ސައުދީ އަރަބިއްޔާ ކައިރީގައި އޮތް އީރާނުގެ ތެޔޮޓޭންކަރެއް ގޮވައި ރަތް ކަނޑަށް ތެޔޮ ލީކްވާން ފަށައިފިއެވެ.
އީރާނުގެ ޕްރެސްޓީވީން ބުނީ އެ ހާދިސާ ހިނގިއިރު އެ ތެޔޮ ޓޭންކަރު އޮތީ ސައުދީގެ ޖިއްދާއާ 60 މޭލް ބޭރުން ކަމަށެވެ.
ގޮވި ޓޭންކަރަކީ އީރާނުގެ ގައުމީ ތެޔޮ ކުންފުނީގެ ޓޭންކަރެކެވެ.
އިރާނުން ބުނީ ތެޔޮ ޓޭންކަރު ގޮވީ މިސައިލް ހަަމަލާއަކުން ދިން ޓެރަރިސްޓް ހަމަލާއަކުން ކަމަށް ބެލެވޭ ކަމަށާއި ޓޭންކަރުގައި ދެ ފަހަރަށް ގޮވުމެއް ގޮވި ކަަމަށެވެ.
އެ ހާދިސާ ހިނގީ އަލިފާން ރޯވެގެން ނޫން ކަމަށްވެސް އިރާނުންވަނީ ބުނެފައެވެ. ގޮވި ޓޭންކަރުގެ ފަޅުވެރިންގެ ހާލު ރަނގަޅުކަމަށްވެސް އިރާނުން ބުންޏެވެ.
އެ ހާދިސާއާ ގުޅިގެން ތެލުގެ އަގު ދެ ޕަސެންޓް މަައްޗަށް ވަނީ ޖެހިލާފައެވެ.
މިދިޔަ ޖޫންމަހުވެސް އެ އެ ސަރަހައްދުގެ ކަނޑުގެ ސަރަހައްދުގައި އޮތް ދެ ޓޭންކަރެއް ގޮވިއެވެ. އެ ހާދިސާތަކުގެ ޒިންމާ އެމެރިކާއިން އީރާނުގެ ބޮލުގައި އެޅުވިނަމަވެސް އީރާނުން އެކަން ވަނީ ދޮގުކޮށްފައެވެ.
އޭގެ އިތުރުން ދާދި ފަހުން ސައުދީގެ ތެޔޮ ކާރުހާނާ އަރަމްކޯއަށް ދިން ހަމަލާގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އެ ހަމަލާ ސައުދީން އެޅުވީ އީރާންގެ ބޮލުގައެވެ.