އެޗްއާރުސީއެމްގެ މެންބަރަކަށް ކޮރަޕްޝަންގެ ތުހުމަތުވާތީ ކަންބޮޑުވުން

އެޗްއާރުސީއެމްގެ މެންބަރު، މޫސާ އަލީ ކަލޭފާނު ކޮމިޝަންގެ މެންބަރު ކަމުގެ ހުވާ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ކުރިފުޅުމަތީ ކުރައްވަނީ: ޑިޒާސްޓާ މެނޭޖްމަންޓްގެ 24 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވޭ -- ފޮޓޯ/ ރައީސް އޮފީސް

ޑިޒާސްޓާ މެނޭޖްމަންޓްގެ ތެރެއިން ހިންގި ބޮޑު ހިޔާނާތެއްގައި ތުހުމަތުވާ ބޭފުޅަކު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މެންބަރެއްގެ ގޮތުގައި އިންނަވާތީ ރައްޔިތުން މަޖިލީހުގެ މެންބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު މިއަދު ވިދާޅުވީ، މިދިޔަ ދައުރުގައި އެޗްއާރުސީއެމްއަށް މެންބަރުން އައްޔަން ކުރި އިރު ޑިޒާސްޓާ މެނޭޖްމަންޓްގެ 24 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ މައްސަލައެއްގައި ތުހުމަތުވާ ފަރާތެއް ކޮމިޝަނަށް އައްޔަން ކޮށްފައިވާ ކަމަށެވެ. ވަކި ބޭފުޅެއްގެ ނަން ވިދާޅު ނުވެ، ޖީހާން ވިދާޅުވީ، އެބޭފުޅާ ކޮމިޝަނަށް އައްޔަން ކުރި އިރު އިރު، އެ މައްސަލައިގައި އޭނާ މައްޗަށް ދައުވާ ކުރުމަށް މައްސަލަ ޕީޖީއަށް ފޮނުވިފައިވާ ކަމަށެވެ.

"މިވަގުތުވެސް މިހާރުވެސް އެޗްއާރުސީއެމްގެ މެންބަރުންގެ ތެރޭގައި ޑިޒާސްޓާ މެނޭޖްމަންޓްގެ ތެރެއިން 24 މިލިއަން ރުފިޔާގެ ބޮޑު ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ މީހަކު މިވަގުތު ކޮމިޝަންގެ މެންބަރަކަށް އައްޔަން ކުރެވިފައިވޭ. މިއީކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން،" ޖީހާން ވިދާޅުވި އެވެ.

ޖީހާން އެ އިޝާރާތް ކުރެއްވީ، ރައީސް ޔާމީންގެ ސަރުކާރުގައި އެޗްއާރުސީއެމްގެ މެންބަރެއްގެ ގޮތުގައި އޮގަސްޓް 27، 2015 ގައި ކޮމިޝަނަށް އައްޔަން ކުރެއްވި މޫސާ އަލީ ކަލޭފާނަށެވެ. އޭނާ ވަނީ، 2007 އިން 2010 އަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލްކަން ކުރައްވައިފަ އެވެ.

އެ މައްސަލައިގައި 2013 ވަނަ އަހަރުގެ ކުރީކޮޅު ފުލުހުން އޭނާ ހައްޔަރުވެސް ކުރި އެވެ. އެ މައްސަލައިގައި އޭނާ ހައްޔަރު ކުރީ، ފުލުހުންގެ ތަހުގީގަށް ދެ ފަހަރެއްގެ މަތުން ތަފާތު ބަޔާނެއް ދީފައިވާތީ އާއި، ޑިޒާސްޓާގެ މުވައްޒަފަކާ ބައްދަލުކޮށް މައްސަލައިގެ ހެކި ފޮރުވަން އޭނާ މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގަ އެވެ.

ޖީހާން ވިދާޅުވީ، ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ ބޭފުޅަކު މިނިވަން މުއައްސަސާތަކުގައި ތިބޭ ނަމަ އެއީ ކޮމިޝަންތަކުގެ ނަސާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި އެފަދަ ތުހުމަތުތަކެއް އޮތް މެންބަރަކަށް ބިރެއް ނެތި ތައައްސުބުން އެއްކިބާވެ މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ޖީހާން ވިދާޅުވި އެވެ.

"މިފަދަ ކަންކަމުން މިނިވަން މުއައްސަސާތައް ސަލާމަތް ކުރެވިގެން ނޫނީ، ބިރު ނުގަނެ ފަސްނުޖެހި ތައައްސުބުން އެއް ކިބާވެގެން ނޫނީ މުއައްސަސާތައް ރަނގަޅެއް ނުކުރެވޭނެ،" ޖީހާން ވިދާޅުވި އެވެ.

ޖީހާން ފެންމަތި ކުރެއްވި ކަންބޮޑުވުންތަކާ ގުޅިގެން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ، އެޗްއާރުސީއެމްގެ މެންބަރާ ކޮމިޓީއިން އިންޓަވިއު ކުރި އިރު އޭނާ ބައިވެރިވެ ވަޑައިގަތް ކަމަށެވެ. އަދި އެ މައްސަލައިގައި އެބޭފުޅާ ހަތް ވަރަކަށް ދުވަހަށް ހައްޔަރު ކުރި ކަމަށް ވެސް އިންޓަވިއުގައި ސުވާލު ކުރުމުން ވިދާޅުވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް، އޭރު ކޮމިޓީގެ އަގުލަބިއްޔަތުން އޭނާ މެންބަރަކަށް ނަގަން ފާސްވީ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވީ، ކޮމިޝަން މިނިވަންކަމާ އެކު މަސައްކަތް ކުރުމަށް ބޮޑު ތުހުމަތެއްގައި ހުންނެވި ފަރާތެއް ކޮމިޝަންގެ މެންބަރަކަށް ނެގުމަކީ އެއްވެސް އުސޫލަކުން ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ، ކޮމިޝަންގެ މިނިވަންކަމާ މެދު ސުވާލު އުފެދޭނެ ކަމެއް ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

"ތުހުމަތެއް އެޅިފައި ދައުލަތުގެ ފަރާތުން ތަހުގީގެއް ހިންގިފައިވާ ބޭފުޅަކު ދައުވާ ކުރުމާ ހަމަޔަށް ގޮސްފައިވާ ބޭފުޅަކު، އެ މިންވަރަށް ތުހުމަތުވާ ބޭފުޅަކު އިނުމަކީ އޭގެ ޒާތުގައި ވަރަށް ބޮޑު ގޯހެއް ގޮތުގައި އަޅުގަނޑު ގަބޫލު ކުރަނީ. އެ ތުހުމަތުން ބަރީއަވަންދެން މުއައްސަސާތަކަށް މިފަދަ ބޭފުޅުން ވަޑައިނުގަތުން ނުލުން މިއީ އެންމެ ކުޑަމިންވަރަކަށް އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް،" އިންތި ވިދާޅުވި އެވެ.

މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވެސް ވިދާޅުވީ ބޮޑު ކޮރަޕްޝަންގެ ތުހުމަތުވާ ބޭފުޅަކު ކޮމިޝަނެއްގައި އިނދެގެން މިނިވަން ކަމާ އެކު މަސައްކަތް ކުރެވޭނެ ގޮތެއް އޭނާގެ ބުއްދިއަށް ނުވިސްނޭ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކަށް ނަޒާހަތްތެރި އަހުލާގު ރަނގަޅު ބޭފުޅުން އައްޔަންކޮށްގެން ނޫން ގޮތަކަށް އެތަންތަން މިނިވަން ނުކުރެވޭނެ ކަމަށް ވެސް ހަސަން ޒަރީރު ވިދާޅުވި އެވެ.

"ދެން ކިހިނެތްތޯ އެތަންތަން މިނިވަން ކުރާނީ. ބޮޑު ސިންގާ ކަރަޕްޝަންގެ މައްސަލައެއް އޮތް ބޭފުޅެއް ބައިންދައިގެން އަޅުގަނޑުމެން އިންސާނީ ކަރަމާތް ދަމަހައްޓާނީ މިނިވަން ކަމާ އެކު މަސައްކަތް ކުރާނީ. އެގޮތަށް ގަބޫލު ކުރުން ވެސް އެއީ ކުށްހީއެއް،" ޒަރީރު ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު