ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) ގިނަ ދުވަސްތަކަކަށްފަހު އަލުން އަނބުރާ ގައުމީ ޓީމަށް ނެގުމާ އެކު މުޅި ސޯޝަލް މީޑިއާ ހަލަބޮލިވީ މަރުހަބާގެ ޕޯސްޓްތަކާއި ގައުމީ ޖޯޝުންނެވެ.
ރަސްމީކޮށް 2004 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި ދަގަނޑޭ ފުޓުބޯޅައިގައި ދައްކާލި ޖާދުލާ އެކު ރާއްޖޭގެ ކުދި ބޮޑު އެންމެންގެ ލޯބި އިސާހިތަކު އޭނާއަށް ލިބުނެވެ. ސިޔާސީ ދާއިރާ ނަގާފައި ރާއްޖޭގެ ދެން އެންމެ ބޮޑު މަގްބޫލުކަމެއް މިހާތަނަށް ހޯދި އެކަކީ ވެސް ދަގަނޑޭ އެވެ. ދަގަނޑޭއޭ ބުނުމުން ރާއްޖޭގައި އެއީ ކާކުން ނޭންގޭ މީހަކު ވެސް ނުހުންނާނެ އެވެ.
ނަމަވެސް މިދިޔަ އަހަރު ގައުމީ ޓީމުގެ ޕްރެކްޓިސްއަށް އޭނާ ހާޒިރުނުވުމުން، 13 އަހަރުވަންދެން މެދު ނުކެނޑި ގައުމީ ޓީމަށް ކުޅެމުން އައި މި މޮޅު ކުޅުންތެރިޔާ ޓީމުން ބޭރު ކުރި އެވެ. ޓީމުގެ ކޯޗު ޕީޓަ ސެގާޓް ބުނީ ދަގަނޑޭއާ މެދު އެޅި އެ ފިޔަވަޅަކީ އޭނާ ޒިންމާދާރު ކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.
އަދި އެ މައްސަަލައިގައި ދަގަނޑޭ ކޯޗާއި އެފްއޭއެމް އަދި މުޅި ޓީމު ކިބައިން މާފަށް އެދުނެވެ. އަދި އެ އަހަރު އޮތް ސާފު ޗެމްޕިއަންޝިފުގައި އޭނާ ކުޅެން ބޭނުންވާ ކަމަށާއި އެ މުބާރާތް ފަހު މުބާރާތަށް ހެދުމަށް ބޭނުންވާ ކަމަށް ވެސް ދަގަނޑޭ ބުންޏެވެ. ނަމަވެސް ކޯޗު އެހިސާބުން ދަގަނޑޭއަށް ދިނީ ބީރު ކަންފަތެކެވެ. އޭނާ ބުނީ ދަގަނޑޭ މާފަށް އެދުން މާ ލަސްވީ ކަމަށާއި އެހެން ނޫނަސް އޭނާ ބޭނުންވަނީ ޒުވާން ޓީމެއް އެކުލަވާލަން ކަމަށެވެ. އެހެން ކަމުން ޓީމުގައި ތިބި "މުސްކުޅި" ކުޅުންތެރިންނަށް ޖާގަ ނުދެވޭނެ ކަމަށެވެ.
ދަގަނޑޭ ގައުމަށް ކޮށްދިން ހިދުމަތުގެ އަގު އެހާ ދަށްކޮށްލުމާ ގުޅިގެން ދިވެހިންގެ ނަފްރަތު ކޯޗަށާއި އެފްއޭއެމަށް އިސާހިތަކު އަމާޒުވެ "ގައުމީ ޓީމު މެޗެއް އެބަ ކުޅެޔޭ" މި އަޑު އިވުން މީ އެއްވެސް އަސަރެއް ނުވަތަ ޖޯޝެއް ގެނުވާ ކަމެއް ނޫން ކަމުގައި ދިވެހިން ދެކެން ފެށި އެވެ. ލީގު މެޗެއް ކުޅުނަސް ގައުމީ ޓީމު މެޗެއް ކުޅުނަސް ދަނޑަށް ވަންނަނީ މަދު މީހުން ކޮޅެކެވެ.
ދަގަނޑޭ ގައުމީ ޓީމުން "މުސްކުޅި" ކަމަށް ބުނެ ބޭރު ކުރި އިރު އޭނާ އަންނަނީ ދިވެހި ލީގުގައި އޭނާގެ އަމިއްލަ ލީގެއް ފަދައިން ޓީމުތައް ފަތަހަ ކުރަމުންނެވެ. އެގޮތުން އޭނާ ވަނީ މިދިޔަ ސީޒަނުގް މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ. މުސްކުޅި ވިޔަކަސް އެފެންވަރުގެ އެހެން ކުޅުންތެރިއަކު އަދިވެސް މި ރާއްޖޭގައި ނެތްކަން ދިވެހިން ދެނެތިބި ނަމަވެސް، އެކަން ނޭންގުނީ ކޯޗަށެވެ.
ކޯޗަށާއި އެފްއޭއެމްއަށް ލިބެމުންދިޔަ ފާޑު ކިޔުންތަކާއި ފިއްތުންތަކުގެ ސަބަބުން ރަނގަޅު ފޯމުގައި މިއަހަރުގެ ލީގު ވެސް ފައްޓައި ގިނަ ލަނޑުތަކެއް ޖަހަމުން އައި ދަގަނޑޭ ވޯލްޑް ކަޕް ކޮލިފައިންގެ ސްކޮޑުގައި ހިމަނާނެކަމަށް ބެލެވުނެވެ. ނަމަވެސް އޭނާގެ އުމުރު މާ ދޮށީ ވެފައި މީގެ ހަތަރު އަހަރު ފަހުން ހުންނާނީ 38 އަހަރު ވެފައި ކަމަށް ބުނެ ދަގަނޑޭ އަނެއްކާ ވެސް ޓީމުން ބޭރު ކޮށްލީ އެވެ.
އެއާ އެކު ދިވެހީންގެ ރުޅިގަނޑު ފަޅައިގެން ގޮސް ސޯޝަލް މީޑިއާގައި ގައުމީ ޓީމުގެ ކޯޗަށް ފާޑުކިޔުންތައް އަމާޒުކޮށްލި އެވެ. ފޭސްބުކުގެ ޕޯލް ތަކުގައި ގިނަވާން ފެށީ ދަގަނޑޭ ނެތިއްޔާ މެޗު ބަލަން ދެން ނުދާނެ ކަމަށް ބުނާ ޕޯލް ތަކެވެ. އެތައް ހާސް މީހުންގެ އެ ޕޯލްތަކުގެ ނަތީޖާއަކަށްވީ އެންމެ ފަހުން ދަގަނޑޭ ޓީމަށް އަލުން ނަގަން ޖެހުމެވެ.
މި މަހުގެ 10 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅޭ މެޗުގެ ސްކޮޑަށް ދަގަނޑޭ އަލުން އަނބުރާ ޓީމަށް ނެގުމުން ސަޕޯޓަރުންގެ ފޯރި ވެސް އަލުން ވަނީ ގަދަވެފަ އެވެ.
"ދަގަނޑޭ ކުޅެންޔާ ދަނޑު ފުރާލާނަން" ކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އުފާ ފާޅު ކުރަމުން އަންނައިރު، ހުދު އަޝްފާގު ވެސް ބުނީ އޭނާއަށް ލިބޭ ކޮންމެ ފުރުސަތެއްގައި %100 ދައްކާނެ ކަމަށެވެ.