2021 އަންނައިރު ޕާކިން މައްސަލައަށް ހައްލު ލިބޭނެ: ޓްރާންސްޕޯޓު

މާލޭގެ މަގުމަތީގައި ސައިކަލްތަކެއް ޕާކްކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ އަށް ދިމާވެފައިވާ ޕާކިން މައްސަލައަށް ހައްލު ހޯދުމަށް ކުރާ މަސައްކަތަށް 2021 އަންނައިރު ހައްލު ލިބޭނެކަމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުނެފި އެވެ.

މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި "ނުވަގަޑި" ޕްރޮގްރާމުގައި، ސަން އާ ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ނައިބު ހިދާޔާ ނަސީރު ވިދާޅުވީ މާލެއަށް އުޅަނދުތައް ގިނަވެ ތޮއްޖެހުމުގެ މައްސަލައާއި ވެހިކަލް ޕާކިންގެ މައްސަލައަށް ހައްލު ގެނައުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ތޮއްޖެހުމުގެ މައްސަލަ އާއި ޕާކިން މައްސަލަ ހައްލުކުރުމަށް ޕާކިން ބިލްޑިންތަކެއް އަޅަން މިވަނީ ތައްޔާރުވެފައި. އެ މަސައްކަތް ކުރިއަށްދަނީ ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުން. އަޅުގަނޑުމެން މިހާރު މަސައްކަތް ފަށާފައިވަނީ ވެހިކަލް ކެޕޭސިޓީ ކަނޑައަޅާ، ވެހިކަލްތަކުގެ އޭޖް ލިމިޓް ކަނޑައެޅުމަށް. އެކަމާގުޅޭ ޕޭޕަރުތައް ތައްޔާރުވެފައި ވަނީ. 2020 އަންނައިރު ވެހިކަލް ކޯޓާ ކަނޑައެޅި އޭޖު ލިމިޓް ކަނޑައެޅޭނެ ކަމަށް މިބަލަނީ،" ހިދާޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 2021 އަންނައިރު ޕާކިން ބިލްޑިންތަކުގެ ބޭނުންކުރަންފެށި، ޕާކިން މައްސަލައަށްވެސް ހައްލެއް ހޯދޭނެ ކަމަށް ބެލެވޭ ކަމަށެވެ. މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރި ސުވާލެއްގެ ޖަވާބު ދެއްވަމުން ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ މާލޭގެ ތޮއްޖެހުމަށް ހައްލެއް އަންނާނީ މާލޭގައި ރެޖިސްޓްރީކުރާ ވެހިކަލްތަކުގެ އަދަދު ލިމިޓް ކޮށްގެން ކަމަށެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ މާލޭގެ ޕާކު ކުރުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް މި އަހަރުގެ ނިޔަލަށް ސައިކަލު ޕާކުކުރުމަށް 1000-1500 ޖާގަ އަދި ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރުމަށް 100 ޖާގަ ކަނޑައަޅާނެ ކަމަށެވެ. އަދި ވިދާޅުވީ، މާލޭގައި ދުއްވާ އުޅަނދުތަކާ އެކު ތޮއްޖެހުން ކުޑަކުރުމަށް ކެބިނެޓަށް ކަރުދާހެއް މިހާރު ހުށަހަޅުއްވާފައިވާ ކަމަށެވެ.

މާލޭގައި ޕާކިންގެ މައްސަލައަށް ހައްލު ކުރުމަށް މީގެ ކުރިން ޕާކިން ސިސްޓަމްތަކެއްވެސް ބެހެއްޓި އެވެ. ނަމަވެސް އެ ސިސްޓަމްތަކުގެ ބޭނުމެއް ނުކުރެ އެވެ. ސިސްޓަމްތައް ނަގައި، އެއެއްޗެހި ހުރިތަނުގައި ޕާކިން އޭރިއާ ގާއިމް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

comment ކޮމެންޓް