ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ގައާމާ ދެކޮޅަށް ކުޅޭ މެޗަށް ރާއްޖޭގެ ގައުމީ ޓީމު މާދަމާ ނުކުންނަ އިރު ޓީމު އޮތީ ރަނގަޅު ހާލަތުގައި ނޫން ކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގަޓް ބުނެފިއެވެ.
ވޯލްޑްކަޕް ކޮލިފައިންގައި މާދަމާ ރަށުންބޭރުގައި ރާއްޖެއާއި ގުއާމް ބައްދަލުކުރާ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޯޗު ބުނީ ގުއާމަށް އިހުތިރާމް ކުރާ ކަމަށާއި އެކަމަކު މެޗު ކުޅެން ޖެހެނީ އެންމެ ބޭނުންވާ ހާލަތުގައި ތިބެ ނޫން ކަމަށެވެ.
ގުއާމް މެޗަށް ކޯޗު ސްކޮޑު އެކުލަވާލި ހަމައިން ފެށިގެން ވެސް ގިނަ ބަޔަކު ވަނީ ކޯޗު ނެގި ޓީމުގައި މުހިއްމު ބައެއް ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައި ނުވުމުން ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒު ކޮށްފަ އެވެ. އެގޮތުން މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އަލީ އަޝްފާގު (ދަގަނޑޭ) އާއި ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު އާރިފް (ބަކާ) އާއި މުހައްމަދު އުމެއިރު ވެސް ސްކޮޑުގައި ނުހިމަނަ އެވެ. އަދި މިދިޔަ އަހަރުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ ހަސަން ރާއިފް (ހަންނަ) ވެސް ނުނަގާ އިރު ސްކޮޑުގައި ހިމެނުނު ބައެއް ކުޅުންތެރިން އެކި އެކި ސަބަބުތަކާ ހުރެ މެޗަށް ނުދާނެ އެވެ.
ފަހަކަށް އައިސް ގައުމީ ޓީމުން ގަވާއިދުން ޖާގަ ހޯދަމުން އަންނަ އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) އާއި އަލީ ފާސިރު (ސެންޓޭ) އަމިއްލަ ސަބަބަކާ ހުރެ ގައުމީ ޓީމާ އެކު ދަތުރު ކޮށްފައި ނުވާ އިރު މިވަގުތު ޓީމުގައި ހުރި އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ އިބްރާހިމް ވަހީދު (އިއްބެ) ގެ އާއިލާގެ ހަތަރު މެމްބަރަކު ކުއްލި ގޮތަކަށް ނިޔާވުމުން ވަނީ ޓީމު ދޫކޮށް ރާއްޖެ އައިސްފަ އެވެ.
މީގެ އިތުރުން ޓީމުގެ ފައިނަލް ސްކޮޑުގައި ހިމެނުނު މިޑްފީލްޑަރު ހުސެއިން ނިހާން (ނިހާޓް) އާއި ގޯލްކީޕަރު ހުސެއިން ޝަރީފަށް ގުއާމަށް ދިއުމުގެ ވިސާ ހަމަނުޖެހުމުން އެނބުރި މާލެ އައުމަށް ވަނީ ތައްޔާރުވެފަ އެވެ.
ކޯޗު މިއަދު ބުނީ ދަނޑު ބޭރުން ހިނގައި ދިޔަ އެކި އެކު ސަބަބުތަކާ ހުރެ ޓީމު އޮތީ ރަނގަޅު ހާލަތެއްގައި ނޫން ކަމަށެވެ. އެގޮތުން އެކި އެކި ސަބަބުތަކާ ހުރެ ޓީމުގައި ނުހިމެނުނު ކުޅުންތެރިންގެ ނަންތައް ކޯޗު ފާހަގަ ކުރަމުން އޭނާ ބުނީ މެޗު ކުޅޭނީ އިދިކޮޅު ޓީމަށް އިހުތިރާމް ކުރަމުން ކަމަށެވެ.
"ކޮންމެ ކުޅުންތެރިޔަކަށް ވެސް ފުޓުބޯޅައަށް ވުރެން މުހިއްމު ކަންތައްތަކެއް ދިރިއުޅުމުގައި ހުންނާނެ. ޓީމު އޮތީ އިއްބެއާ އެކު. މާދަމާގެ މެޗުގައި ކުޅޭނީ އެންމެ މޮޅު ޓީމެއް ނޫންކަން ޔަގީން. އެވާހަކަ ދައްކައިގެން އިތުރު ފައިދާއެއް ނެތް. މެޗުގައި ނަތީޖާއެއް ނެރެވޭނެ ކަމަށް އުންމީދު ކުރަން." ކޯޗު ބުންޏެވެ.
ގުއާމް އާއި ރާއްޖެ ކުޅޭ މެޗު ފަށީނީ ރާއްޖޭގަޑިން މާދަމާ ހެނދުނު 10:30 ގަ އެވެ. މާދަމާ ކުޅޭ މެޗަށް ފަހު، ރާއްޖޭގެ ދެ ވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނުކުންނާނީ ޗައިނާ އާ ދެކޮޅަށް މާލޭގަ އެވެ.