ގާލްގައިޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ދިރާގާ ގުޅިގެން ބޭއްވި 21 ވަނަ ގައުމީ ޕެޓްރޯލް ލީޑާސް ކޭމްޕް ނިންމާލައިފި އެވެ.
ކ. މާފުށީގައި ކުރިއަށްދިޔަ އެ ކޭމްޕު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.
މިދިޔަ އަންގާރަ ދުވަހުން ފެށިގެން މާފުށީގައި ކުރިއަށްދިޔަ އެ ކޭމްޕުގައި ރާއްޖޭގެ 60 އަށްވުރެ ގިނަ ސްކޫލުތަކުން 200 އަށްވުރެ ގިނަ ގައިޑުން ބައިވެރިވެފައިވެއެވެ.
އެ ކޭމްޕު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާލް ގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނާ ނިއުމަތު ޝަފީގު ވިދާޅުވީ އެ ކޭމްޕަކީ ވަރަށްބޮޑު މަގުބޫލުކަމެއް އޮންނަ ކޭމްޕެއް ކަމަށެވެ. އާންމުގޮތެއްގައި ކޮންމެ ގައިޑަކަށްވެސް އެ ކޭމްޕުގައި އެންމެ ފަހަރަކު ބައިވެރިވެވޭގޮތަށް އޮތް ނަމަވެސް ބޮޑު ތަރުހީބެއް ލިބޭތީ އެ ގަވާއިދު ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަހަރުގެ ކޭމްޕު އަމާޒުކޮށްފައިވަނީ ރައްކާތެރިކަމާއެކު އިންޓަނެޓް ބޭނުންކުރުމަށް އަހުލުވެރިކުރުމުގެ ގޮތުންނެވެ.
އެގޮތުން އެ ކޭމްޕުގައި ދަސްކޮށްދީފައިވާ އަނެއް ކަމަކީ އިންޓަނެޓް ބޭނުންކުރާއިރު އެކަކު އަނެއްކަކަށް އިހުތިރާމުކުރާނެ ގޮތްތައް ކަމަށް ނިއުމަތު ފާހަގަކުރެއްވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ގާލް ގައިޑުންނަކީ މުޖުތަމައުގައި ރިވެތި އަހުލާގު ދެމެހެއްޓުމަށް ވަރަށް އިސް ރޯލެއް އަދާކުރާ ބައެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެފަދަ ކޭމްޕެއްގެ ސަބަބުން ދިރިއުޅުމުގައި ކަންތަކަށް ތައްޔާރުވާނެގޮތްތައް ދަސްވެގެންދާނެ ކަމަށެވެ.