ދިވެހިބަހުގެ އެކެޑެމީން އިންތިޒާމުކޮށްގެން ނ. އަތޮޅުގައި ކުރިއަށް ގެންދިޔަ "މިލަދެކުނު އަދަބީ އީދު 2019" ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެވަޑައިގަތުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެނބުރި މާލެ ވަޑައިގެންފިއެވެ.
ރޭ މަނަދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ އީދުގެ އަދަބީ އެކި މުބާރާތްތަކުން އެއް ވަނައަށް އައި ދަރިވަރުންނާއި ސްކޫލްތަކަށް ހަނދާނީ ލިޔުމާއި އިނާމު ހަވާލުކޮށްދެއްވާފައެވެ. އަދި މި އަދަބީ އީދުގައި ތަރި ލިބުނު ސްކޫލުތަކަށްވެސް އިނާމު ހަވާލުކޮށްދެއްވައިފައެވެ.
އަދަބީ އީދަކީ ދިވެހިބަހާއި އަދަބިއްޔާތާއި ތާރީހަށް ދަރިވަރުންނާއި އާންމުން ހޭލުންތެރިކުރުވައި އެ ކަންކަމަށް އޮންނަ ޝައުގުވެރިކަމާއި ލޯބި އިތުރުކުރުމުގެ މަގްސަދުގައި ދިވެހި ބަހުގެ އެކެޑަމީން ބާއްވަމުން އަންނަ އަދަބީ ހަރަކާތެކެވެ.
އެ އީދަކީ މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ނ. މަނަދޫގައި ކުރިޔަށްގެންދިޔަ އަދަބީ އީދެކެވެ. މިއީ ދިވެހިބަހުގެ އެކެޑަމީއިން ގައުމީ ފެންވަރުގައި ބާއްވާ ފަސް ވަނަ އަދަބީ އީދެވެ. މީގެ ކުރިން 2014 ގައި ގއ. ވިލިނގިލި، 2015 ގައި ގދ. ތިނަދޫ، 2016 ގައި ޅ. ނައިފަރު އަދި 2017 ގައި މ. މުލީގައި އަދަބީ އީދު ބާއްވާފައި ވެއެވެ.
މިފަހަރުގެ އަދަބީ އީދުގައި ކުރިއަށްދިޔަ އެކިއެކި އަދަބީ މުބާރާތްތަކުގައި ނ. އަތޮޅުގެ 10 ރަށެއްގެ 10 ސްކޫލަކުން ޖުމްލަ 200 އަށްވުރެ ގިނަ ދަރިވަރުންނާއި އަދި އާންމުންގެ ތެރެއިން 19 މީހުން ބައިވެރިވެފައިވެއެވެ.
އަދަބީ އީދުގައި ކުރިއަށް ގެންދިޔަ ބައެއް ހަރަކާތްތަކުގެ ތެރޭގައި ތުއްތުކުދިންގެ ސަގާފީ ހަވީރު، ފޮތް މައުރަޒު، ޅެންވެރިކަމުގެ ހުނަރު ދަސްކޮށްދިނުމާއި، ސަރުކާރުގެ މުއައްސަސާތަކަށް ދިވެހިބަސް ހެޔޮގޮތުގައި ދަސްކޮށްދިނުމާ އެކު ދަރިވަރުންނާއި މުދައްރިސުންނަށް ވާހަކަދެއްކުމުގެ ހުނަރުދަސްކޮށްދިނުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނާއި ދިވެހިބަހާއި ތާރީހަށް ލޯބިކުރައްވާ ގިނަ އަދަދެއްގެ ބޭފުޅުން މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ.