އަމިއްލަ މީހުން ކޯޓަށް ހުށަހަޅާ މައްސަލަތަކާ ގުޅޭގޮތުން އެކުލަވާލުމަށް ނިންމާފައިވާ މަދަނީ އިޖުރާއަތުގެ ބިލުގެ ދެލިކޮޕީއަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެޓާނީ ޖެނެރަލް އޮފީހުގެ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ އެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އަމިއްލަ މީހުންނަށާއި ކަމާ ބެހޭ ދާއިރާތަކުގެ މީހުންނަށްވެސް ހުޅުވާލައިފައިވާ ކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލާ މަދަނީ އިޖުރާއަތުގެ ބިލަކީ މަދަނީ ދަޢުވާތަކާބެހޭ އުސޫލުތަކާއި، ޝަރީޢަތަށް މައްސަލަ ފޮނުވުމުގެ ކުރިން މައްސަލަ ހައްލުކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި، ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގެ އުސޫލުތަކާއި، ހެއްކާބެހޭ ބައެއް އުސޫލުތައް ބަޔާން ކުރާ ބިލެކެވެ.
އޭގެ އިތުރުން ރާއްޖެއިން ބޭރުގެ ކޯޓުތަކުގައި ކޮށްފައިވާ ހުކުމްތައް ރާއްޖޭގައި ތަންފީޒުކުރުމާގުޅޭ އުސޫލުތަކާއި، ހުކުމް ތަންފީޒުކުރުމާގުޅޭ އުސޫލުތަކާއި، އިސްތިއުނާފުކުރުމާގުޅޭ އުސޫލުތަކާއި، އެނޫންވެސް މަދަނީ އިޖުރާއަތާގުޅޭ އާންމު އުސޫލުތައް، ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއަށާއި، ރާއްޖޭގައި އަމަލުކުރަމުންދާ އުސޫލުތަކަށްވެސް ރިއާޔަތްކުރުމާއެކު އެކުލަވާލާފައިވާ ބިލެެއް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.
އެބިލުގެ ދެލިކޮޕީ އެކުލަވާލައްވާފައިވަނީ، އ.ދ. ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ.) ގެ އެހީއާއެކު ޢައްޔަންކޮށްފައިވާ ކޮންސަލްޓަންޓެއް ކަމަށްވާ، އިނގިރޭސިވިލާތުގެ ނޮދަމްބްރިއާ ޔުނިވަރސިޓީގެ ލޯ ސްކޫލްގައި ސީނިއަރ ލެކްޗަރަރއެއްގެ މަގާމު އަދާކުރައްވަމުންގެންދަވާ މިސްޓަރ އިމެނުއަލް ގުއިންޝާޑެވެ.
މަދަނީ އިޖުރާއަތުގެ ބިލަށް ހިޔާލު ހުށަހަޅުއްވަން އެދިވަޑައިގަންނަވާ ފަރާތްތަކަށް، އީމެއިލް ނުވަތަ ލިޔުމަކުން އެކަން މިމަހުގެ 15 ދުވަހުގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މަދަނީ އިޖުރާއަތުގެ ދެލިކޮޕީ ބަންޑާރަ ނައިބުގެ އޮފީހުގެ ވެބްސައިޓުން ބެއްލެވޭނެއެވެ.