އެންމެ މޮޅު ކެރަމް ބޯޑު އުފައްދާ ކުންފުނިން ރާއްޖެއަށް ހާއްސަ ބޯޑެއް ނެރެފި

މ. މުލީގައި މިއަދު ފެށި އިންޑިއާ - މޯލްޑިވްސް ކެރަމް ސީރިސްގެ ތެރެއިން -- ފޮޓޯ// ކެރަމް އެސޯސިއޭޝަން

ދުނިޔޭގެ އެންމެ މޮޅު ކެރަމް ބޯޑު އުފައްދާ އެއް ކުންފުނިކަމަށްވާ 'ސިސްކާ' އިން ސިސްކާ ޖަޒީރާގެ ނަމުގައި އިންޓަރނޭޝަނަލް ސްޓޭންޑަރޑްގެ ކެރަމް ބޯޑް މިއަދު ރާއްޖޭގައި ތައާރަފްކޮށްފިއެވެ.

މި ބޯޑް ތައާރަފްކޮށްފައިވަނީ މ. މުލީގައި މިއަދު ހެނދުނު ފެށި އިންޑިއާ މޯލްޑިވްސް ޓެސްޓް ސީރީސްގެ ފެށުމުގެ ހަފްލާގަ އެވެ. މިއަދު ފެށި މި ސީރީސްގައި ރާއްޖޭގެ ކުޅުންތެރިންނާ ވާދަކުރުމަށް އިންޑިއާގެ ކެރަމް ޓީމުގައި ޖުމްލަ 20 ކުޅުންތެރިންނާއި ފަސް އޮފިޝަލުން ވަނީ ރާއްޖެ އައިސްފަ އެވެ. އެއީ ސީނިއާ 10 ކުޅުންތެރިންނާއި ޖޫނިއާ 10 ކުޅުންތެރިންނެވެ.

ސިސްކާ ކުންފުނީގެ ވެރިޔާ އަތުލް މެހެރާ ވިދާޅުވީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކުންފުނީގެ އުފެއްދުންތައް ބޭނުންކުރާ ކުޅުންތެރިންނާއި އަދި ގައުމީ އެސޯސިއޭޝަންތަކާއެކު އޮންނަ އިތުބާރާއި ގުޅުން ވަރުގަދަ ކުރުން ކަމަށެވެ.

"ސިސްކާ ޖަޒީރާ ބޯޑު އެކުލެވިގެންވަނީ ދުނިޔޭގެ އެކި ގައުމުތަކުން ހޯދާފައިވާ އެންމެ މޮޅު ލަކުޑީގައި. ރާއްޖޭގެ މާކެޓަށް ސިސްކާ ޖަޒީރާ ފޯރުކޮށްދީ، ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލް ބްރޭންޑަކަށް މި ބްރޭންޑްވާނެ ކަމަށް އުއްމީދުކުރަން."

މިއަދު މ. މުލީގައި ފެށި ކެރަމް ޓެސްޓް އަށްފަހު ސިސްކާ ޖަޒީރާ ސީރީސްގެ ކެރަމް ބޯޑު ދުނިޔޭގެ މާކެޓަށް ނެރުމަށްވަނީ ހަމަޖެހިފަ އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުޅޭ ޓެސްޓް ސީރީސް މެޗުތައް މިއަދާއި މާދަމާ ކުރިއަށް ދާނެ އެވެ. އަދި އެއަށް ފަހު ލަންކާގެ މޮޅުކުޅުންތެރިން ވެސް ހިމަނައިގެން ކުޅޭ ޕްރެޒިޑެންޓްސް ކެރަމް ލީގް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ކެރަމް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ކެރަމް ޓީމުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ގިނަ ކާމިޔާބީތަކެއް މިހާރު ވެސް ދަނީ ހޯދަމުންނެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ވޯލްޑް ކެރަމް ޗެމްޕިއަންޝިޕްގައި ދިވެހި އަންހެން ޓީމް ވަނީ ތިން ވަނަ ހޯދައިފަ އެވެ. އަދި 23 އަހަރަށް ފަހު ދިވެހި ފިރިހެންޓީމް ވެސް ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

comment ކޮމެންޓް