ދިވެހި ލައިސެންސް އިންޓަނޭޝަނަލް ކުރަން މަސައްކަތް ފަށައިފި

20 މެއި، 2018: އަންހެނަކު މާލޭ މަގުމަތީގައި ސައިކަލް ދުވަނީ: ފަހަކަށް އައިސް ސައިކަލް ދުއްވާ އަންހެން ކަންބަލުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އަކީ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ލައިސަންސް އަކަށް ހެދުމުގެ މަސައްކަތް ޓްރާންސްޕޯޓު މިނިސްޓްރީ އިން ފަށައިފި އެވެ.

އެ މިނިސްޓްރީ އިން މިއަދު ބޭއްވި "ނުވަގަޑި" ޕްރޮގްރާމުގައި ސަން އަށް މައުލޫމާތު ދެއްވަމުން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު ހިދާޔާ ނަސީރު ވިދާޅުވީ ދިވެހި ލައިސަންސް އިންޓަނޭޝަނަލް ކުރުމަށް "ރޯޑް ޓްރެފިކް ކޮންވެންޝަން" ގައި ބައިވެރިވުމަށް ނިންމާ، އެކަމަށްޓަކާ ފުރިހަމަކުރަންޖެހޭ ކަންތައް ފަށާފައިވާ ކަމަށެވެ.

"ރޯޑް ޓްރެފިކް ކޮންވެންޝަން ގައި ބައިވެރިވުމުން، އެ ކޮންވެންޝަނުގައި ބައިވެރިވެފައިވާ އެހެން ގައުމުތަކުގައި ރާއްޖޭގެ ލައިސަންސް ގައި ދުއްވޭނެ. މި ކޮންވެންޝަނުގައި ބައިވެރިވީމާ އިންޓަނޭޝަނަލް ޕާމިޓެއް އެބަލިބޭ ކޮންވެންޝަނުގައި ބައިވެރިވެފައިވާ ގައުމުތަކުގައި ދުއްވަން. ދިވެހިން އާންމުކޮށް ގޮސްއުޅޭ ސިންގަޕޫރު ލަންކާ، އިންޑިއާ އަދި މެލޭޝިއާ އަކީ ވެސް މި ކޮންވެންޝަނުގެ މެންބަރު ގައުމުތައް،" ހިދާޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޮންވެންޝަނުގައި ބައިވެރިވުމާމެދު އެޓާނީ ޖެނެރަލްގެ ލަފަޔަކަށް މިހާދު އެދިފައިވާ ކަމަށެވެ.

"މިހާދު ދިވެހިންނަށް [ބޭރުގައުމުތަކުގައި ދުއްވުމަށް] ދިމާވެގެން އުޅޭ ގޮންޖެހުމަކީ މި ކޮންވެންޝަނުގައި ބައިވެރި ނުވެ އޮތުން. މި ގޮންޖެހުންތަކަށް އޮތް ސޮލިއުޝަން އަކީ މި ދަންނަވާ ކޮންވެންޝަނުގައި ރާއްޖެއިން ބައިވެރިވުން،" ހިދާޔާ ވިދާޅުވި އެވެ.

މީގެ ކުރިން ދިވެހި ލައިސަންސްގައި މެލޭޝިއާގައި އެއްގަމު އުޅަނދު ދުއްވުނު ނަމަވެސް، އެގައުމުގެ ސަރުކާރުން ވަނީ އެކަން މަނާކޮށްފަ އެވެ. މެލޭޝިއާގައި ލައިސެންސިންގެ ކަންތައް ހަރުދަނާކުރުމަށް ބޭރު ގައުމުތަކުގެ ލައިސެންސް ބޭނުންކުރުން މަނާކުރީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. ކިޔެވުމަށާއި އެހެނިހެން ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހުން ވަޒަންވެރިވެގެން އުޅޭ މެލޭޝިއާގެ ސަރުކާރުގެ މިނިންމުމާއެކު އެގައުމުގައި އުޅޭ ދިވެހިންނަށް ކުރިމަތިވި ގޮންޖެހުމުން އަރައިގަތުމަށް މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީ އިން އެގައުމުގެ ސަރުކާރާއެކު މަޝްވަރާ ކުރަމުންދާކަމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުންޏެވެ.

"ކޮންވެންޝަނުގައި ބައިވެރިވުމުގެ ކުރިންވެސް އެކަމަށް ލުޔެއް ލިބޭތޯ ދަނީ މަޝްވަރާކުރަމުން،" މިނިސްޓްރީގެ ނައިބު ވިދާޅުވި އެވެ.

comment ކޮމެންޓް