ކުރީގެ ރައީސް މައުމޫން ސާކްގެ ވެރިންނަށް މަރުހަބާ ވިދާޅުވެއްޖެ

ސާކް ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ ސާކްގެ އަށް ގައުމުގެ ވެރިންނަށާއި އައްޑޫ ސިޓީގެ ރައްޔިތުންނަށާއި އެންމެހާ ދިވެހި ރައްޔިތުންނަށް މަރުހަބާ ވިދާޅުވެ، ކުރީގެ ރައީސް އަލް އުސްތާޒު މައުމޫނު އަބުދުލް ގައްޔޫމު ސާކް ސަމިޓަށް މެސެޖެއް ފޮނުއްވައިފި އެވެ.

މައުމޫނުގެ މެސެޖްގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި ސާކް ސަމިޓް ބޭއްވުމަކީ ދިވެހި ރައްޔިތުންނަށް ލިބޭ ޝަރަފެއް ކަމަށެވެ.

"ރާއްޖޭގައި ތިން ވަނަ ފަހަރަށް ސާކް ސަމިޓް ބާއްވާތީ ސާކްގެ އެއްބާނީގެ ހައިސިއްޔަތުން އަދި ކުރީގެ ވެރިންގެ ތެރެއިން ސާކްގެ ފުރަތަމަ 15 ސަމިޓްގައި ބައިވެރިވުމުގެ ޝަރަފު ލިބިފައިވާ ހަމަ އެކަނި ފަރާތުގެ ހައިސިއްޔަތުން ސާކް ސަމިޓް ތިން ވަނަ ފަހަރަށް ]ރާއްޖޭގައި[ ބޭއްވުމަކީ އަޅުގަނޑަށް އިތުރު އުފަލެއް ލިބޭ ކަމެކެވެ." މައުމޫން އިނގިރޭސި ބަހުން ނެރުއްވި މެސެޖުގައިވެ އެވެ.

އަދި ވިދާޅުވެފައި ވަނީ އެ މަނިކުފާނު ޗެއާމަނެއްގެ ގޮތުގައި ހުންނަވައިގެން ރާއްޖޭގައި މީގެ ކުރިން 1990 ވަނަ އަހަރާއި 1998 ވަނަ އަހަރު ބޭއްވި ދެ ސަމިޓަކީ ސާކް ގައުމުތަކުގެ ގުޅުން އިތުރަށް ބަދަހި ވެގެން ދިޔަ ސަމިޓްތަކެއް ކަމަށާއި އެކަމާ އުފާކުރައްވާ ކަމަށެވެ.

ސާކް ހޯދާފައިވާ ކާމިޔާބީތަކަށް އެންމެން ވެސް ފަހުރުވެރި ވާނެ ކަމަށް ވިދާޅުވެ، އޭގެ ތެރެއިން ބައެއް ކަންތައްތައް މައުމޫނުގެ މެސެޖްގައި ފާހަގަކުރައްވާފައިވާވެ އެވެ.

އެގޮތުން ސާކް ސޯޝަލް ޗާޓަރާއި ޑާކާ ޑެކްލަރޭޝަން އޮން ކްލައިމެޓް ޗޭންޖް އާއި ކޮންވެންޝަން އޮން ދަ ރީޖަނަލް އެރޭންޖްމެންޓް ފޯ ދަ ޕްރޮމޯޝަން އޮފް ޗައިލްޑް ވެލްފެއާ އިން ސައުތު އޭޝިޔާ ފަދަ މުއާހަދާތައް މައުމޫނު ފާހަގަ ކުރައްވާފައިވެ އެވެ.

މައުމޫނުގެ މެސެޖްގައި ވިދާޅުވެފައިވާ ގޮތުގައި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް ހިފެހެއްޓުމާއި ފަގީރުކަން އަދި މަސްތުވާތަކެތީގެ މައްސަލަ އާއި ޓެރަރިޒަމަކީ ސާކްގެ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކެވެ. އަދި ވިދާޅުވެފައި ވަނީ އެ މައްސަލަތަކަށް ސާކްގެ ވެރިން އެޑްރެސް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި 17 ވަނަ ސާކް ސަމިޓަކީ ކާމިޔާބު ސަމިޓަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ސަތާރަ ވަނަ ސާކް ސަމިޓަށް ވަޑައިގަތުމަށް ކުރީގެ ރައީސް މައުމޫނު އަބުދުލްގައްޔޫމަށް ދައުވަތު އަރުވާފައެއް ނުވެ އެވެ. ނަމަވެސް މައުމޫނު ވިދާޅުވެފައި ވަނީ ސާކް ސަމިޓަށް ދައުވަތު ލިބިވަޑައި ނުގަތަސް އެކަމާ ހިތާމަ ނުކުރައްވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު