ޓެރަރިޒަމް ގާނޫނުގެ އިސްލާހަކީ ނާމާންކަމުގެ ރަނގަބީލެއް: ރައީސް ޔާމީން

"ދަވާލައިފި" ނަމުގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ : މުހައްމަދު މުޒައްޔިން

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެންނަން އުޅޭ އިސްލާހަކީ ނާމާންކަމުގެ ބިރުވެރި ރަނގަބީލު ޖަހަމުން އަންނަ އިސްލާހެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

"ދަވާލައިފި" މި ނަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ގެންނަ އިސްލާހަކީ އެންމެ އަމާންކަމާއެކު އަންނަ އިސްލާހެއް ނޫން ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ގާނޫނަށް އިސްލާހު ގެންނަން މަސައްކަތް ކުރަނީ "ދީނީ ހަރުކަށިކަމޭ" ކިޔައިގެން ދީނީ ދަރުސްތަކުގެ އަޑު މަޑުކޮށް، އެފަދަ ދަރުސްތައް ދޭ ފަރާތްތައްވެސް ހިފާ ހައްޔަރު ކުރުމަށް ކަމަށެވެ.

ޕީޕީއެމް އިން މިރޭ ބޭއްވި އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އެކަމަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިލްމުވެރިންގެ މެދުގައި ހިޔާލުފާޅުކުރުން އޮންނާނެ ކަމަށާއި އެ އިސްލާހުގައި އިލްމުވެރީންގެ ވާހަކަ އޮތުމުން އެކަމާ ކަންބޮޑުވާކަމަށެވެ.

"އިލްމުވެރިންނަށް ޖާގަ ނުލިބިގެން މިއުޅެނީ މިހާރު. އެކަމު އިލްމުވެރިންނަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަ ބީދައިން، އެއީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ކަމެއް. ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަ ބީދައިން، އިލްމުވެރިންނަށް އިލްމުވެރިންގެ ހިޔާލާއި އިލްމުވެރިން ދެއްވާ ރައުޔު އެބޭފުޅުންނަށް ހިޔާލު ފާޅުކުރެއްވޭނެ،" ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ޓެރަރިޒަމްގެ ގާނޫނުގެ ވާހަކަ ދައްކާއިރު ދުނިޔޭގެ ކުރިމަތީގައި ރައްޖެއާ މެދު ފަތުރުވެރިން ދެކޭނެގޮތަކާމެދު އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ.

"މިއީތޯ އެންމެ ރަނގަޅު ވަގުތަކީ؟ އެއްކޮޅުން މި މަސައްކަތް ކުރަނީ ތިން ހަތަރު މިލިއަން މީހުން ރާއްޖެއަށް ޒިޔާރާތްކުރޭތޯ. އަދި ރާއްޖެއަކީ ދުނިޔޭގައި އޮތް މެހެމާންދާރީ އެންމެ ބޮޑަށް އޮތް އަދި ބޭރުގެ ކަރަކަރައިގެ މީހުން މިތަނަށް އެންމެން އަންނަން ޒިޔާރާތްކުރަން ބޭނުންވާ މަންޒިލަށް ވެގެންދާއިރު، އަނެއްކޮޅުން ދައުލަތުގެ ފަތްތޫރަ މި ހިނގަނީ ކިހިނެއްތޯ؟ ހަގީގަތުގައި ރާއްޖޭގައި ޓެރަރިޒަމް ގިނަވެގެންތޯ މިއުޅެނީ؟،" އެމަނިކުފާނު ސުވާލުކުރެއްވިއެވެ.

comment ކޮމެންޓް