1200 ބައިވެރިންނާ އެކު ގައުމީ ގުރުއާން މުބާރާތް ފަށައިފި

33 ވަނަ ގައުމީ ގުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

ޖުމްލަ 1273 ދަރިވަރުންނާއެކު 33 ވަނަ ގައުމީ ގުރުއާން މުބާރާތް ރޭ ފަށައިފި އެވެ.

އެ މުބާރާތް ފެށުމުގެ ގޮތުން އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.

އެ ހަފްލާގައި ނައިބު ރައީސް ފައިސަލް ވިދާޅުވީ، ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއް ކަމުގައި ވީނަމަވެސް ކޮންމެ ރޯދަ މަހަކާ ދިމާކޮށް ގާރީންނާއި ހާފިޡުން ފަދަ ފަރާތްތައް ރާއްޖެއިން ބޭރުން ގެންނަންޖެހުމަކީ ވިސްނާލަންޖެހޭ ކަމެއް ކަމަށެވެ. އޭގެ ބަދަލުގައި ރާއްޖެއިން އެކަންކުރެވޭނެ ގޮތެއް ހޯދަންޖެހޭކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ރާއްޖެއިން މިހާރުވެސް ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތްތަކާއި ބޭރުގެ އެކިއެކި މުބާރާތްތަކުގައި ބައިވެރިވަމުންދާކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ ރަމަޟާންމަހު ގާރީން ބޭރުން ނުގެނެސް ރާއްޖެއިން އެކަން ހަމަޖެއްސުމުގެ މަގްސަދުގައި މަސައްކަތްކޮށްފިނަމަ ދާދި އަވަހަށް އެކަން ކާމިޔާބުވެދާނެ ކަމަށެވެ.

ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ--- ފޮޓޯ/ ރައީސް އޮފީސް

ގުރުއާން ކިޔަވައި އޭގެ މާނަ ދަސްކުރާ ބަޔަކަށް ވުމަށާއި ގުރުއާނުގައި ﷲ އަންގަވާފައިވާ ގޮތަށް އަމަލުތައް ބެހެއްޓުމަށް ދަރިންނަށް ނަސޭހަތްތެރިވެދެއްވައި އެކަމަށް ބާރުއަޅުއްވައި ދެއްވުމަށް ބެލެނިވެރިންގެ ކިބައިން ނައިބު ރައީސް އެދިވަޑައިގެންނެވި އެވެ.

މިއީ މިފަދަ މުބާރާތެއްގައި މިހާގިނަ ދަރިވަރުން ބައިވެރިވާ ފުރަތަމަ ފަހަރެވެ. އަދި މީގެ އިތުރުން މިއީ އެއްފަރާ ދެތަނެއްގައި ގައުމީ މުބާރާތުގެ ކިޔެވުން ކުރިޔަށްގެންދެވޭ ފުރަތަމަ ފަހަރުވެސް މެއެވެ. އެގޮތުން މުބާރާތުގެ ކިޔެވުން އިސްލާމީ މަރުކަޒުގެ ހޯލާއި ކީރިތި ގުރުއާނާބެހޭ މަރުކަޒުގައި އެއް ވަގުތެއްގައި ކުރިޔަށްގެންދާނެ އެވެ.

comment ކޮމެންޓް