ސުޕްރީމް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުން އައްޔަނުކޮށްފި

ޝުޖޫން އާއި އަޒްމިރަލްޑާ ސުޕްރީމު ކޯޓަށް އައްޔަނު ކުރުން --- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ސުޕްރީމް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުން އައްޔަނުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ، ސުޕްރީމް ކޯޓަށް ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އާއިޝާ ޝުޖޫން މުހައްމަދު އައްޔަނުކުރައްވައިފައެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ޝުޖޫނާއި އަޒްމިރަލްދާއަށް ހުވާ ލައިދެއްވީ އުއްތަމަފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއެވެ.

ޝުޖޫންއާއި ޑރ. އަޒްމިރަލްޑާ ސުޕްރީމު ކޯޓަށް އައްޔަނު ކުރުމަށް ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ އިއްޔެއެވެ.

އެ ދެ ބޭކަނބަލުން ސުޕްރީމު ކޯޓަށް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވީ ރައީސުލްޖުމްހޫރިއްޔާއެވެ. އެއީ ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކުން ހަތަކަށް އިތުރު ކުރުމަށް ގެނައި އިސްލާހާއެކުއެވެ.

ޑރ. އަޒްމިރަލްދާއަކީ މީގެ ކުރިން ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭކަނބަލެކެވެ. ޝުޖޫން ވަނީ މީގެ ކުރިން ސިވިލްކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފައެވެ.

comment ކޮމެންޓް