އަމުޖަދުގެ ދައުރު ހަމަވާތީ އީސީގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ޖެނުއަރީ 28، 2019: އީސީގެ ނައިބު ރައީސް އަމްޖަދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން މިއަދު ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ބުނީ މި ފުރުސަތު ހުޅުއްވާލީ މިއަދުން ފެށިގެން އަންނަ ސެޕްޓެމްބަރު 16 ވާ ހޯމަ ދުވަހުގެ މެންދުރު 2:00އާ ހަމައަށް ކަމަށެވެ.

އީސީގެ މެންބަރުކަމަށް ފުރުސަތު ހުޅުއްވާލާފައި މިވަނީ އެ ކޮމިޝަންގެ ނައިބު ރައީސްއަކަށް ހުންނެވި، އަމްޖަދު މުސްތަފާގެ މެމްބަރު ކަމުގެ މުއްދަތު އަންނަ ނޮވެމްބަރު 24 ވަނަ ދުވަހަށް ހަމަވާތީ އެވެ.

އީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުންނާއި، އެ އޮފީހުގެ ވެބްސައިޓުން އޮންލައިންކޮށް ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އީސީގައި ތިއްބަވަނީ ފަސް މެންބަރުން އެވެ. އަމުޖަދުގެ އިތުރުން ދެން އެ ކޮމިޝަންގައި ތިއްބަވަނީ، ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާއި އިސްމާއިލް ހަބީބް އާއި އަހުމަދު އަކުރަމް އަދި އަލީ ނަޝާތު އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު