ބީއެމްއެލް ކޮމިޔުނިޓީ ފަންޑުގެ އެހީ ފަސް ރަށަކަށްދީފި

ބީއެމްއެލް ކޮމިޔުނިޓީ ފަންޑް ޕްރޮގްރާމުގެ ދަށުން ހިންގި ޕްރޮޖެކްޓެއް -- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިޔުނިޓީ ފަންޑުން ފަސް ރަށަކަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ބީއެމްއެލް ކޮމިޔުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުންތައާރަފުކޮށްފައިވާ ފަންޑެކެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ބޭންކުން އެހީފޯރުކޮށްދޭ ފަސް ޕްރޮޖެކްޓަކީ:

ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ - ބ. ކިހާދޫގައި ކޮމިއުނިޓީ ޕާކެއް ގާއިމްކުރުން

ފޭދޫ އެންވަޔަރަމަންޓް ޑިވެލޮޕްމަންޓް އެސޯސިއޭޝަން –- އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމުގެ ގޮތުން ށ. ފޭދޫގެ ރައްޔިތުންނަށް ބިއްލޫރި ފުޅި ހަދިޔާކުރުން

ކޮޅުފުށީ އެކުވެރި ކްލަބް - މ. ކޮޅުފުށީ ސްކޫލް ސަރަހައްދުގައި ބެލެނިވެރިންނާއި ދަރިވަރުން ބޭނުންކުރުމަށް ހިޔާވާ ތަނެއް ހެދުން
ފަރީދާ އިބްރާހިމް –- ސ.ހުޅުދޫގެ ރާފަޅާ ގޮނޑުދޮށް ސަރަހައްދުގައި ހިތްފަސޭހަ މައިޒާނެއް ގާއިމްކުރުން

އަބޫބަކުރު އަލީ ފައުންޑޭޝަން –- ކ. ގާފަރުގެ ސެން ކްލާސްރޫމް ތަރައްގީކުރުން

ބީއެމްއެލް ކޮމިޔުނިޓީ ފަންޑް ޕްރޮގްރާމުގެ ދަށުން ހިންގި ޕްރޮޖެކްޓެއް -- ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އިން ބުނީ އެ ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމައަށް ފޯރުކޮށް ދިނުމަކީ ބޭންކުގެ އަމާޒު ކަމަށެވެ.

"މި ގޮތުން ފާއިތުވި އަހަރު ތެރޭގައި ވެސް މުޅި ރާއްޖެ ޝާމިލްވާ ގޮތަށް މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން 110 ޕްރޮޖެކްޓް ވަނީ ކާމިޔާބުކަމާ އެކު ކުރިޔަށްގެންދެވިފައި. މި އަހަރު އިފްތިތާހުކުރެވުނު ކޮމިއުނިޓީ ފަންޑާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރާ މަސައްކަތް މިވަނީ އިތުރުވެގެން ގޮސްފައި،" ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.

ކޮމިޔުނިޓީ ފަންޑުގެ ފުރަތަމަ ކުއާޓަރުގައި ހޮވުނު ފަރާތްތަކުން ފަސް ރަށެއްގައި ކާމިޔާބު ޕްރޮޖެކްޓުތަކެއް ވަނީ ހިންގައިފަ އެވެ.

ބީއެމްއެލް ކޮމިޔުނިޓީ ފަންޑް ޕްރޮގްރާމުގެ ދަށުން ހިންގި ޕްރޮޖެކްޓެއް -- ފޮޓޯ: ބީއެމްއެލް

މުޖުތަމައަށް އަމާޒުކޮށް ހިންގުމަށް ގަސްދުކުރާ ހަރަކާތްތައް، ދެމެހެއްޓެނެވި ގޮތެއްގައި ހިންގުމަށް އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ވަނީ ހުޅުވާލެވިފަ އެވެ. އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި ތައުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކަށް ވާން ޖެހެ އެވެ.

މި އަހަރުގެ ކޮންމެ ކުއާޓަރެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށް ޓަކައި 50,000 ރުފިޔާ ދެ އެވެ.

comment ކޮމެންޓް