ބޮޑު ޓީޗަރުގެ މަރު: ތިޔަ ދަނީ އެންމެން ރޮއްވާފައި!

ބޮޑު ޓީޗަރު ހުސައިން: ވަޒީރު ވިދާޅުވަނީ އެއީ ސުޕާ ޓީޗަރު ކަމަށް ---

މިއަދު މެންދުރު ހދ. ހަނިމާދޫ ކަނޑުއޮޅިއާ ދިމާލުން ބަންޑުން ޖަހާލި ލޯންޗްގެ ދަށުވެ، ފަސް މީހަކު މަރުވި އިރު، އޭގެ ތެރެއިން އެކަކީ، ހދ. ނޮޅިވަރަންފަރު އަހިމާގެ، ހުސެއިން އަބްދުﷲ ނުވަތަ އޭނާގެ ދަރިވަރުންގެ ނަމުން ނަމަ ”ބޮޑު ޓީޗަރު“އެވެ.

ބޮޑު ޓީޗަރަކީ، ތައުލީމީ ގާބިލު، އެތައް ދަރިވަރުންނެއްގެ ލޯބި ހޯދައިފައިވާ މުދައްރިސެކެވެ. އެއީ ނޮޅިވަރަންފަރު ސުކޫލުން ދަރިވަރުވާ ކުދިންގެ ތައުލީމުގެ ބިންގާ އަޅައިދޭ އެދުރެކެވެ. އެކަމަކު އެ ދަރިވަރުންނަށް މިއަދު ސިހުން ގެނުވީ ބޮޑު ޓީޗަރު އަބަދަށްމެ އެ ދަރިވަރުންނާ އަލްވަދާއު ކިޔައިފި ކަމުގެ ހަބަރާ އެކު އެވެ. އެ ހަބަރުން މުޅި ނޮޅިވަރަމްފަރު ހިމޭންކޮށްލި އެވެ.

މިއަދުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން އެތަށް ބަޔަކު ދަނީ ތައުޒިޔާގެ މެސެޖްތައް އެ އާއިލާތަކަށް ފޮނުވަމުން އެވެ. ތައުލީމީ ވަޒީރު، ޑރ. އައިޝަތު އަލީ ބޮޑު ޓީޗަރު ސިފަކުރެއްވީ، "ސުޕާ ޓީޗަރު" ގެ ގޮތުގަ އެވެ. ޑރ. އައިޝަތު އަލީ ތައުޒިޔާގެ މެސެޖް ފޮނުވަމުން ވިދާޅުވީ، ސުޕާ ޓީޗަރާއި އަދި އެ ހާދިސާގައި މަރުވި އެހެން މީހުންގެ ކުއްލިމަރުން ފުން ހިތާމައެއް ވެރިވެފައިވާ ކަމަށެވެ.

"ދަރިވަރުންގެ ހިތްތަކުގައި އަބަދު ވެސް އެ ދަރިވަރުންގެ މުދަރިސުންގެ ދިރުން ހުންނާނެ،" ހިތާމަވެރި ހާދިސާގެ ތައުޒިޔާ ޓްވީޓްގައި ވަޒީރު ވިދާޅުވި އެވެ.

ބޮޑު ޓީޗަރަކީ، ނޮޅިވަރަންފަރު ސުކޫލުގެ 50 އަހަރުގެ ހަޔާތުގައި އެންމެ ގިނަ ދުވަސްވީ ޓީޗަރެވެ. އޭނާ ވަނީ އެ ސުކޫލަށް 34 އަހަރު ދުވަހު ހިދުމަތްކޮށްފަ އެވެ. ސޫކުލު ހިންގެވުމުގައި 16 އަހަރު ހޭދަކުރެއްވި އެވެ. ދާދިފަހުން އެ ސުކޫލުގެ ރަންޔޫބިލް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައިސް ފައިސަލް ނަސީމްގެ އަތްޕުޅުން ބޮޑު ޓީޗަރު ވަނީ އެވޯޑްވެސް ހޯއްދަވާފަ އެވެ.

ނޮޅުވަންފަރު ރަންޔޫބިލް ރަސްމިއްޔާތުގައި ބޮޑު ޓީޗަރު ހުސައިން ނައިބު ރައީސްގެ އަތްޕުޅުން އެވޯޑު ހޯއްދަވަނީ ---

މިއަދު ހިނގި ހިތާމަވެރި ހާދިސާގައި ލޯންޗް ބަންޑުން ޖަހާލައި ބޮޑު ޓީޗަރާއެކު އޭނާގެ އަންހެނުން މަރިޔަމް މަނިކެ އާއި އެ ދެމަފިރިންގެ ހަމައެކަނި އަންހެން ދަރިފުޅު ގުރައިޝާ އަބްދުﷲ، 30، އަދި ގުރެއިޝާގެ ފަސް އަހަރުގެ އަންހެން ދަރިފުޅު ވެސް މަރުވި އެވެ. އޭގެ އިތުރުން އެ ރަށުގައި ދެން އެންމެ ގިނަ ދުވަސްވީ ޓީޗަރު، ޝުކޫރުގެ އަންހެނުން ވެސް ވަނީ މަރުވެފައިވެ އެވެ.

މިއީ، ހަމައެކަނި ނޮޅިވަރަމްފަރަށް ވެރިވެފައިވާ ހިތާމައެއް ނޫނެވެ. މި ހިދުމަތްތެރިއާޔާއި އޭނާގެ އާއިލާގެ ތިން މެންބަރުންގެ އަބަދަށް ވަކިވުމާއި އެކު މުޅި ރާއްޖެ ވަނީ ހިތާމައިގެ ތެރެއަށް ގެނބިފަ އެވެ. އެ ހިތާމައިގައި ބައިވެރިވި ނުވާ ދިވެއްސަކު ނެތެވެ. ބޮޑު ޓީޗަރު އަހަރުމެންނާ ވަކިވެ އެދިޔައީ އެންމެން ރޮއްވަމުން އެވެ.

comment ކޮމެންޓް