ދައުރުން ބޭރުން ބާއްވާ ރައްޔިތުން މަޖިލީހުގެ ޖަލްސާ މާދަމާ ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މާދަމާ ހެނދުނު 10:00 ގައި ބާްއްވާ އެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުގައި، އެ ޖަލްސާގައި ހަމައެކަނި އޮތީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ފުރަތަމަ ކިއުން އިއްވުމެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ވެރިކަން ކުރާ އެމްޑީޕީއަށް ނިސްބަތްވާ ހެންވޭރު ދެކުނު ދާއިރާ މެމްބަރު ހުސައިން ޝަމީމް (އަދުން ހުސައިން) އެވެ.
މަޖިލީހުގެ ފުރަތަމަ ދައުރު ނިންމައި، ޗުއްޓީއަށް ގޮސްފައިވަނީ، މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ. ދައުރުން ބޭރުން ޖަލްސާ ބޭއްވުމަށް މިއަދު އެދިފައިވަނީ އެމްޑީޕީގެ ފަރާތުންނެވެ.
ދައުރުން ބޭރުން ޖަލްސާ ބާއްވާއިރު، ޓެރެރިޒަމް ފަދަ ބޮޑެތި ކުށްތަކާއި ނުރައްކާތެރި ކުށްވެރިންގެ ކުރާ ކުށްތައް ހުއްޓުވުމަށް ޖިނާއީ އިޖުރާތުގެ ގާނޫނާއި ޓެރިޒަމްގެ ގާނޫނަށް ވީހާވެސް އަވަހަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައި ވަނިކޮށެވެ.
ރައީސް ސޯލިހް ވިދާޅުވީ އެ ދެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ޑްރާފްޓްކޮށް ނިންމައި ރައީސް އޮފީހާ ހަމައަށް މިދިޔަ ހޯމަ ދުވަހު އަންނާނެ ކަމަށެވެ. އަދި މަޖިލީހަށް ފޮނުވައިގެން ވީހާވެސް އަވަހަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުން ދާނެ ކަމަށް ރައީސް ސޯލިހް އެދުވަހު ވިދާޅުވި އެވެ.