ފަތުރުވެރިއެއްގެ އަތުން ތިން މިލިއަން ރުފިޔާގެ ކޮކެއިން އަތުލައިގެންފި

މިމަހުގެ އެއްވަނަ ދުވަހު ކަސްޓަމްސް އިން އަތުލި މަސްތުވާތަކެތި ---

ރާއްޖެ އައި ފަތުރުވެރިއެއްގެ އަތުން ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ އެ މައްސަލާގައި މަސްތުވާތަކެތި އަތުލައިގެންފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހު ވައިގެ މަގުން ރާއްޖެ އައި އުމުރުން 32 އަހަރުގެ ބްރެޒިލް އަންހެނެއްގެ އަތުން ކަމަށެވެ.

އަންހެން މީހާގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން އޭނާގެ ހަށިގަނޑު އިތުރަށް ބަލައި ފާސްކުރި އިރު، އެމީހާގެ ހަށިގަނޑުގައި ފޮރުވާފައި ހުރި 70 ކެޕްސޫލް ފެނިފައިވާ ކަމަށާއި އިތުރަށް ޓެސްޓު ކުރުމުން، އެތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އޭނާގެ ހަށިގަނޑުން ފެނުނު ކޮކެއިންގެ ބަރުދަނުގައި 1.089 ކިލޯ ހުރި އިރު، އޭގެ މަގުމަތީ އަގު 3،811،500 ދިވެހި ރުފިޔާއަށް އަރާކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މައްސަލައިގައި ހިމެނޭ މީހާ އާއި އަތުލައިގަތް މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

ކަސްޓަމްސް އިން ބުނީ މި އަހަރުގެ މިހާތަނަށް 24.78 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

comment ކޮމެންޓް