގައުމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފެއްޓެވި "ހަނގުރާމައިގައި" އިސްކޮށް ހުންނަވާ އަލްބަޔަލްދޭ އިސްތިއުފާ ދެއްވީ 2013 ވަނަ އަހަރު ހިނގި ހާދިސާއަކާ ގުޅިގެންނެވެ. އޭރު އޭނާ ހުންނެވީ ޕަމްޕަންގާ ޕްރޮވިންސުގެ ފުލުހުންގެ ވެރިޔާގެ ގޮތުގަ އެވެ.

ފިލިޕީންސްގެ ސެނެޓުން ބަލަމުން ދިޔަ މައްސަލައެއްގައި ފެންމަތިވި ތުހުމަތުތަކުގައިވާ ގޮތުން، އަލްބަޔަލްދޭ ވަނީ އޭނާގެ ދަށުން މަސައްކަތް ކުރަމުން ދިޔަ އޮފިސަރުންތަކެއް ރިޝްވަތުގެ ގޮތުގައި 100 ކިލޯގެ މަސްތުވާތަކެތި ނެގުމުން، އެމައްސަލައިގެ ތަހުގީގަށް ހުރަސް އަޅާ، އެ އޮފިސަރުން މަގާމުން ދުރު ކުރުން ހުއްޓުވާފަ އެވެ.

އަދި އެމައްސަލަ ތަހުގީގު ކުރި ރިޓަޔާޑް ޖެނެރަލަކު ވަނީ އެ އޮފިސަރުން ހޯދި މަސްތުވާތަކެތި ވިއްކާލި ކަމަށާއި އެ ފައިސާގެ ބަޔެއް އަލްބަޔަލްދޭއަށް ވެސް ދިން ކަމަށް ސެނެޓުގައި ވިދާޅުވެފަ އެވެ.

އެމައްސަލާގައި އަލްބަޔަލްދޭ މަގާމުން ދުރުކުރަން ގިނަ ބަޔަކު ގޮވާލި ނަމަވެސް ޑުޓާޓޭ ވަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ. އަދި އޭނާ މަގާމުން ދުރު ކުރާނީ ކުށް ކުރިކަމުގެ ހެކި ލިބުމުން ކަމަށް ވިދާޅުވެފަ އެވެ.

އަލްބަޔަލްދޭ އިސްތިއުފާ ދެއްވުމުގެ ކުރިން އޭނާ ވަނީ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.

ރައީސް ޑުޓާޓޭގެ ދަރިފުޅު އަދި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ޕައޮލޯ ޑުޓާޓޭގެ މައްޗަށް ވެސް ވަނީ މަސްތުވާތަކެއްޗާ ގުޅުން ހުރި ތުހުމަތުތަކެއް ކޮށްފަ އެވެ. އެގޮތުން ޗައިނާއިން ފިލިޕީންސަށް 125 މިލިއަން ޑޮލަރުގެ މަސްތުވާތަކެތީގެ ޝިޕްމެންޓެއް ގެންދިޔުމުގައި އޭނާ ބައިވެރިވި ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ. ނަމަވެސް ޕައޮލޯ ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.

ރައީސް ޑުޓާޓޭގެ ވެރިކަމުގައި ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެއްޗާ ގުޅުން ހުރި އޮޕަރޭޝަންތަކުގައި 6،660 މީހުން މަރުވެފައިވާ ކަމަށް ފިލިޕީންސްގެ ފުލުހުން ވަނީ މިދިޔަ ޖޫން މަހު ބުނެފަ އެވެ. ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ލަފާ ކުރާ ގޮތުގައި އެ އޮޕަރޭޝަންތަކުގައި މަރުވި މީހުންގެ އަދަދު 27،000އަށް އަރާނެ އެވެ.

comment ކޮމެންޓް