ޣާޒީ ސްކޫލުގައި "ހާޓީ ބްރޭކް" ލޯންޗުކޮށްފި

ސްކޫލް ކޮރިޑޯ އެކްޓިވިޓީ ހަރަކާތް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިފްތޮތާހްކޮށްދެއްވާފައި--- ފޮޓޯ/ ރައީސް އޮފީސް

ދުނިޔޭގެ ހިތުގެ ދުވަހާ ގުޅިގެން ޣާޒީ ސްކޫލުގައި "ހާޓީ ބްރޭކް"ގެ ނަމުގައި ޕައިލެޓް ހަރަކާތްތެއް އިފްތިތާހުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އާ ޓައިނީ ހާޓްސް ގުޅިގެން ޣާޒީ ސްކޫލުގެ ކޮރިޑޯގައި އެ އެކްޓިވިޓީ އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.

ޓައިނީ ހާޓްސް އިން ބުނީ މިއަދު އިފްތިތާހްކުރެވިގެން ދިޔަ ޕައިލެޓް ޕްރޮގްރާމް "ހާޓީ ބްރޭކް"ގެ މަގްސަދަކީ ސްކޫލު މާހައުލަކީ ހަރަކާތްތެރިވުމަށް ބާރުއަޅައި ކަސްރަތު ލިބޭ ފަދަ ގޮތަކަށް ފަރުމާކުރެވިފައިވާ ތަނަކަށް ހެދުން ކަމަށެވެ.

ކޮރިޑޯ އެކްޓިވިޓީގެ ސަބަބުން ސިކުނޑިއަށާއި ހިއްސުތަކަށް ލުއިކަމެއް ލިބި ކުއްޖާ ހަމަޖެހިލަން ފުރުސަތުލިބޭ ކަމަށާއި ހަށިގަނޑު ހަރަތާކްތެރިވެ ހަކަތަ ލިއްބައިދިނުމުގެ އިތުރުން ދުޅަހެޔޮ ކަމަށް ހިތްވަރުލިބޭނެ ކަމަށް ޓައިނީ ހާޓްސްއިން ބުންޏެވެ.

މިއަދު އިފްތިތާހްކުރި ޕައިލެޓް ޕްރޮގްރާމަކީ ރާއްޖޭގައި ވޯލްޑް ހާޓް ފެޑެރޭޝަނުން ފުރަތަމަ ފަހަރަށް ލިބުނު ގްރާންޓްގެ އެހީގައި ފެށުނު ޕްރޮޖެކްޓެކެވެ.

ޕައިލެޓް ހަރަކާތާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ މި ހަރަކާތަކީ ސްކޫލުތަކަށް ވަރަށް ފައިދާކުރަނިވި ހަރަކާތެއް ކަމަށެވެ.

"ކަރިކިއުލަމްގައި ވެސް ވަރަށް ބޮޑަށް ފިޒިކަލް އެޑިއުކޭޝަނަށް ފުރުސަތުދެވިފައި އޮންނަނީ. އެހެންނަމަވެސް އެންމެ އެކަށޭނެ ގޮތަކަށް އެ ހަރަކާތް ނުގެންދެވޭ ކަމަށް ވީނަމަވެސް މުސްތަގްބަލުގައި އެކަން ރަނގަޅުކުރާނަން."

އެ ހަރަކާތް އިތުރަށް ފުޅާކުރުމަށް ވިސްނާ ކަމަށާއި އެފަދަ ހަރަކާތްތައް ވެސް އެހެނިހެން ސްކޫލުތަކުގައި ވެސް ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދުކުރާ ކަމަށް އެ މިނިސްޓްރީ އިން ބުނެ އެވެ.

އެޑިއުކޭޝަނުން މި އަހަރު ޣާޒީ ސްކޫލުގައި މި ޕްރޮގްރާމް ހިނގާ ގޮތަށް ބަލައި ސްކޫލުގެ ފީޑްބެކަށް ބަލައި އަންނަ އަހަރު އިތުރު ސްކޫލުތަކަކަށް ކޮރިޑޯ އެކްޓިވިޓީ ސާކިޓެއް ތައާރަފްކުރާނެ ކަމަށެވެ.

މި އަހަރުގެ ދުދިޔޭގެ ހިތުގެ ދުވަހުގެ ހިތުގެ ދުވަހުގެ ޝިއާރުގެ ގޮތުގައި ވޯރލްޑް ހާޓް ފެޑެރޭޝަނުން ކަދޑައަޅާފައި ވަނީ 'މައި ހާޓް ޔޯ ހާޓް'އެވެ.

ޓައިނީ ހާޓްސްގައި ބަލަހައްޓައި އުފެދުމުގައި ހިތުގައި އުނިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި މިއަދާ ހަމައަށް 585 ފަރާތް ވަނީ
ދަފްތަރުކުރެވިފަ އެވެ.

comment ކޮމެންޓް