އިޓަލީގައި އެއް ޔޫރޯއަށް ދޭ ގެތަށް ވިކި ހުސްވެއްޖެ!

ސަމްބޫކާގެ ގެތަށް-- ބިޑުގެ އުސޫލުން 16 ގެ ވިއްކީ އެއް ޔޫރޯއަށް

ގޯތިގެދޮރަކީ އަހަރެމެންގެ ރާއްޖޭގައި ރަނަށްވުރެވެސް އަގުބޮޑު އެއްޗެކެވެ. އަދި ހޯދަން އެންމެ ތަދު އެކައްޗެވެ. އެހެންނަމެސް ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި މިއީ މިހާ އަގުބޮޑު އަދި ހަރަދު ބޮޑު ކަމެއް ނޫނެވެ.

މިއަހަރު އިޓަލީގެ މަޝްހޫރު ސިސިލީގެ އަވަށެއް ކަމުގައިވާ ސަމްބޫކާގެ ގެތަށް މިވަނީ އެންމެ ޔޫރޯއަކަށް ވިއްކާފަ އެވެ. މިއީ އެ އަވަށުގައި މީހުން މަދުވެ އާބާދީ ދަށްވުމުން އެކަހަލަ ހިސާބުތަކުގައި މީހުން އާބާދު ކުރުމަށް އެ ގައުމުގެ ސަރުކާރުން ފެށި ހާއްސަ ސްކީމެއްގެ ދަށުން ހިންގި ޕްރޮޖެކްޓެކެވެ.

ސަމްބޫކާގައި އަލުން މީހުން އާބާދު ކުރުމަށް ފެށި މި ޕްރޮޖެކްޓުގެ ދަށުން 16 ގެ ވަނީ އެއް ޔޫރޯއަށް ވިއްކާފަ އެވެ. މިހާ އަގުހެޔޮކޮށް ގެތަށް ވިއްކި ނަމަވެސް މި ހުރިހާ ގެތަކީވެސް ވީއެންމެ އަވަހަށް މަރާމާތުކޮށްގެން މެނުވީ ދިރިނޫޅެވޭނެ ވަރުގެ ގެތަކެވެ.

މިގޮތުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުން ސަރުކާރުގެ މި ހާއްސަ ސްކީމްގެ ދަށުން އެއް ޔޫރޯއަށްް ގަންނަ ކޮންމެ ގެއަކަށްވެސް އެ ގެއެއްގެ ވެރިފަރާތުން މަދުވެގެން 15،000 ޔޫރޯ މަރާމާތުކުރަން ހަރަދުކުރަން ޖެހޭނެ އެވެ.

މި ހުރިހާގެތަށްވެސް ވިއްކާފައިވަނީ ބިޑުގެ އުސޫލުންނެވެ. މިގޮތުން ގިނަ ގެތަށް ގަނެފައިވަނީ އިޓަލީ ނޫން އެހެން ގައުމުތަކުގެ މީހުންނެވެ. މިގޮތުން ސިޔާސީ ފަރާތްތަކާއި، ވިޔަފާރަވެރިންނާއި، ލިޔުންތެރިންނާއި، އަދި އެކްޓަރުންވެސް މި އަވަށުން ގެތަށް ގަނެފައިވެއެވެ.

ސަމްބޫކާއަކީ އިޓަލީގެ ތަރައްގީނުވާ އަވަށެއް ނަމަވެސް މިއީ އިހުގެ ދިރިއުޅުމުގެ ވައްޓަފާޅި ވަރަށް ފުރިހަމައަށް ދައްކައިދޭ ހިސާބެކެވެ. އަދި މި ގެ ތަކަކީ އާންމު އެޕާރޓްމަންޓް ތަކަށް ވުރެންވެސް ޖާގަ ކުޑަ ގެ ތަކެކެވެ.

ބިޑުގެ އުސޫލުން މި ގެތައް ވިއްކާލި އިރު ހުރިހާ ގެ ތަކެއް ވެސް ވިކުނީ 1000 ޔޫރޯ އާއީ 25000 ޔޫރޯ އާއި ދެމެދުގަ އެވެ. މި ސްކީމަށް ލިބުނު ބޮޑު ތަރުހީބާ އެކު އިޓަލީގެ ސަރުކާރުން ވަނީ މިފަދައިން އެއް ޔޫރޯ އަށް އިޓަލީގެ އެހެން ހިސާބު ތަކުންވެސް ގެތައް ވިއްކަން ނިންމާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު