މުސްލިމް މެމްބަރު ކޮންގްރެސްއިން ބޭރުކުުރުމަށް މަސައްކަތް ފަށައިފި

ކޮންގްރެސްގެ މެމްބަރު އިލްހާން އޮމަރު---

އެމެރިކާގެ ކޮންގްރެސްގައި މިނެސޯޓާ ތަމްސީލް ކުރައްވަމުންދާ މުސްލިމް މެމްބަރު އިލްހާން އޮމަރު ކޮންގްރެސްއިން ބޭރުކުުރަން މަސައްކަތްތަކެއް ފަށައިފި އެވެ.

އިލްހާން ކޮންގްރެސް ތަމްސީލް ކުރައްވަނީ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުންނެވެ.

އިލްހާން މަގާމުން ވަކިކުރަން މަސައްކަތް ކުރަމުންދަނީ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެމްބަރުންތަކެކެވެ. އެގޮތިން އެލެބާމާގެ ރިޕަބްލިކަން ޕާޓީގެ ބޭފުޅުން ވަނީ އިލްހާން މަގާމުން ވަކިކުރުމަށް ގަރާރެއްވެސް ފާސްކޮށްފަ އެވެ.

އެ ގަރާރުގައި ބުނީ އިލްހާންއަކީ އެމެރިކާއިން ގެންގުޅޭ ގަބޫލުކުރުންތަކާއި ވިސްނުންތަކާއި ވަރަށް ދެކޮޅު ބޭފުޅެއް ކަމަށެވެ. އަދި އެމެރިކާގެ ސިފައިން ހަނގުރާމައިގެ ޖަރީމާތައް ހިންގާކަމުގެ ދޮގު ތުހުމަތުތައްވެސް ކުރާ ކަމަށް ގަރާރުގައި ވެއެވެ.

އޭގެ އިތުރުން އިސްރާއިލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އިލްހާން ގޮވާލާ ކަމަށާއި އަދި މިއީ ގަބޫލުކުރެވޭނެ އަމަލުތަކެއް ނޫން ކަމަށްވެސް ގަރާރުގައިވެ އެވެ.

އިލްހާން އަކީ އިސްރާއިލްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންދާ ބޭފުޅެއްވެސް މެެއެވެ. ދާދި ފަހުން އިސްރާއިލްއިން ވަނީ އިލްހާން އެގައުމަށް އެތެރެވުމުގެ ހުއްދަވެސް ނުދީފަ އެވެ.

ސޯމާލިއާއަށް އުފަން އިލްހާން އެމެރިކާއަށް ހިޖުރަކުރެއްވީ 1995 ވަނަ އަހަރު އެވެ. އަދި އެމެރިކާގެ ރައްޔިތަކަށްވީ 2000 ވަނަ އަހަރު އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް