ޓްރަމްޕަށް ދެވަނަ ދައުރެއް ދީގެން ނުވާނެ ކަމަށް 60 ޕަސެންޓް މީހުން ބުނޭ: ސީއެންއެން

އެމެރިކާގެ ރައީސް ދެވަނަ ދައުރަކަށް އިންތިހާބު ކުރުން ރަނގަޅު ނޫން ކަަމަށް އެގައުމުގެ 60 ޕަސެންޓް މީހުން ދެކޭ ކަމަށް ސީއެންއެންއިން ބުނޭ -- ފޮޓޯ: އީޕީއޭ

ވޮޝިންޓަން (ސެޕްޓެމްބަރު 11): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް އިންތިހާބުކޮށްގެން ނުވާނެކަމަށް އެގައުމުގެ 60 ޕަސެންޓު މީހުން ގަބޫލުކުރާކަމަށް ސީއެންއެންއިން ހެދި ސާވޭއަކުން ދައްކައިފިއެވެ.

އިއްޔެ ސީއެންއެންއިން ނެރުނު ސާވޭގެ ނަތީޖާއިން ދެއްކި ގޮތުގައި އެމެރިކާގެ އާބާދީގެ 60 ޕަސެންޓުން ޓްރަމްޕް އަލުން ހޮވަން ބޭނުން ނުވާއިރު، ދެވަނަ ދައުރަކަށް ހޮވަން ބޭނުން ވަނީ 36 ޕަސެންޓު މީހުންނެވެ. އަދި ތިން ޕަސެންޓު ވަނީ އެކަމާ ބެހޭ ގޮތުން ގޮތެއް ނުނިންމާކަމަށް ބުނެފައެވެ.

އަދި ޓްރަމްޕްގެ ވައުދުތައް ފުއްދުމާ ބެހޭ ގޮތުން ކުރި ސުވާލުތަކަށް ޖަވާބުދެމުން 51 ޕަސެންޓް މީހުން ވަނީ އޭނާ ރިޔާސީ ކެމްޕެއިންގައި ކުރެއްވި ވައުދުތައް ނުފުއްދާ ކަމަށް ބުނެފައެވެ. އަދި ރައީސްގެ ވައުދުތައް ރަނގަޅަށް ފުއްދަމުންދާ ކަަމަށް ބުނެފައި ވަނީ 46 ޕަސެންޓް މީހުންނެވެ.

މީގެ އިތުރުން ޓްރަމްޕް ވަނީ އެމެރިކާއަށް ބަދަލުތަކެއް ގެނެސްފައިވޭތޯ ސުވާލު ކުރުމުން 80 ޕަސެންޓް މީހުން ވަނީ ރައީސް އެގައުމަށް ފާހަގަކޮށްލެވޭ ބަދަލުތަކެއް ގެނެސްފައިވާކަމަށް އެއްބަސްވެފައެވެ. ނަމަވެސް އޭގެ ތެރެއިން 45 ޕަސެންޓް މީހުން ވަނީ އެބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއް ނޫން ކަމަށް ބުނެފައެވެ. އަދި ރައީސް ގެންނެވީ ރަނގަޅު ބަދަލުތަކެއް ކަމަށް ބުނީ 33 ޕަސެންޓު މީހުންނެވެ.

އަދި ސީއެންއެންއިން ބުނި ގޮތުގައި މިއަހަރުގެ ކުރީކޮޅު ހެދި ސާވޭއަކާ އަޅާ ބަލާއިރު، މިހާރު އެގައުމުގެ މީހުން ޓްރަމްޕްގެ ބައެއް ސިޔާސަތުތަކަށް ދޭ ރޭޓިން ވަނީ ދަށްވެފައެވެ. އޭގެ ތެރޭގައި ބޭރުގެ ވިޔަފާރިއާއި ހާރިޖީ ގުޅުންތަކާއި އިމިގްރޭޝަނާއި ތިމާވެއްޓާ ބެހޭ ގޮތުން ރައީސް ގެންގުޅުއްވާ ސިޔާސަތުތައް ހިމެނެއެވެ.

ސީއެންއެންއިން އެސްކިއުއެލް ސާވާ ރިޕޯޓިން ސާވިސެސް (އެސްއެސްއާރުއެސް) ކިޔާ ސޮފްޓްވެޔާއެއް މެދުވެރިކޮށް މިމަހުގެ ފަހެކުން ނުވަޔަކަށް ކުރިއަށްގެންދިޔަ އެސާވޭގައި 1،639 މީހުން ބައިވެރިވިއެވެ.

ރައީސް ޓްރަމްޕް ވަނީ 2020ގައި އެމެރިކާގައި ބާއްވާ ރިޔާސީ އިންތިހާބަށް މިދިޔަ ޖޫން މަހު ކެމްޕެއިން ކުރަން ފައްޓަވާފައެވެ.

އެމެރިކާގައި ހިޔާލު ހޯދުމުގެ ސާވޭތައް ހަދާ ގެލަޕްއިން ބުނި ގޮތުގައި 2012 ވަނަ އަހަރު ކުރީގެ ރައީސް ބަރަކް އޮބާމާ ދެވަނަ ދައުރަކަށް ހޮވުމުގެ ކުރިންވެސް އޭނާ ދެވަނަ ދައުރަކަށް ހޮވައިގެން ނުވާނެ ކަމަށް ގިނަ އަދަދެއްގެ މީހުން ގަބޫލު ކުރި އެވެ. އެގޮތުން 2011 ވަނަ އަހަރު ހެދި ސާވޭއަކުން ދެއްކި ގޮތުގައި އޮބާމާ އަލުން ރައީސް ކަމަށް ހޮވަން އޭރު 55 ޕަސެންޓު މީހުން ދެކޮޅެވެ.

ނަމަވެސް 2012 ވަނަ އަހަރު އޮބާމާ 51.1 ޕަސެންޓު ވޯޓުން ދެވަނަ ދައުރަކަށް އިންތިހާބުވިއެވެ.

comment ކޮމެންޓް