އަދަބީ އީދު ނިންމުމުގެ ރަސްމިއްޔާތަށް ރައީސް މަނަދޫއަށް

މިއަދު ހަވީރު ރައީސް ސޯލިހު ނ. އަތޮޅަށް ވަޑައިގަތުމުން ދިވެހިބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ އެމަނިކުފާނަށް މަރުހަބާ ވިދާޅުވަނީ --- ފޮޓޯ/ ރައީސް އޮފީސް

ދިވެހިބަހުގެ އެކެޑެމީން އިންތިޒާމުކޮށްގެން ނ. އަތޮޅުގައި ކުރިއަށް ގެންދިޔަ "މިލަދެކުނު އަދަބީ އީދު 2019" ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނ. މަނަދޫއަށް ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ ނ. މަނަދޫއަށް ވަޑައިގަތީ މިއަދު ހަވީރު ކަމަށެވެ.

ނ. އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އަދަބީ އީދު ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭއެވެ.

މިލަދެކުނު އަދަބީ އީދު 2019 ފެށީ މިދިޔަ ބުދަ ދުވަހު، ނ. މަނަދޫގައެވެ. އަދަބީ އީދުގެ ތެރެއިން ތަފާތު ސަގާފީ ހަރަކާތްތަކާއި ވާދަވެރި އަދަބީ މުބާރާތްތައް ކުރިއަށް ގެންދިޔައެވެ. އެ މުބާރާތްތަކުގައި ނ. އަތޮޅުގެ ހުރިހާ ރަށެއްގެ ސްކޫލަކުން ދަރިވަރުންނާއި އާންމު ރައްޔިތުންނަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިއެވެ.

އެ ހަރަކާތުގެ ތެރެއިން ހިންގި ބައެއް ކަންކަމުގެ ތެރޭގައި އަތުލިޔުމުގެ މުބާރަތާއި، ރައިވަރު ކިޔުމާއި ތާރީހު ސުވަލު މުބާރާތާއި ވާހަކަ ހުށަހެޅުމާއި ޕްރެޒެންޓޭޝަން ހުށަހެޅުމާއި ކުޑަކުދިންގެ ހަވީރެއްގެ އިތުރުން ފޮތް މައުރަޒެއްވެސް ހިމެނެއެވެ.

ދިވެހިބަހުގެ އެކެޑެމީން 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެކި އަތޮޅުތަކުގައި އަދަބީ އީދު ބާއްވާފައެވެ. އެގޮތުން 2014 ގައި ގއ. ވިލިނގިލި، 2014 ގައި ގދ. ތިނަދޫ، 2016 ގައި ޅ. ނައިފަރު އަދި 2017 ގައި މ. މުލީގައި އަދަބީ އީދު ބޭއްވިއެވެ.

comment ކޮމެންޓް