ލިވިންގް ބްރޯކް އިން މާލެ: ބެޑްޝީޓް ފަތްޖަހާނީ ކިހިނެއް؟

ކައިވެނިކޮށްގެން އަމިއްލަ ދިރިއުޅުމެއް ފަށާއިރު، ވަރަށް ގިނަ އާ ކަންތައްތަކާއި ކުރިމަތިލާންޖެހެ އެވެ. އެއްބަޔަކަށް މިފަދަ ކަންކަމަކީ ދަސްވެފައި ހުރި އަދި އާދަކޮށް ކޮށްއުޅޭ ކަމެއް ކަމުގައިވިޔަސް، އަނެއް ބަޔަކަށް މިފަދަ ގޭތެރޭގެ ގެވެހި މަސައްކަތްތަކަކީ މުޅީހެން އަލަށް ދަސްކުރަންޖެހޭ ކަންކަމެވެ.

މީގެތެރެއިންވެސް ބެޑްޝީޓުތައް ފަތްޖަހާ، ރީތި އަދި ފަސޭހަ ގޮތަކަށް ކުދި ކުދި ކަބަޑުތަކުގައި ނުވަތަ އެނޫންވެސް ބާސްކެޓުފަދަ ތަކެތީގައި ބެހެއްޓުމަކީ ގިނަ ބަޔަކަށް އުނދަގޫ ކަމެކެވެ. ހާއްސަކޮށް ބޮޑެތި ކުއީން ސައިޒް އަދި ކިންގް ސައިޒް އެނދުތަކުގައި ކުއިލްޓް ކަވަރާއި، ރަބަރު ލައްވާފައި ހުންނަ ބެޑްޝީޓްތައް އެއް ހަމައަކަށް ފަތްޖެހުމަކީ ގިނަ ވަގުތުތަކެއް އެކަމަށް ހޭދަވާ ކަމެކެވެ.

ނަމަވެސް ލައިފްސްޓައިލް ބްލޮގާ @ބްރޯކްއޭސްއެމްވީ ބުނަނީ މިއީ ހާސްވާންޖެހޭ ކަމެއް ނޫންކަމުގަ އެވެ. މި ބްލޮގުގެ އޯނަރު މިވަނީ ވަރަށް ފަސޭހައިން މިކަން ކުރާނެ ގޮތް ކިޔައިދީފަ އެވެ.

މާލޭގެ ޚަރަދު ބޮޑު ދިރިއުޅުމުގެ ހައްލު

ކައިވެންޏެއް ކޮށްގެން ދެމަފިރިއަކު ދިރިއުޅޭނެ ގޮތެއް ހަމަޖައްސާލައިރު އެންމެ ބޮޑު ތަކުލީފަކަށް ވަނީ މާލޭގެ ޚަރަދުބޮޑުކަމެވެ. ދެމަފިރިން މަސައްކަތްކޮށްގެން ލިބޭހާ ފައިސާއެއް ގޭގެ ކުއްޔަށް އެކަނި ޚަރަދު ކުރާއިރު، ތަކެތީގެ އަގުވެސް އިންތިހާއެވެ.

ކަރަންޓު ބިިލާއި، ފެން ބިލާއި، އިންޓަނެޓާއި، ކެއިންބުއިމުގެ ޚަރަދުބަރަދު ހަމަޖައްސާލާ އިރު ގިނަފަހަރަށް ބޭންކް ބެލެންސް އޮންނާނީ ސުމަކަށް އަރާފައެވެ.

އިންސްޓަގްރާމްގައި @ބްރޯކްއޭސްއެމްވީ (@brokeassmv) ފެށުނީވެސް އަލަތު ކައިވެންޏެއްކޮށްގެން ދެމަފިރިއަކު އާއިލާއާ ވަކީން ދިރިއުޅެން ފެށި ހިސާބުންނެވެ. ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ މި ބްލޮގަރާއި އޭނާގެ ފިރިމީހާ ދިރިއުޅެނީ މާލޭގެ ދެ ކޮޓަރީގެ ކުޑަ އެޕާޓްމެންޓެއްގައެވެ. ފިރިމީހާއަކީ މިޔުޒިޝަނެއް ކަމުގައިވުމުން، އެކަމަށް އޭނާއަށް ބޭނުންވާ ޖާގަ ދިނުމާއި، އާއިލާއަކާއެކުގައި އުޅެމުން ދިމާވާ ކުދިކުދި މައްސަލަތަކަކީ މި ދެމަފިރިން ވަކިން ދިރިއުޅެން ގަސްތުކުރި ސަބަބެވެ.

މިގޮތުން ރާއްޖޭއިން ބޭރުގައިވެސް ކޮންމެވެސް ވަރަކަށް ދިރިއުޅެވިފައިވުމުން ކޮންމެވެސް ވަރަކަށް މިކިޔާ "ތްރިފްޓް" ނުވަތަ ޚަރަދު ކުޑަ ދިރިއުޅުމުގެ ކަންކަން މި ބްލޮގާއަށް ވަނީ ލިިބިފައެވެ. އެހެންކަމުން، އޭނާގެ ބްލިގުގެ އެހީގައި ގަސްތުކުރީ އެ ޓިޕްސް އެހެންމީހުންނާއި ހިއްސާކުރުމަށެވެ.

ގޭތެރޭގެ ހުރިހާ ކަމަކާއި ބަޖެޓް ދިރިއުޅުމެއްގެ ޓިޕްސް

މި ބްލޮގަށް ބަލާއިރު މި ދެމަފިރިން މިހާރު ތުއްތު މެހެމާނަކަށްް މަރުހަބާ ކިއުމަށް ތައްޔާރުވަމުންދާއިރު، އެކަމަށް އެ ދެމީހުން ވަމުންދާ ތައްޔާރީތަކާއި، ކުރާ ޚަރަދުތައް މިހާރު ދަނީ ހިއްސާކުރަމުންނެވެ.

މީގެ އިތުރުން، ގޭތެރޭގެ ކަންކަމަށް ބޭނުންވާ މުހިންމު ބައެއް ތަކެއްޗާއި، އެ ތަކެތީގެ ބޭނުންތަކާޢި ހެޔޮ އަގުތައް މި ބްލޮގުން ފެންނަން ހުރެއެވެ.

އަދި ހާއްސަކޮށް ކުޑަކުޑަ ޖާގަތަކުގައި މި ދެންނެވި ކަންކަން މެނޭޖުކުރަމުންދާ ގޮތްތައްވެސް ކިޔާދެމުންދެއެވެ.

ބޭނުންވާހާ ކޮންމެ އެއްޗެއް ގަންނާނެ ކަމެއް ނެތް!

ޚަރަދު ކުޑަކޮށް، އަދި ލިބޭ އާމްދަނީއިން ލާރި ސޭވްކުރުމަށްޓަކައި މި ބްލޮގާ ދިން އެންމެ މުހިންމު ޓިޕްސް ކޮޅަކީ މިއީ އެވެ. ފެންނަ ކޮންމެ އެއްޗެއް ނޫނީ ބޭނުންވާ ކޮންމެ ކޮންމެ އެއްޗެއް ގަންނާނެ ކަމެއް ނެތެވެ. އެއްޗެއް ގަންނަން ބޭނުންވެއްޖެނަމަ އެވަގުތުން ވަގުތަށް ގަތުމުގެ ބަދަލުގައި ކުޑަ ވަގުތުކޮޅެއް އެކަމަށްދޭށެވެ. އަދި އެކަންވާން އޮތް އިތުރުގޮތްތައް ހޯދާ ގަންނަން ޖެހިއްޖެނަމަ، ހެޔޮ އަގުތަށް އެކި ތަންތަނުން ބަލާ ރަނގަޅު ތަނުން ރަނގަޅު ވަގުތުގައި ގަންނާށެވެ.

ޚާއްސަކޮށް ބޮޑެތި ލޯނުތަކާއި އިންޓްރެސްޓް އަރާ އިންސްޓޯލްމަންޓްތަކުގެ ބަދަލުގައި، އެ ބޭނުންވާ އެއްޗަކަށް ފައިސާ ސޭވްކޮށްގެން އެ މިންވަރު ހަމަވުމުން ދެން ގަންނާށެވެ. އޭރަށް ފަހުން ލިބޭ ހިތްހަމަޖެހުން މާ ބޮޑުވާނެއެވެ.

ކޮންމެއަކަސް، @ބްރޯކްއޭސްއެމްވީ އާއެކު މިފަށާ، "ލިވިން ބްރޯކް އިން މާލޭ"ގެ ފުރަތަމަ ވީޑިއޯ އެޕިސޯޑު މި ހާއްސަކޮށްލަނީ ބެޑިންގްސް ފަތްޖެހުމަށެވެ. އުންމީދަކީ މިފަދަ އެހީއަކަށް ބޭނުންވާ އެންމެނަށްވެސް ހައްލެއް ހޯދައިދެވުމެވެ.

comment ކޮމެންޓް