އިންޑިއާއިން ފިޔާ އެތެރެ ކުރުމުގައި ދިމާވި މައްސަލަ ހައްލު ކޮށްފިން: ސަރުކާރު

ޕިކަޕަކުން ފިޔާ ގޯނި ތަކެއް ބާލަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިންޑިއާއިން ރާއްޖެއަށް ފިޔާ އެތެރެކުރުމުގައި ދިމާވި މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

އިންޑިއާގައި ފިޔާގެ ސަޕްލައި މަދުވެ، ފިޔާގެ އަގު ވަނީ އުފުލިފައެވެ. އެއީ، އިންޑިއާގައި ފިޔާ ހައްދާ މައި ސްޓޭޓު ކަމަށްވާ މަހަރާޝްތާ ސްޓޭޓަށް މި އަހަރުގެ ތެރޭގައި މޫސުން ގޯސްވުމުންނެވެ. މި އަހަރު ފެށުނު ކޮޅު ހޫނުގަދަވެ ހަނަފަަސްވި އިރު އޮގަސްޓު މަހުގެ ތެރޭގައި ވިއްސާވެ އެ ސްޓޭޓުގެ ބޮޑު ސަރަހައްދަކަށް ވަނީ ފެންބޮޑުވުމުގެ އަސަރުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދަނޑުވެރިންނަށް ޑިމާންޑާ އެއްވަރަށް ފިޔާ ނުހެއްދުނީ އެވެ. އަދި އެގައުމުގައި ފިޔާގެ އަގު ގާތްގަނޑަކަށް ތިން ގުނަ އުފުލުނީ އެވެ.

ޑިމާންޑާ އެއްވަރަށް ފިޔާ ސަޕްލައި އިތުރު ކުރަން އިންޑިއާ ސަރުކާރުން މިހާރު ވަނީ އެގައުމުން ފިޔާ އެކްސްޕޯޓު ކުރުން ހުއްޓުވައި، ފިޔާ އެހެން ގައުމުތަކުން އިމްޕޯޓު ކުރަން ނިންމައިފައެވެ.

އިންޑިއާ އަކީ ރާއްޖޭގެ ވިޔަފާރިތަކުން އެންމެ ގިނައިން ފިޔާ އެކްސްޕޯޓު ކުރާ އެއް ގައުމެވެ. އެގައުމުން ފިޔާ ނުގެނެވުމުން، ރާއްޖޭގައި ފިޔާގެ ސަޕްލައި މަދުވެ، އަގު ވަނީ ބަސްތާއެއް 1000 ރުފިޔާއަށް އުފުލިފައެވެ.

އެކަމާ ގުޅިގެން މިއަދު ފޮރިން މިިނިސްޓްރީއިން ބުނީ، އިންޑިއާއިން ރާއްޖެއަށް ފިޔާ އެތެރެ ކުރުމުގައި ވިޔަފާރިތަކަށް ދިމާވެގެން އުޅޭ މައްސަލަ ހައްލު ކުރެވިފައިވާ ކަމަށެވެ. އަދި މިހާރު ދަތިކަމެއް ނެތި އިންޑިއާއިން ރާއްޖެއަށް ފިޔާ އެތެރެ ކުރެވޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދޭ ކަމަށް ބުނެފައިވެއެވެ.

އިންޑިއާގައި އެންމެ ގިނައިން ފިޔާ ހައްދައި އުޅެނީ މަހަރާޝްތާ ސްޓޭޓާއި، ގުޖުރާތާއި، މަދްޔަ ޕްރަދޭޝްއާއި، އުއްތަރު ޕްރަދޭޝްއާއި، ވެސްޓް ބެންގަލްއާއި، ކަރުނާޓަކާ އަދި ބިހާރު މި ސްޓޭޓުތަކުގައެވެ. މި ސްޓޭޓުތަކުގެ ތެރެއިންވެސް އެންމެ ގިނައިން ފިޔާ ހައްދަނީ މަހަރާޝްތާ ސްޓޭޓުގައެވެ. އިންޑިއާގައި ހައްދާ ފިޔާގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއް ބައި ހައްދަނީ އެ ސްޓޭޓުގައެވެ.

comment ކޮމެންޓް