ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ އިންޓަވިއު މިރޭ ކުރަނީ

ސުޕްރީމު ކޯޓުގެ ބެންޗަށް ކުރިމަތިލި ބޭފުޅުންގެ އިތުރުން ރައީސް ހުށަހެޅުއްވި ބޭފުޅުން --

ސުޕްރީމު ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލި ފަރާތްތަކާ އިންޓަވިއުކުރުން މިރޭ ކުރިއަށް ގެންދިޔުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ސުޕްރީމު ކޯޓުގެ ބެންޗު ފަހަކުން ހަތަކަށް އިތުރުކުރުމަށް ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހާއެކު ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ހައިކޯޓުގެ ހަތަރު ފަނޑިޔާރަކު ކުރިމަތި ލެއްވި ކަމަށް ޖޭއެސްސީ އިން ބުންޏެވެ.

ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުންނަކީ ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރާއި އަބްދުﷲ ހަމީދުގެ އިތުރުން ޝުއައިބު ހުސެން ޒަކަރިޔާ އަދި މުހައްމަދު ނިޔާޒެވެ.

މިރޭ ހަތަކުން ފެށިގެން މި ބޭފުޅުންނާ އިންޓަވިއު ކުރުން ކުރިއަށް ގެންދާއިރު ޖޭއެސްސީގެ ބޭނުމަށް އިންޓަވިއު ރެކޯޑު ކުރާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މި ހަތަރު ބޭފުޅުންގެ އިތުރުން ސުޕްރީމު ކޯޓުގެ ބެންޗަށް އައްޔަނު ކުރުމަށް ދެ ބޭފުޅެއްގެ ނަމަށް ލަފާހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޖޭއެސްސީ އަށް ފޮނުއްވައިފައެވެ. އެއީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އާއިޝާ ސުޖޫންގެ ނަމެވެ.

އަޒްމިރަލްޑާ އަދި ސުޖޫން އާއި އިންޓަވިއުކުރުންވެސް މިރޭ ކުރިއަށްގެންދާނެއެވެ.

https://sun.mv/123421

comment ކޮމެންޓް