ކުޑަކުދިންނަށް ހާއްސަ ރީހެބް ސެންޓަރެއް ގާއިމުކުރަނީ

ނޭޝަނަލް ޑްރަގް އޭޖެެންސީގެ އޯޕަން ޑޭ ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުޑަކުދިންނަށް ފަރުވާ ދޭން ވަކި މަރުކަޒެއް ގާއިމުކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީގެ އޯޕަން ޑޭ 2019 ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ އާބާދީގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ އާބާދީއަކީ، ބޮޑެތި މީހުންނާ އެކަހެރިކޮށްގެން ހާއްސަ ތަރުބިއްޔަތުތަކަކާއި ފަރުވާތަކެއް ދޭންޖެހޭ ބައެއް ކަމަށެވެ.

އަދި އެފަދަ ކުދިންނަށް ފަރުވާދޭން ހާއްސަ މަރުކަޒެއް ގާއިމުކުރަން ގާނޫނުން ލާޒިމުކުރި ނަމަވެސް، މިހާތަނަށް އެ މަރުކަޒު ގާއިމުކުރެވިފައި ނުވާކަމަށާއި، އެހެންކަމުން އެފަދަ ކުދިންނަށް ދޭންޖެހޭ ފަރުވާ ދޭން ފެށިފައި ނުވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"މިދެންނެވި ފަދަ ކުޑަކުދިންނަށް ފަރުވާދޭ މަރުކަޒެއް ގާއިމުކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައި. މި މަރުކަޒު ގާއިމުކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެށޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަރުކަޒުގެ އަމަލީ މަސައްކަތް ފެށުމާއެކު މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިން، އެ ވަބާއިން ސަލާމަތްކުރުމަށް އެކުދިންނާއި، އެ ކުދިންގެ އާއިލާތަކަށް ދޭންޖެހޭ ރީހެބިލިޓޭޝަން ފަރުވާ ދިނުމަށް ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެ ކަމަށެވެ.

ނެޝަނަލް ޑްރަގް އޭޖެންސީ މިހާރު ހިންގާ އިމާރާތުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދީ، ޒަމާނީ ވަސީލަތްތަކާއެކު ވަށާޖެހޭ ފަރުވާގެ ނިޒާމެއް ގާއިމުކޮށް، ހިދުމަތް ފުޅާކުރުމަށް އެ އޭޖެންސީގެ އިމާރާތް ހުޅުމާލެއަށް ބަދަލުކުރަންވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.

އެ ބަދަލާއެކު، އޭޖެންސީގެ ހިދުމަތްތައް ތަރައްގީކުރެވި، ޒަމާނީ ޑީޓޮކްސް ކްލިނިކަކާއި، ފަރުވާގައި ތިބޭ މީހުން އުފައްދާ ތަކެތި ވިއްކާނެ ބިޒްނަސް ސެންޓަރެއްވެސް އެތަނުގައި ގާއިމުކުރެވޭނެ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

ހަމައެއާއެކު ކުޑަކުދިންނާއި އަންހެނުންނަށް ހާއްސަކޮށް، އެމީހުންނަށް ވަކިން ފަރުވާދެވޭނެ އިންތިޒާމުތަކާއި، ޒަމާނީ ތަހުލީލުތައް ކުރެވޭ ލެބޯޓްރީއަކާއި، ގައުމީ ދިރާސާ މަރުކަޒަކާއި، ހިލޭ ކައުންސިލިން ދެވޭނެ އިންތިޒާމުތައްވެސް އެ އިމާރާތުގައި ގާއިމުކުރައްވާނެކަމުގެ ޔަގީންކަން ރައީސް މިއަދު ދެއްވިއެވެ.

comment ކޮމެންޓް