ޓެރަރިޒަމްގެ ގާނޫނު އިސްލާހު ނުކުރެވިއްޖެ ނަމަ ނުރައްކާ ބޮޑު: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ "ސަން"ގެ 50 މިނެޓް ޕްރޮގްރާމަށް އިންޓަވިއު ދެއްވަނީ: ފިޔަވަޅު ނޭޅޭ ނަމަ ޓެރަރިޒަމްގެ ނުރައްކާ ބޮޑު ކަމަށް ވިދާޅުވި -- ސަން ފޮޓޯ

ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވަން މިހާރުން މިހާރަށް ފިޔަވަޅުތަކެއް ނޭޅިއްޖެ ނަމަ، ރާއްޖެ އަށް އޮތް ޓެރަރިޒަމްގެ ނުރައްކާ ވަރަށް ބޮޑު ކަމަށް ހޯމް މިނިސްޓަރު، ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

"ސަން" އިން ގެނެސްދޭ "50 މިނިޓް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، އަވަށްޓެރި ލަންކާގައި މިދިޔަ އެޕްރީލް މަހު ދިން ޓެރަރިސްޓް ހަމަލާތަކުން މި ސަރަހައްދުގައިވެސް ޓެރަރިޒަމްގެ ނުރައްކާ އޮތް ވަރު ހާމަވެގެން ދިޔަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މުޅި ސަރަހައްދަށް ނުތަވަސްކަން ވެރިވެފައިވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވަން މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ ރާއްޖެއަށް ބޮޑެތި ނުރައްކާތައް ހުރިކަން އެސެސްމަންޓްތަކުން ހާމަވެފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބެލި ބެލުންތަކުން އެބަ ފެނޭ، ރާއްޖޭގައި ވެސް އަޅުގަނޑުމެން ކުރިއަލާ ފިޔަވަޅުތަކެއް ނާޅައިފި ނަމަ، އަޅުގަނޑުމެންނަށް އަސަރުތަކެއް ކޮށްފާނެ ކަމަށް،" ޓެރަރިޒަމް ގާނޫނު އިސްލާހު ކުރަން ޖެހޭކަން ފާހަގަ ކުރައްވަމުން އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ، ޓެރަރިޒަމްގެ ހުއްޓުވުމުގެ ގާނޫނު މިހާރު އޮތް ގޮތުން ޓެރަރިޒަމް ހުއްޓުވުމަށް ހުރަސްތައް ވަރަށް ބޮޑަށް ހުރި ކަމަށެވެ. އެގޮތުން ދިވެއްސަކު ޓެރަރިސްޓް ސަރަހައްދަކަށް ގޮސް، އެފަދަ ހަރަކާތެއްގައި ބައިވެރިވެ ރާއްޖެ އައުމުން ގާނޫނުތައް ހުރި ގޮތުން އެކަން ކޯޓްތަކުގައި މިހާރު ސާބިތުކޮށް ނުދެވޭ ކަމަށެވެ. އެގޮތުން ހުށަހަޅަން ޖެހޭ ހެކި ތަކާއި އަދި ކުށްތައް މާނަކޮށްފައިވާ ގޮތުން މިހާރު ގާނޫނުގެ ދަށުން ޓެރަރިޒަމް ހުއްޓުވުމަށް ވަރަށް ބޮޑެތި ގޮންޖެހުމެއް ކުރިމަތިވާ ކަަމަށް އިމްރާން ވިދާޅުވި އެވެ.

"ރާއްޖޭގައި ތިބެގެން ވަކި ގޮތަކަށް މޯޓިވޭޓް ވެގެން އެފަދަ ތަނަކަށް ގޮސް، އެތަނެއްގައި އުޅެ، އެތަނަކުން އަންނަ އިރު، އެމީހެއްގެ ހަށިގަނޑުން، ގައިން، އެތަށް ބައިވަރު ނިޝާންތައް ހުރެ، މިހުރިހާ ކަމަކީ ހެއްކެއްގެ ގޮތުގައި ބަލައި ނުގަނެވޭނަމަ، ރާއްޖޭގައި މިއަދު ހިނގަމުންދާ ޓެރަރިޒަމް އާ ގުޅޭ ކަންކަން ހުއްޓުވުމަކީ، ވަރަށް ދަތި ކަމެއް،" އިމްރާން ވިދާޅުވި އެވެ.

"މިހާރު [ގާނޫނު] އޮތް ގޮތުން، މީހަކު އެފަދަ ތަނަކަށް [ހަނގުރާމަވެރި ތަނަތަކަށް] ދިޔަސް، އެފަދަ ތަނެއްގައި އުޅުނަސް އެކަން ސާބިތުވިނަމަވެސް އެމީހަކު އެތަނުގައި ވަކި ކުށެއް ކުށެއް ކުރި ކަމަށް ސާބިތު ނުކުރެވޭ ނަމަ އޭނަގެ މައްޗަށް ނެތް ދައުވާ އުފުލޭކަށް،"

އެ ހުރަސްތައް ނައްތާލެވޭނީ، ސަރުކާރުގެ ފަރާތުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލް ފާސްވެހެން ކަމަށް އިމްރާން ވިދާޅުވި އެވެ.

ބިލުގައި ވަނީ އެހެން ގައުމުތަކުގައިވެސް ފުލުހުންނަށް ދީފައިވާ ބާރު!

ޓެރަރިޒަމްގެ ބިލުގައި ފުލުހުނަށް ވަނީ ބޮޑެތި ބާރުތަކެއް ދިނުމަށް ހިމަނާފަ އެވެ. އެގޮތުން ކޯޓް އަމުރެއް ނެތި ޝައްކު ކުރެވޭ މީހުން ހައްޔަރު ކުރުމާއި އެފަދަ ތަންތަން ބަލައި ފާސްކުރުމާއި ކޯޓަށް ހާޒިރުނުކޮށް 48 ގަޑިއިރު ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިދެ އެވެ.

އިމްރާން ވިދާޅުވީ، އެ ބާރުތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެފަދަ ކުށްތައް ހުއްޓުވުމަށް ފުލުހުންނަށް ދީފައިވާ ބާރުތަކެއް ކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ޓެރަރިޒަމްގެ ގާނޫނުތައް ހުންނަ ގޮތް ދިރާސާކޮށް ގެންނަ ބަދަލުތަކެއްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެހެން ގައުމުތަކަށް ވުރެވެސް ރާއްޖެއިން ގެންނަން ބޭނުންވާ އިސްލާހުތަކުގައި ހުރި ކަންކަން ލުއިވާނެ ކަމަށެވެ.

"މިހާރު [ޓެރަރިޒަމް ގާނޫނަށް] މި ގެންނަ ބަދަލުތަކަށް ބަލާއިރު، ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަޓިކް ގައުމުތަކުގައިވެސް ޓެރަރިޒަމްގެ މައްސަލައާ ގުޅޭ ގޮތުން އެހެން ގާނޫނުތަކުން ނުދޭ ބާރުތަކެއް ޓެރަރިޒަމްގެ ގާނޫނަށް ލިބިދީފައިވޭ. މިއަދު މި ގެނެސްދޭ ބާރުތަކަކީ، ދުނިޔޭގެ ތަހުޒީބީ ގައުމުތަކުގައިވެސް އެބޭފުޅުން ބޭނުން ކުރައްވާ ނުވަތަ ބޭނުން ބާރުތަކަށްވުރެ ލުއި ބާރުތަކެކޭވެސް ދެނެންވި ދާނެ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ، ޓެރަރިޒަމްގެ ކުށްތައް ހުއްޓުވޭނީ، މިހާރު ހުށަހަޅާފައިވާ އިސްލާހުތައް ފާސްވެގެން ކަމަށެވެ.

ބިލްގެ ބައެއް މާއްދާތައް ގާނޫނު އަސާސީއާ ހިލާފުވާކަމަށް ބުނާ ކަންބޮޑުވުންތަކާ ގުޅިގެން އިމްރާން ވިދާޅުވީ، ގާނޫނު އަސާސީއާ ހިލާފު އެއްވެސް ގާނޫނެއް މަޖިލީހުން ފާސް ކުރާނެ ކަމަކަށް ނުބެލެވެ އެވެ. ނަމަވެސް ބިލުގައިވާ އެ މާއްދާއަށް ބަދަލު ގެންނަ އިރު، ހާއްސަ ހާލަތްތަކުގެ 48 ގަޑި އިރު ބެހެއްޓުމުގެ ފުރުސަތު ދިނުމަށް މަޝްވަރާ ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ "ސަން އޮންލައިން"ގެ 50 މިނެޓް ޕްރޮގްރާމްގައި ޗީފް އެޑިޓަރު، އަހުމަދު ޒާހިރު އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ

"[މިސާލަކަށް] ބޮޑު ހާދިސާ އެއް ހިނގައިގެން ނަތީޖާއެއްގެ ގޮތުން އެބަ ދިމާވޭ 24 ގަޑި އިރު ތެރޭ އެކަމުން ސަލާމަތް ނުވެވިގެން، އެމީހުން ކޯޓަށް ގެންގޮސް މުއްދަތު ޖެހުމަށްވުރެ ހަމަޖައްސަން ޖެހޭ އެހެން ބައިވަރު ކަންކަން ދައުލަތުން ބުރަ އުފުލަން ޖެހޭ. އެކަހަލަ ހާދިސާއެއް ހިނގާ ވަގުތު އެބަ ފުރުސަތު ލިބެން ޖެހޭ 24 ގަޑި އިރުން ބޭރުންވެސް [ހައްޔަރުގައި ބެހެއްޓުމުގެ ބާރު]،" އިމްރާން ވިދާޅުވި އެވެ.

އިމްރާން އަދި ވިދާޅުވީ، މިހާރު އޮންނަ ގޮތުން އެފަދަ ހާއްސަ ހާލަތެއް މެދުވެރިވި ނަމަވެސް ކުށުގެ ތުހުމަތުވާ މީހަކު 24 ގަޑި އިރު ތެރޭ މުއްދަތު ނުޖަހައިފި ނަމަ އޭނާ މިނިވަންވާ ކަމަށެވެ. އެގޮތުން އެފަދަ މީހަކު މިނިވަން ވުމުން އަނެއްކާވެސް ނުރައްކަލަކަށް ހުށަހެޅި، ލިބޭ ގެއްލުން ބޮޑު ކަމަށް އިމްރާން ވިދާޅުވި އެވެ.

"މިހާރު މަޝްވަރާކޮށް، މަޖިލީހާވެސް ވާހަކަ ދައްކަމުން މިދަނީ، އެފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ ސީދާ 24 ގަޑި އިރު އޮތް ކަމަށް ވިޔަސް، އެހެން މެޝާތަކެއް ނެނގޭތޯ. ނުވަތަ ހާއްސަ ހުއްދަތަކެއް ލިބޭނެ ގޮތްތަކެއް ،" އިމްރާން ވިދާޅުވި އެވެ.

"މައިގަނޑު އުސޫލަކީ 24 ގަޑި އިރު. ނަމަވެސް ފަނޑިޔާރަށް އޭތި ވަޒަން ކުރަން، [24 ގަޑިއަށްވުރެ އިތުރުވި] ސަބަބުން މެދުވެެރިވީ މިވެނި ކަންތައްކެއް މެދުވެރިވެގެން ކަމަށް ނުވަތަ ގައުމުގެ ހާލަތު މިގޮތަށް އޮވެގެން ކަމަށް،"

އިމްރާން ވިދާޅުވީ، ބިލު ފާސްވެެގެން އަންނަ އިރު، އެކަންބޮޑުވުމަށް ހައްލެއް ލިބިގެންދާނެ ކަަމަށެވެ.

comment ކޮމެންޓް