ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު ގައުމުން ބޭރުގައި ކުޅެ ގުއާމް ގާތުން ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ހޯދި މޮޅަކީ ހައްގު މޮޅެއް ކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގަރޓް ބުނެފި އެވެ.
ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ގުއާމާ ދެކޮޅަށް މިއަދު ކުޅުނު މެޗުން ރާއްޖޭގެ ގައުމީ ޓީމު މޮޅުވީ 0-1ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗު ނިންމާލުމަށް ފަހު ވާހަކަ ދައްކަމުން ކޯޗު ބުނީ މެޗުގައި މޮޅަށް ކުޅުނީ ރާއްޖެއިން ކަމަށާއި އެ މެޗުގައި ރާއްޖެއިން ކުރި މަސައްކަތުން ލިބުނު މޮޅަކީ ހައްގު މޮޅެއް ކަމަށެވެ.
ފަހަކަށް އައިސް އެކި އެކި ސަބަބުތަކާ ހުރެ ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގާރޓަށް އަންނަނީ ގިނަ ބަޔަކު ފާޑު ކިޔަމުންނެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބެއްގެ ގޮތުގައި އޮތް ކަމަކީ ގުއާމް މެޗަށް ކޯޗު ސްކޮޑު އެކުލަވާލި އިރު މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އަލީ އަޝްފާގު (ދަގަނޑޭ) އާއި ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު އާރިފް (ބަކާ) އާއި މުހައްމަދު އުމެއިރު ވެސް ސްކޮޑުގައި ނުހިމަނުމުންނެވެ.
މި ކުޅުންތެރިންނަށް އޭނާ "މުސްކުޅި" ކަމަށް ބުނެ ފުރުސަތު ނުދިން އިރު މިދިޔަ އަހަރުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ ހަސަން ރާއިފް (ހަންނަ) ވެސް ސްކޮޑުގައި ހިމަނާފައި ނުވުމުން ކޯޗު ދައްކާ ވާހަކަތައް ތާކު ނުޖެހޭ ކަމަށް ގިނަ ބަޔަކު އައީ ބުނަމުންނެވެ.
ނަމަވެސް މިއަދުގެ މެޗުން މި ލިބުނު މޮޅާ އެކު ކޯޗު ބުނީ ޓީމުގައި ހިމެނުނު ޒުވާން ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް މެޗުގައި ދެއްކި ކަމަށާއި މިކަމަށް ހުރިހާ ދިވެހިން ވެސް އުފާ ކުރާނެ ކަމަށެވެ. އެގޮތުން އެންމެ 17 އަހަރުގެ ހަސަން ނަޒީމް (ޗޯޓް) ސީނިއާ ޓީމަށް ފުރަތަމަ މެޗު މިއަދު ކުޅުނު އިރު އޭނަ ދެއްކި މޮޅު ކުޅުން ސެގާޓް ވަނީ ފާހަގަ ކޮށްފަ އެވެ.
މީގެ އިތުރުން ގައުމީ ޓީމުން މިއަދު ކުޅުނީ އެޓޭކިންގް ފުޓުބޯޅަ ކަމަށާއި މީގެ ކުރިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި އިރު ވެސް ޓީމު ކުޅުނީ އެގޮތަށް ކަމަށް ކޯޗު ބުންޏެވެ. އަދި ކުރިއަށް އޮތް މެޗުތަކުގައި ވެސް އެފަދަ ކުޅުމެއް ކުޅޭނެ ކަމަށް ކޯޗު ވަނީ ބުނެފަ އެވެ.