ސެމްސަންގް ފަތްޖެހި ފޯނުވެސް މި މަހު ނެރެނީ

ސެމްސަންގުގެ ފަތްޖަހާލެވޭ ފޯނު --

މި މަހަކީ އެޕަލް އަދި ސެމްސަންގް ބްރޭންޑަށް ލޯބިކުރާ ފަރާތްތަކަށް އީދެއް ކަހަލަ މަހެކެވެ.

އައިފޯންގެ ތިން ފޯނެއް މި މަހު 11 ގައި ނެރުމަށް ހަމަޖެހިފައިވާއިރު ސަމްސަންގް އިން ވެސް އަންނަނީ ތަފާތު ފޯނެއް ނެރުމުގެ މަސައްކަތްކުރަމުންނެވެ.

ސަމްސަންގް ފަތްޖެހި ފޯނު މި މަހު ހައެއްގައި ނެރުމަށް ނިންމާފައިވާއިރު މިހާރު އަންނަނީ ފޯނު ނެރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

އެ ފޯނު އެންމެ ފުރަތަމަ ބާޒާރަށް ނެރެން ނިންމީ މިދިޔަ އޭޕްރިލް މަހުގައެވެ. ނަމަވެސް އޭރު ފޯނުގެ ސްކްރީނަށް ދިމާވި ބޮޑު މައްސަލައަކާ ގުޅިގެން ފޯނު ލޯންޗްކުރެވިފައެއްނުވެއެވެ.

ނަމަވެސް ފޯނުގެ ސްކްރީނަށް ދިމާވި މައްސަލަ ހައްލުކޮށް ފޯނު ބާޒާރަށް ނެރުމަށް މިހާރު އެ ކުންފުނިން ވަނީ ތައްޔާރުވެފަ އެވެ.

މީގެ ކުރިން ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލި ނަމަވެސް ސެމްސަންގުން ވަނީ ފޯނުގެ ޕްރި-އޯޑަރަށް ހުޅުވައިލި ފުރުސަތު ބަންދުކޮށްފައެވެ. އަދި ފޯނު ގަންނަން ފައިސާ ދެއްކި މީހުންނަށް ރީފަންޑުވެސް ދީފަ އެވެ.

އެ ފޯނުގެ އަގު 1980 ޑޮލަރަށް އަރާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

މި ފޯނުގައި އޯލެޑް ކާވްޑް ޑިސްޕްލޭއެއް ހިމަނާއިރު ފިންގާޕްރިންޓް ސްކޭނަރު ހިމަނާނީ ސްކްރީނު ތެރޭގައެވެ. މީގެ އިތުރުން ފޯނުގައި ބެކް ކެމެރާގެ ގޮތުގައި ތިން ކެމެރާ ހިމަނާފައިވެއެވެ. ސެލްފީ ކެމެރާ ވެސް ހިމަނާފައިވަނީ މާބޮޑަށް ފާހަގަ ނުވާނެ ގޮތަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް