މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގެ ހެންވޭރުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ހުޅުވާލި އެހީގެ ފަންޑަށް ދޮޅު ލައްކައެއްވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
ހާލުގައި ޖެހުނު ފަރާތްތަކަށް ނޭޝަޝަނަލް ޑިޒާސްޓާ އޮތޯރިޓީ (އެންޑީއޭ) އިން އޭހީ ދޭން ބޭނުންވާ ފަރާތްތަކަށް އެހީ ދިނުމަށް ރިލީފް އެކައުންޓެއް ހުޅުވީ އިއްޔެ ހަވީރު އެވެ.
އެންޑީއޭގެ އޮފިޝަލަކު މިރޭ "ސަން" އަށް ވިދާޅުވީ، މިއަދު ހަވީރު 4:00 އާ ހަމައަށް އެ އެކައުންޓަށް 158،505.25 ރުފިޔާ ހެޔޮއެދޭ ފަރާތްތަކުން ޖަމާކޮށްފައިވާ ކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލާއި ބޭންކް ސްޓޭޓްމަންޓް މާދަމާ ހާޟަ ކުރައްވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ފައިސާ ފޮނުވާ ބީއެމްއެލް އެކައުންޓް ނަންބަރު: 7730000284246
އަބަދަށްފެހި މަގު، ހ. ތިލަފުށީ ގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވެ، ހިނގި ބިރުވެރި އަލިފާނުގެ ހާދިސާގައި އެކަކު މަރުވެ، އެ ސަރަހައްދެ 30 އެއްހާ ގެއަކަށް އެކިވަރުގެ ގެއްލުންވެ، 400 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ. އޭގެ ތެރެއިން 297 ފަރާތްތަކަށް އެންޑީއޭ އިން ދަނީ، ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.
މިއަދުގެ ވަނީ އެ ސަރަހައްދުގައި ބައެއް ގެތައްވެސް ތަޅާލާފައެވެ.