ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ރައީސް އޮފީސް -- ފައިލް ފޮޓޯ

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އަދި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ މި ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ދެމަގާމަށް ކުރިމަތިލާ ފަރާތަކީ އިގުތިސޯދީ، މާލީ، ވިޔަފާރި ނުވަތަ ޓެކްސްއާ ގުޅުންހުރި ދާއިރާއަކުން މާސްޓާސް ޑިގްރީ ނުވަތަ އެއާ އެއްފެންވަރެއްގެ ސަނަދެއް ހާސިލްކޮށްފައިވާ، ނުވަތަ ސަރުކާރުގެ މާލިއްޔަތާބެހޭ ދާއިރާއެއްގައި މަސައްކަތްކޮށް މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހެ އެވެ.

އަދި މި މަގާމުތަކަށް ކުރިމަތިލާ ފަރާތުން އިތުރު އެހެން ވަޒީފާއެއް އަދާކޮށްގެން ނުވާނެ ކަމަށާއި ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކަށްވެސް ވެގެން ނުވާނެކަމަށް އިއުލާނުގައި ބުންޏެވެ. އަދި އެ މީހުންނަކީ ސަރުކާރު ނުވަތަ އަމިއްލަ ކުންފުންޏެެއްގެ ޑިރެކްޓަރަކަށްވެސް ވެގެންނުވާނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން މަގާމަށް ކުރިމަތިލާ ފަރާތަކީ ގާނޫނުގައި ބުނާ އިންތިހާބީ މަގާމެއްގަިއ ހުރި މީހަކަށްވެގެން ނުވާނެ ކަމަށާއި
ވައްކަމާއި ޓެކުން، ފޭރުން، މަކަރާއި ހީލަތް، ހިޔާނާތް، ރިޝްވަތު ނުވަތަ އިހުމާލުގެ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ވެގެން ނުވާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ. އަދި އެމީހަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ވެގެން ނުވާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.

މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން މަގާމަށް ކުރިމަތިލާން އެދޭ ފޯމާއި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ އިގުރާރު، ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ފޯމު އަދި ސިޔާސީ ޕާޓީއެއްގައި ރެޖިސްޓްރީވެފައި ވޭތޯ ބެލުމަށް އިލެކްޝަނުން ސާފުކުރަންޖެހޭ ފޯމު އަދި ސީވީ ހުށަހަޅަންޖެހޭނީ ރައީސް އޮފީހަށެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް މީހަކު ހޯދުމަށް އިއުލާނުކޮށްފައިވަނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހަކާ އެކު އެވެ. މިހާރު އެ މަގާމުގައި ހުންނެވީ ޔަޒީދު މުހައްމަދެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް މިފަހުން މަޖިލީހުން ގެނައި ބަދަލުގައިވާ ގޮތުގައި ބިލް ތަސްދީގުކުރާ ތާރީހުން ފެށިގެން، 30 ދުވަހުގެ ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަނާއި އޭނާގެ ޑެޕިއުޓީގެ މަގާމަށް ރައީސް ބޭފުޅުން ހަމަޖައްސަވަން ޖެހެ އެވެ.

މި ގާނޫނު ރައީސް ތަސްދީގު ކުރެއްވީ މިމަހުގެ 12 ވަނަ ދުވަހުއެވެ. މިއާއެކު، ކުރިއަށް 30 ދުވަސްތެރޭގައި މިހާރު ހުންނެވި ކޮމިޝަނާ ޖެނެރަލް އަދި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމު ގެއްލޭނެއެވެ.

އެ އިސްލާހުގައިވާ ގޮތުން މީރާގެ ބޯޑާއި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ރައީސް ބޭފުޅުން އައްޔަން ކުރާނީ މަޖިލީހުގެ ރުހުމާ އެކު އެވެ. މީގެ، އިތުރުން ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަކީ ފަސް އަހަރުގެ ދެ ދައުރު ކަމަށްވެސް ވަނީ ކަނޑައަޅައިފަ އެވެ.

އިސްލާހުގައި ވާގޮތުން ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން އަދި ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އިހުމާލުވި ކަމަށް ނުވަތަ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރާ ކަމަށް ނުވަތަ ބޯޑުން ފާސްކޮށްފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށް މަޖިލީހުގެ ކޮމިޓީއަށް ފެނިގެން ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން އަދި ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ހުށަހެޅިދާނެ އެވެ.

comment ކޮމެންޓް