މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ.
މެޓު އޮފީހުން މިއަދު ބުނީ ހއ. އަތޮޅުން ފެށިގެން ނ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ސަރަހައްދުތަކުގެ ކަނޑުތައް ވިލާގަނޑުގައި ގަދަވާނެތީ އެކަމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މެޓުން ބުނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ވައި ޖެހޭނެ ކަމަށް ލަފާކޮށްފައި ވަނީ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލު ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭކަމަށް މެޓުން ވަނީ ބުނެފަ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ މޫސުމީ ވިއްސާރައެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ބުނެފަ އެވެ. މި ވިއްސާރައާއި އަރަބި ކަނޑުގައި އިފެދިފައިވާ ތޫފާން ހިކާ އާއި އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް އެ އިދާރާ އިން ވަނީ ބުނެފަ އެވެ.