ފްލައިޓްތެރެއިން ފެނުނީ ހާސްވެ ތެޅިފޮޅޭތަން، އެކަކު ހެޔަށްވެސް ގޮތްވި

އެއާ އޭޝިއާ ބޯޓު ޖެއްސި ވަގުތުކޮޅު ބަޔަކު ފޮޓޯ ނަގަނީ--- ސަން ފޮޓޯ: މަޖާހު މަސްއޫދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން ރޭ ބެންކޮކަށް ނައްޓާލި އެއާއޭޝިޔާ ފްލައިޓްގައި އަލިފާން ރޯވި ބިރުވެރި ހާދިސާ ތަޖުރިބާކުރި އެކަކީ މިހާރު އޮލިމްޕަހުގައި ދައްކާ "ބަވަތި" ފިލްމްގެ ޕްރޮޑިއުސަރު އާސިމް އަލީ އެވެ. ފްލައިޓްގައި ރޯވުމާ އެކު އެމަޖެންސީގައި ބޯޓް އަނބުރާ ރަންވޭއަށް ޖެއްސުމާ ހަމައަށް ހޭދަވި ވަގުތުކޮޅު އޭނާ ސިފަކުރީ ހަނދާނުގައި ދިމާވި އެންމެ ބިރުވެރި ވަގުތުކޮޅުގެ ގޮތުގަ އެވެ.

ރޭގަނޑު 08:30 އެހާކަންހާއިރު ފެށި އެ ދަތުރުގައި އާދައިގެ ފްލައިޓްއެކޭ އެއްގޮތަށް އެ ދަތުރުގައި ވެސް ފްލައިޓް ތެރެ އޮތީ، ވަރަށް ހަމަހިމޭންކޮށެވެ. ނަމަވެސް ރަންޥޭ ހުރަސްކޮށް ބޯޓު މައްޗަށް އަރަން ފެށި ވަގުތަކީ އެ ބިރުވެރި ހާދިސާގެ ފެށުމެވެ. ބޯޓުގެ ކުޑަދޮރު ކައިރީގައި އިން އާސިމްގެ ލޯ އެ ވަގުތު އަޅައިގަތީ އިންޖީނު ކައިރިން އަލިފާން ކަނި ބުރަން ފެށި މަންޒަރެވެ.

އެވަގުތު އާސިމްއާ ޖެހިގެން ހަމަ އެފްލައިޓްގައި އިނީ އޭނާގެ ރަހުމަތްތެރިއެކެވެ. ރަހުމަތްތެރިޔާއަކީ އިންޖިނިއަރެއްވެސް މެއެވެ. އަލިފާންކަނި ބުރާ މަންޒަރު ރަހުމަތްތެރިޔާއަށް ފެނުނަސް އޭނާގެ މޫނުމަތިން އެއްވެސް ހާސްކަމެއް ނުފެނުމުން އާސިމްވެސް ފުރަތަމަ ނިންމީ އެއީ މާބޮޑު މައްސަލައެއް ނޫން ކަމަށެވެ.

"ސައިކަލް ސްޓާޓްކުރާއިރުވެސް ބަޑިޖަހާފައި އަލިފާންކަނި ޖަހާދޯ. ދެން ރަހުމަތްތެރިޔާވެސް ބުނީ އެހާ ތިރިން އުދުހޭއިރު ކޮމްޕްރެސާ ސާޖެއް ވެދާނެޔޭ އަދި އަމިއްލައަށް އެކަން ރަނގަޅުވެޔޭވެސް. އެހާ ސީރިއަސްކަމެއް ނޫނޭ އޭނާ ބުނީ،" އާސިމް ބުންޏެވެ.

އިންޖީނުން އަލިފާނުގެ އަސަރު ފެންނަން ފެށުމާއެކު އެ އިންޖީނުގެ ޕަވާ ކޮންމެވެސް ވަރަކަށް ޑައުންކުރަން މަސައްކަތް ކުރިހެން ހީވާ ކަމަށް އާސިފް ބުންޏެވެ. ނަމަވެސް އެ މައްސަލަ ހައްލުވާގޮތެއް ނުވި އެވެ. ފްލައިޓްގެ އިންޖީނު ނިވާލައި އަލުން އިންޖީނު ޖެއްސުމުންވެސް ހަމަ އެ މައްސަލަ ދިމާވާން ފެށި އެވެ. އޭރު ބޯޓު އޮތީ މަތީގަ އެވެ. ރޭގަނޑު އަނދިރިވެފައި ފްލައިޓްގެ ބޮކިތައް ނިއްވާލައިފައި އޮތުމުން އަލިފާންގަނޑެއް ފެންނަހެން ވަރަށް ބޮޑަށް ހީވި އެވެ.

އަލިފާން ރޯވީ ބޯޓުގެ ކަނާތް ފަރާތުގެ އިންޖީނުގަ އެވެ. ފްލައިޓްގައި މައްސަލައެއް އުޅޭކަން ޕައިލެޓް އެންގީ އެ ހިސާބުންނެވެ. އަދި ވަރަށް އަވަހަށް ފްލައިޓް ހުޅުލެއަށް ޖައްސަން އުޅޭކަން އެންގި އެވެ. އެ ބިރުވެރި ވަގުތުކޮޅުވެސް އާސިމް ބުނާގޮތުންނަމަ ޕައިލެޓްގެ ކިބައިން ފެނިގެން ދިޔައީ ޕްރޮފެޝަނަލްކަމެވެ. އޭނާގެ ވާހަކަތަކުން ހާސްކަމެއް އިހުސާސެއް ނުވި އެވެ.

ނަމަވެސް ފްލައިޓް ތެރެއިން އާސިމްއަށް ފެނުނީ ބިރުވެރިކަމާއި ހާސްކަމެވެ. އެއް ބަޔަކު އަނެއް ބަޔަކު ތެޅިފޮޅި ހަޅޭލަވަމުންް ދިޔައިރު ކެބިން ކްރޫއަށް އޮތީ ކޮންޓްރޯލް ނުކުރެވޭ ވަރަށް ކަންތައްތައް ގޯސްވެފަ އެވެ.

"އަހަރެންގެ ކުރިމަތީ އިން މީހާވެސް ފެށީ ދުވަން. ކައިރީގައި ހުރި މީހަކު ހެޔަށް ގޮތްވެގެން ފަރުވާވެސް ދިން" އާސިމް ބުންޏެވެ. "ދެން އަހަރެންނަކީ ކުރިން ކެބިންކްރީ ޓްރެއިނިން ކޮންމެވެސް ވަރަކަށް ހަދާފަ ހުރި މީހަކަށްވީމަ އެނގޭ އެހެން އުޅެގެން އެއްވެސް ކަމެއް ނުވާނެކަން. އެކަމަކުވެސް ވަރަށް ބޮޑަށް ބިރުން ޝަހާދަތް ކިޔައިގެން ހުރީ،"

ބޯޓުން ފޭބި ބައެއް މީހުން އެއާޕޯޓުން ނިކުމުގެން ދަނީ-- ފޮޓޯ: މިހާރު/ ޔާމީން

ނަސީބު ދިމާކުރިގޮތުން އެ ހާދިސާ ހިނގީ ފްލައިޓް ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭ ކަމުން ފްލައިޓް އެނބުރި ހުޅުލެއަށް ޖައްސަން ހޭދަވީވެސް 20 އަކަށް މިނެޓެވެ.

ފްލައިޓް އަނބުރާ އައިސް ސަލާމަތުން ޖެއްސުމުން ގިނަ ބަޔަކު އަތް ޖަހާ އުފާ ފާޅުކުރިއިރު އޭރުވެސް ބިރުން މީހުން ތެޅިފޮޅި އުޅުނެވެ. އެގޮތުން އެކަކު އެވަގުތު މަސައްކަތް ކުރީ އެމެޖެންސީ ދޮރު ހުޅުވާށެވެ. ނަމަވެސް ކެބިން ކްރޫގެ ހުށިޔާރުކަމުން އެކަން ވަނީ ވަގުތުން ހުއްޓުވައިފަ އެވެ. އެފަދަ ވަގުތަކު އެމެޖެންސީ ދޮރުހުޅުވުމަކީ ވަރަށް ނުރައްކާތެރިކަމެކެވެ.

"ފްލައިޓް ޖެއްސުމާއެކު އަޅުގަނޑުގެ ފޯނަށް މެސެޖުތަކާ ކޯލްތައް ލިބެން ފަށައިފި. އެހެންވެ ވަގުތުން ޓުވިޓާގައި މެެސެޖެއްވެސް ލިޔެލިން ސޭފް އޭ ބުނަންވެގެން. މީގެ ކުރިން ސައިކަލް އެކްސިޑެންޓް ވެފައި އެބަހުރި. އެކަމަކު މިހާ ބިރުވެރިކަމެއް ނުދެކެން." އާސިމް ބުންޏެވެ.

comment ކޮމެންޓް